
ޗައިނާއިން ރާއްޖޭގައި 800 މީހުންގެ ކަރަންޓީން ފެސިލިޓީތަކެއް ޤާއިމްކުރުމުގެ މަސައްކަތް ފަށްޓަވައިފިއެވެ. އެމަސައްކަތްކުރަމުން ދަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަނުންނެވެ.
މިކަން ހާމަކުރެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޒެންގް ލިޒޮންގ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ވިދާޅުވީ މި ފެސިލިޓީތައް ޤާއިމުކުރުމަށް 100 އަށް ވުރެ ގިނަ މަސައްކަތްތެރީންނާއި، މަސައްކަތަށް ބޭނުންވާ ސާމާނާއި ތަކެތިވެސް ގެނެސްފައިވާ ކަމަށެވެ. މިފެސިލިޓީތައް ޤާއިމް ކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުގައި ކަމަށް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ހަދަމުން އަންނަ ދެބުރި އިމާރާތެއް މަރާމާތުކުރުމުގެ މަސައްކަތް ވެސް ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންކުރަމުން އަންނަކަމަށް ވެސް ސަފީރު ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން ބީޔޫސީޖީގެ 40 މަސައްކަތްތެރީން އެމަސައްކަތުގައި ހަރާކާތްތެރިވަމުންދާކަމަށް ވިދާޅުވިއެވެ. ހުޅުމާލޭގައި މަރާމާތު ކުރާ ދެ ބުރީގެ އިމާރާތަކީ 327 އެނދުގެ ކަރަންޓީނު ފެސިލިޓީއެކެވެ.