އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާގެ ސަޕޯޓަރުންނަށް ފޮނުއްވި ނޯޓެއްގައި ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވަނީ ޔާމީންގެ 61 ވަނަ އުފަންދުވަހާއި ގުޅިގެން އެ މަނިކުފާނަށް އެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ތައުރީފްކުރައްވައި އިދިކޮޅު ޕީޕީއެމްގެ ބައެއް މެމްބަރުން ކުރެއްވި ޓްވީޓްތަކެއްވެސް ރީޓްވީޓް ކުރައްވާފައެވެ. މިގޮތުން ޕީޕީއެމްގެ ނައިބް ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ޓްވީޓްތައް އެ މަނިކުފަނު ރީޓްވީޓްކުރެއްވިއެވެ. މިކަމާއި ގުޅިގެން ވަރަށް ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.
ރައީސް ނަޝީދު އެމަނިކުފާނުގެ އަތްޕުޅުން ލިޔުއްވައި ވަޓްސްއެޕްގައި ޙިއްސާކުރެއްވި ނޯޓުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އުސޫލުތަކާއި ޚިޔާލުފުޅުތަކަށް ތާއީދު ނުކުރައްވާ ކަމަށާއި އެހެންނަމަވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު އިތުރަށް ވިދަޅުވީ މި ސަރުކާރުން ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެކަމަށް ބުނެފައިވާ ކަމަށާއި އެހެންކަމުން މިކަންކުރުމުގައި ފަސް ޖެހެންވީ އެއްވެސް ސަބަބެއް ނެތްކަމަށާއި މަރުކޮމިޝަނުގެ މައްސަލަ ވެސް ހަމަ މިފަދަ ކަމަށެވެ.
ރައީސް ޔާމިން ޖަލަށް ލެވިފައިވަނީ ވެރިކަމުގައި ހުންނެވި ދުވަސްވަރު އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރައްވައި އެއްމިލިއަން ޑޮލަރު ލައުންޑާ ކުރެއްވިކަމުގެ ކުށް ސާބިތުވެ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމަނިކުފާނު ޖަލަށްލެވިފައިވަނީ 5 އަހަރަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް ނަޝީދަށް ވަނީ ޓެރެރިޒަމްގެ ދައުވާކުރެވިފައެވެ. އަދި އެ ދައުވާއާއި ގުޅިގެން އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް އައެވެ. ފަހުން މި ދައުވާ ވަނީ ސުޕްރީމްކޯޓުން ބާތިލްކޮށްފައެވެ.