
ކޯވިޑް ޖެހިފައި ހުރި މީހަކު ނިޔާވެފައި އޮތްކަމަށް ބުނެ ސޯޝަލްމީޑިއާގައި ދޮގު މައުލޫމާތު ފެތުރި މައްސަލަ ތަހުގީގުކުރައްވައި ފިޔަވަޅު އަޅުއްވާނެކަމަށް ފުލުހުންގެ މުއައްސަސާއިން ވިދާޅުވެއްޖެއެވެ. ފުލުހުން މިހެން ވިދާޅުވީ ކޯވިޑް ޖެހިގެން އޮޅުވެލީގައި ހުރި މީހަކު ބިލިގާއެއްގެ ތެރޭގައި ނިޔާވެފައި އޮތްކަމަށް ބުނެ މިރޭ ސޯޝަލްމީޑިއާގައި ދައުރުކުރަމުންދާ ފޮޓޯއާ ގުޅިގެންނެވެ.
ފުލުހުންގެ މުއައްސަސާގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ފޮޓޯއަކީ ހަގީގަތާ ޚިލާފު ވާހަކައެއްކަމުގައެވެ. ފުލުހުން ވިދާޅުވީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލްމީޑިއާގައި ދޮގު ޚަބަރު ފެތުރި މައްސަލަ އެ މުއައްސަސާއިން ތަހުގީގުކުރައްވައި ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށެވެ. އެ ޕޯސްޓު މީސްމީޑިއާގައި ހިއްސާކުރި ފަރާތްތަކުން ޕޯސްޓު ނެގުމަށާއި އަދި އިތުރަށް ޝެއަރ ނުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.
ފުލުހުން ވިދާޅުވީ ކޯވިޑާ ގުޅިގެން ދޮގު މައުލޫމާތު ފަތުރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރައްވާނެ ކަމަށެވެ. އަދި އެފަދަ އަމަލުތައް ނުހިންގެވުމަށް ވެސް އިލްތިމާސްކުރައްވާފައިވެއެވެ.