މާތް ﷲގެ މަތިވެރި ނަބިއްޔާ، ސަލާމްލެއްވި ޔޫނުސު ބިން މައްްތާއަކީ ބަނީިއިސްރާއީލުގެ ދަރިކޮޅުން ވަޑައިގެން ހުންނެވި ނަބީބޭކަލެކެވެ. ބުނެވޭަ ގޮތަުގައި މައްތާއަކީ އެކަލޭގެފާނުގެ މަންމާފުޅެވެ. އެކަލޭގެފާނު ދިރިއުޅުއްވީ ޢީސާގެފާނަށްވުރެ ކުރިން އަށްވަނަ ގަރުުނުގައެވެ.
މާތް ﷲ ޔޫނުުސުގެފާނަށް ނަބީކަންދެއްވައި އެކަލޭގެފާނަށް އެންގެވީ ޢިރާޤުގެ ނައިނަވާގެ އަހުލުވެރިންނަށް ދީނަށް ގޮވައިލެއްވުމަށެވެ. އޭރު އެރަށުގައި ލައްކައަކަށްވުރެ ގިނަ މީހުން ތިއްބެވެ. އެރަށުގެ މީހުން ދިޔައީ ބުދަށް އަޅުކަންކޮށް މާތް ﷲއަށް ޝިރުކުކުރަމުންނެވެ. ޔޫނުސުގެފާނުގެ ވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ. ﴿وَأَرْسَلْنَـٰهُ إِلَىٰ مِا۟ئَةِ أَلْفٍ أَوْ يَزِيدُونَ﴾ (އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قوم އަކަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ.) (އައްޞާއްފާތު: 147)
ނައިނަވާއަށް ވަަޑައިގެން ދިގު މުއްދަކަށް އެރަށުގެ އަހުލުވެރިންނަށް ދީނަށް ގޮވައިލެއްވުމުގައި އެކަލޭގެފާނު ދެމިހުންނެެެވެ. ތާރީޚު ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި އެކަލޭގެފާނު ތެއްތިރީސް އަހަރުވަންދެން އެބައިމީހުންނަށް ދީނަށް ގޮވައިލެއްވިއެވެ. އެހެންނަމަވެސް އެބަމީހުން އީމާންނުވެ އެކަލޭގެފާނާ ދެކޮޅުވެރިވުމުން، އެބައިމީހުންދެކެ ކޯފާވެގެން، އެބައިމީހުން އީމާންވާނެ ކަމާމެދު މާޔޫސްވެވަޑައިގެން އެރަށުން ނުކުންނެވިއެެވެ. އަދި ދިޖްލާކޯރުގައި ދަތުރުކުރަމުން ދިޔަ ނަވަކަށް އަރައިވަޑައިގެންނެވިއެވެ. މިވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ * إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ﴾ (ހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ. * އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ!) (އައްޞާއްފާތު: 139-140)
މާތް ﷲ ޔޫނުސުގެފާނަށް މުޞީބާތް ކުރަމަތިކުރައްވައި އެކަލޭގެފާނު އިމްތިޙާނުކުރެއްވީ މިހިސާބުންނެވެ. އެކަލޭގެފާނު ނަވަށް އަރައިވަޑައިގެން ނަވުގެ ދަތުރުފެށުމާއެކު ކޯރުގެ ރާޅު ބޮޑުވެ، ނައު ގަދައިގައި ޖެހި ފެތިދާނެކަމުގެ ބިރުހީވިއެވެ. ދެން، މިކަމުން ސަލާމަތްވުމަށް ނަވުގައި ތިބި މަދުކުރަން އެމީހުން ނިންމިއެވެ. އަދި މީހުންގެ މެދުގައި ގުުުރުއަތުލައި، ދިމާވާ ބަޔަކު ނަވުން ފައިބަން އެއްބަސްވެ އެމީހުން ގުރުއަތުލިއެވެ. ގުރުއަތުން ދިމާވެ ނަވުން ފައިބަން ޖެހުނު މީހުންގެ ތެރޭގައި ޔޫސުުގެފާނުވެސް ހިމެނިވަޑައިގަތެވެ. އެއާއެކު އެކަލޭގެފާނު ނަވުން ފުއްމަވައިލެއްވިއެވެ. އެކަލޭގެފާނު ފުއްމަވައިލެއްވުމާއެކު މާތް ﷲ ބޮޑު މަހެއް ފޮނުއްވުމުން އެ މަސް އެކަލޭގެފާނު ދިރުވައިލިއެެވެ. މިވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެެވެ. ﴿فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ * فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌ﴾ (ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعة ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعة ން) ދެރަވިމީހުންގެ ތެރެއިންނެވެ. * ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ.) (އައްޞާއްފާތު: 141-142)
މާތް ﷲ ޔޫނުސުގެފާނަށް މި މުޞީބާތް ޖައްސަވައި އިމްތިޙާނުކުރެއްވި ސަބަބަށް މި ދެ އާޔަތުގެ ތެރެއިން ދެވަނަ އާޔަތުގައި މާތް ﷲ އިޝަރާތް ކުރައްވާފައިވެއެވެ. އެއީ މަލާމާތް ލިބޭ ފަދަ ޢަމަލެއް އެކަލޭގެފާނު ކުރައްވާފައި ވުމެވެ.
