ރަސޫލާ ޙަދީސްކުރެއްވި ބަސްފުޅެއްގައި ވެއެވެ. (سَمِعْتُ عُمَرَ بْنَ الخَطَّابِ عَلَى المِنْبَرِ قَالَ: سَمِعْتُ رَسُولَ اللَّهِ (صلى الله عليه وسلم) يَقُولُ: إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا، أَوْ إِلَى امْرَأَةٍ يَنْكِحُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ)
ޢުމަރުގެފާނު މެމްބަރު މަތީގައި ހުންނަވައިގެން ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ: "ޢަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް ވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. ފަހެ އެމީހެއްގެ ހިޖްރައަކީ ﷲ އާއި ރަސޫލާއަށްޓަކައި ކުރި ހިޖްރައެއްނަމަ އެއީ ﷲ އާއި ރަސޫލާއަށްޓަކައި (އިސްލާދީނަށްޓަކައި) ކުރި ހިޖްރައެކެވެ. އަދި އެމީހެއްގެ ހިޖްރައަކީ ދުނިޔޭގެ އެދުމެއް ޙާޞިލް ކުރުމަށް ކުރި ހިޖްރައެއްނަމަ ނުވަތަ އަންހެނަކާ ކައިވެނި ކުރުމަށް ކުރި ހިޖްރައެއްނަމަ އެހިޖުރައެއް ވާނީ އޭނާ އެހިޖުރަ ކުރި ކަމަކަށްޓަކައި ކުރި ހިޖްރައެކެވެ. އެބަހީ އެއީ ދީނަށްޓަކައި ކުރި ހިޖްރައަކަށް ނުވާތީ އެއީ ސަވާބު ލިބޭނެ ހިޖްރައެއް ނޫނެވެ."
އިންސާނާ ކިތަންމެ ގިނަ ރަނގަޅު ޢަމަލުތަކެއް ކުރިކަމުގައިވިޔަސް އެމީހާގެ ހެޔޮނިޔަތެއް ނެތްނަމަ އެމީހާ އެކުރި ރަނގަޅު ޢަމަލުގެ ޙަޤީގީ ފައިދާ އޭނައަކަށް ދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް ނުކުރާނެއެވެ. ނިޔަތަކާއި އެކު ކުރުމޭ ބުނާ ބަހުގެ މާނައަކީ އެކުރާ ޢަމަލެއް ﷲއަށްޓަކައި ކުރުމެވެ. (އެބަހީ: ﷲކުރުމަށްއަންގަވާފައިވާ ކަމަކަށްވާތީ އެނިޔަތުގައިކުރުމެވެ.)އެހެންކަމުން އިންސާނާ ކުރާ ޢަމަލަކީ ކިތަންމެ ކުޑަ ހެޔޮޢަމަލެއް ކަމުގައިވިޔަސް އޭނާގެ އެކަން އެކުރަނީ ނުވަތަ ނުކޮށް ދޫކޮށްލަނީ ﷲއަށްޓަކައި ކަމުގައި ވާނަމަ އެ ޢަމަލަކުން އެމީހަކަށް އެތައްގިނަގުނަ ސަވާބެއް ލިބޭނެއެވެ.
އެގޮތުން މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާނީ ޢަމަލު ކުރުމުގައި ނިޔަތަކާއިއެކު ކުރުމާއި ނިޔަތަކާނުލާ ކުރުމުގެ ތަފާތުގެ މައްޗަށެވެ. އެހެންކަމުން ތިރީގައި މި އަލިއަޅުވާލަނީ އޭގެ ބައެއް މިސާލުތަކަށެވެ.
