މަޅުމަތި ކޮލަމް: ދެބެއިންގެ އަރައިރުން

ދެ ކުއްޖަކު ގޭތެރޭގައި އަރައިރުން ވަނީއެވެ. ފެށުނީ ޒުވާބަކުންނެވެ. އެންމެ ފަހުން ގޮސް ގަޔަށް ބޮލަށް އަރައިގަންނަ ހިސާބަށް ހިނގައްޖެއެވެ.

ދޮށީ ކުއްޖާ އޭނާގެ އަތުގައި އޮތް ފެންފުޅިން ހަގު ކުއްޖާގެ ގަޔަށް ފެން ޖަހައިފިއެވެ. ހަގު ކުއްޖާ އައި ރުޅިގައި އޭނާގެ ބޫޓު ކިބަ ބާލައިފައި، ދޮށި ކުއްޖާއާ ދިމާއަށް އެއްލައިފިއެވެ. ބޫޓުކިބައިން ޖެހުނީ އޭނާގެ މޫނުމަތީގައެވެ.

ހަގު ކުއްޖާ ހޯދައި ބަލައިލީމާ ފެނުނީ މޭޒުމަތީގައި ބައްޕަ ބާއްވައިފައި އޮތް ފޮތެކެވެ. ބަލާކަށް ނުހުރެ އެ ފޮތް ދޮށީ ކުއްޖާއާ ދިމާއަށް އެއްލައިފިއެވެ. ފޮތުން އޭނާގެ ކަންކަށި މަތީގައި ޖެހިފައި ތެޔޮހަން ހިނގައްޖެއެވެ.

ދޮށީ ކުއްޖާ އަދަރާދަ ގޮނޑިއެއް ނަގައި ހަގު ކުއްޖާއާ ދިމާއަށް އެއްލައިފިއެވެ. ނަސީބަކުން ގޮނޑިއަކުން ގަޔަކު ނުޖެހުނެވެ.

ހަގު ކުއްޖާ އޭނާޔާ އެންމެ ކައިރީގައިހުރި ކުޑަ މޭޒު ނަގައި ދޮށީ ކުއްޖާއާ ދިމާއަށް އެއްލައިފިއެވެ. މޭޒަކުން އެކުއްޖާގެ ގަޔަކުވެސް ނުޖެހުނެވެ.

އަޑުފައްގަނޑު ގަދަ ވެގެން ބައްޕަ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

"ކަލޭމެނާ ހެދި އުޅެވޭކަށް ނެތެއްނު؟ މިހާރު ތިޔަ ވަނީ ކޮން އަރައިރުމެއް؟"

ދޮށީ ކުއްޖާ ބުނެލިއެވެ. "އަޅުގަނޑުމެން އަރައިރުން ވަނީއެއް ނޫން. މަޖިލިސް ކުޅެނީ!"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.