ޢިލްމުވެރިން ވިދާޅުވާގޮތުގައި ޔޫނުސުގެފާނަށް ދެކަމެއް ގޯސްކޮށް ކުރެއްވިފައި ވެއެވެ. އެއީ ގައުމުގެ މީހުންނަށް ކޯފާއިސްކުރަައްވައި، މާތް ﷲ އެކަލޭގެފާނަށް އިޒުނަނުދެއްވަނީސް ނައިނަވާއިން ނުކުމެވަޑައިގަތުމެެވެ. ދެވަނަ ކަަމަކީ އެކަލޭގެފާނު މިކުރެއްވި ކަމުގެ ސަބަބުން މާތް ﷲ އެކަލޭފާނަށް އުނދަގޫ ޖައްސަވައި ދަތިނުކުރައްވާނެކަމަށް، އެބަހީ އެކަލޭފާނަށް ގޯސްކޮށް ކުރެއްވުނު ކަމަށް އެކަލޭގެފާނަށް އަދަބު ނުދެއްވާނެ ކަމަށް ހީފުޅުކުރެއްވުމެވެ. އެކަލޭގެފާނު މަހުގެ ބަނޑުތެރޭގައި ވުމާއެކު، އެކަލޭގެފާނަށް ގޯހެއް ހެއްދެވިއްޖެކަން އެނގިވަޑައިގެން މާތް ﷲއަށް ތަސްބީޙަވިދާޅުވާން ފެށްޓެވިއެެވެ. މިކަން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَذَا ٱلنُّونِ إِذ ذَّهَبَ مُغَـٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَـٰتِ أَن لَّآ إِلَـٰهَ إِلَّآ أَنتَ سُبْحَـٰنَكَ إِنِّى كُنتُ مِنَ ٱلظَّـٰلِمِينَ﴾ (އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.) (އަލްއަންބިޔާއު: 87)
ޔޫނުސުގެފާނު ބޮޑުމަހުގެ ބަނޑުގައި އޮންނެވި މުއްދަތާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ވެއެެވެ. ތިން ދުވަސް ކަމަށް، ހަފުތާއެއް ކަމަށް، އަދި ސާޅީސް ދުވަސް ކަމަށްވެސް އައިސްފައި ވެއެެވެ.
މި ބޮޑު މުޞީބާތް ޖައްސަވައި އިމްތިޙާނުކުރެއްވުމުން ޔޫނުސު އެ އިމްތިޙާނުން ފާސްވެވަޑައިގަތެެެވެ. އެކަލޭފާނު ވަނީ ޝަކުވާކުރެއްވުމަކާ ނުލައި، އެކަލޭގެފާނަށް ހެއްދެވުނު ގޯސް ގަބޫލުފުޅުކުރައްވާފައެވެ. އަދި އެކަލޭގެފާނު ވަނީ އެންމެ އުނދަގޫ ވަގުތުގައި މާތް ﷲއަށް ތަސްބީޙަވިދާޅުވެ އެ މުޞީބާތުން ސަލާމަތްކުރެއްވުމަށް އެދި ދަންނަވާފައެެވެ. މާތް ﷲ ވަނީ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި އެކަލޭގެފާނު ސަލާމަތްކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿فَٱسْتَجَبْنَا لَهُۥ وَنَجَّيْنَـٰهُ مِنَ ٱلْغَمِّ ۚ وَكَذَٰلِكَ نُـۨجِى ٱلْمُؤْمِنِينَ﴾ (ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ.) (އަލްއަންބިޔާއު: 88)