(1) ޣައިރު މުސްލިމަކު އިންސާނިއްޔަތަށްޓަކައި ކިތައްމެ ގިނަ ހޭދައެއް ކުރިކަމުގައި ވިޔަސް އޭނާއަކަށް އެކަމުގެ ސަވާބެއް ނުލިބެއެވެ. ސަބަބަކީ އޭނާގެ ނިޔަތުގައި އޭނާ އެކުރި ޢަމަލަކީ ﷲއަށްޓަކައި ކުރި ޢަމަލެއް ކަމުގައި ނުވުމުންނެވެ. އެހެންކަމުން އޭނާގެ އެ ޢަމަލު ވެގެންދާނީ ﷲ ހަޟްރަތުގައި ބޭކާރު ޢަމަލެއްކަމުގައެވެ. ދުނިޔެމަތީގައި އެމީހަކަށް އިންސާނުންގެ ރުހުމާއި މަޤްބޫލުކަން ލިބިދާނެއެވެ. ނަމަވެސް ޤިޔާމަތްދުވަހުންވެސް އަދި ދުނިޔެމަތީގައިވެސް އޭނާއަކަށް އޭގެ ސަވާބެއް ނުލިބޭނެއެވެ.
(2) މަތީގައި ބަޔާންކުރި މިސާލާ ޚިލާފަށް މުސްލިމަކު ހެޔޮނިޔަތުގައި ކަމެއް ކޮށްފިނަމަ އެއީ ކިތަންމެ ކުޑަކުޑަ މިންވަރެއް ކަމުގައިވިޔަސް ﷲގެ ހަޟްރަތުގައި އޭނާގެ ދަރަޖަ އެތަކެއް ގުނައަކަށް އުފުލިގެން ދެއެވެ. އެހެންކަމުން މުއްސަންޖަކަސް ފަޤީރަކަސް އަންހެނަކަސް ފިރިހެނެކަށްވެސް ސަވާބުލިބުމުގައި ތަފާތެއް ނެތެވެ. މުއްސަނދިމީހާ ހެޔޮނިޔަތުގައި ހޭދަކުރާއިރު އޭނާގެ ފެންވަރުން ގިނައިން ހޭދަކުރުމުގައި މައްސަލައެއްނެތެވެ. ނަމަވެސް ފަޤީރުމީހާ މިސާލަކަށް 10 ރުފިޔާ ލިބޭ މީހާ އޭގެން އެންމެ ރުފިޔާއެއް ހެޔޮނިޔަތުގައި ﷲ އަށް ޓަކައި ހޭދަކުރިޔަސް ވަކި އޭނާގެ ދަރަޖަ ސަވާބު ލިބުމުގައި ތަފާތެއް ނުވާނެއެވެ. ސަބަބަކީ މުއްސަނދި މީހާވެސް ފަޤީރުމީހާވެސް އެހޭދަކުރީ އެމީހަކަށް ލިބޭ މިންވަރުންނެވެ. އަދި ﷲއަށްޓަކައެވެ.
(3) މަތީގައި ބަޔާންކުރި މިސާލުތަކާ ޚިލާފަށް ސަވާބުހޯދުމަށްޓަކައި ޢަމަލެއް ކުރާއިރު އެޢަމަލަކީ ހުރިހާ ޙާލަތެއްގައި ފައިސާއަށް ނުވި ކަމުގައިވިޔަސް އެ ޢަމަލުކުރާމީހާގެ ހެޔޮނިޔަތެއް ވާނަމަ ﷲ ގެ ހަޟްރަތުގައި އެޢަމަލު ވެގެންދާނީ ސަވާބު ލިބިލިބި ހުންނަ ޢަމަލަކަށެވެ. މީގެ މިސާލަކީ ކައިވެނި ކުރުމަށްފަހު ފިރިމީހާއާއި އަނބިމީހާ އެކަކުއަނެކަކަށްޓަކައި އަދި ދަރިންނަށްޓަކައި އަދާކުރަންޖެހޭ ޒިންމާ ތަފާތުވެދާނެއެވެ. އެގޮތުން އަޅުގަނޑުމެންގެ މުޖުތަމަޢަށް ބަލާލިކަމުގައިވިޔަސް ނުވަތަ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ކަންހިނގާ ޢާންމު އުސޫލަށް ބަލާލިކަމުގައިވިޔަސް ކުދިންގެ ކަންކަމުގަޔާއި ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައި އިސް ރޯލެއް އަދާކުރަނީ އަނބިމީހާއެވެ. ޚަރަދުތަށް ބެލެހެއްޓުމުގެ ބޮޑު ޒިންމާ ގިނަފަހަރަށް އަދާކުރަނީ ފިރިމީހާ ނުވަތަ ކުދިންގެ ބައްޕައެވެ. ފިރިމީހާ އަދާކުރަނީ ކިތަންމެ ގަދަފަދަ ބުރަ ޒިންމާއެއްކަމުގައި ވެފައި އަނބިމީހާ އަދާކުރަނީ ނިސްބަތުން ލުއި ޒިންމާއެއް ކަމުގައިވިޔަސް ސަވާބުލިބުމުގައި ދެމީހުންގެ ދަރަޖަ ބިނާވެފައި ވަނީ ނިޔަތުގެ މައްޗަށް ކަމަށްވާތީ ލިބޭ ސަވާބާއި ދަރުމައިގައި ތަފާތެއް ނެތެވެ.
އެގޮތުން ފިރިމީހާއަކީ މުސްލިމެއް ކަމުގައިވިޔަސް އޭނާ އަދާ ކުރާ ޒިންމާތަށް އަދާކުރަނީ ﷲއަށް އަދާކުރަންޖެހޭ އަޅުކަންތައް އަދާނުކޮށް ވަކި ނިޔަތެއްނެތި ހަމައެކި ކައިވެނިކޮށްގެން އުޅޭތީ މަޖުބޫރު ވެގެން ކުރާކަމެއްގެ ގޮތުންކަމުގައި ވާނަމަ އެކަމުގެ ހެޔޮއަޖުރު އެމީހަކަށް ދުނިޔެއާއި އާޚިރަތުގައިވެސް ނުލިބޭނެކަންކަށަވަރެވެ. މިއާ ޚިލާފަށް އަނބިމީހާ އަދާކުރާ އޭނާގެ ޒިންމާތަށް އަދާކުރަނީ ﷲއަށްޓަކައި ސަވާބު ހޯދުމުގެ ނިޔަތުގައި ކަމަށްވާނަމަ އޭނާ ދަރިންނަށް ހޭދަކުރުމަށްޓަކި ފައިސާތަކެއް ނުހޯދި ކަމުގައި ވިޔަސް އޭނާ ގޭތެރޭގައި ފިރިމީހާއާއި ދަރިންނަށްޓަކައި އަދާކުރާ މަސްއޫލިއްޔަތުތަކަކީ ﷲއަށްޓަކައި އަދާކުރާ ވަރަށް މުޤައްދަސް ޢަމަލުތަކެއް ކަމުގައި ވާނަމަ ސަވާބު ލިބުމުގައި އަނބިމީހާގެ ދަރަޖަ ފިރިމީހާއަށްވުރެ މަތިވެގެންދެއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންވާނީ ޙަދީސްގައި ބުނާފަދައިން ޢަމަލުތައް ކުރުމުގައި ހެޔޮނިޔަތް ގެންގުޅޭ އަމިއްލަ ނަފްސަށް ތެދުވެރި ބަޔަކަށެވެ. އެހެނީ ތެދުވެރިކަމުގެ އަޞްލު ފެށިގެންދަނީ ތިމާ ތިމާގެ އަމިއްލަ ނަފްސަށް ތެދުވެރިވާ ހިސާބުންނެވެ. އަޅުގަނޑުމެންގެ ޢަމަލުތަށް ﷲ ހަޟްރަތުގައި ޤަބޫލުވެވިގެންދާހުށީ އޭރުންނެވެ.