މުޞީބާތެއް ޖެހޭ ހިނދު އިންސާނާގެ ސުލޫކު

މުޞީބާތާއި، ދަތިތަކާއި، ހިތާމައަކީ އިންސާނީ ޙަޔާތުގައި ﷲގެ ސުންނަތުގެ ބައެކެވެ. ފަރުދުންނާއި، އުއްމަަތްތަކަށް އެކި ފެންވަރުގެ މުޞީބާތްތައް ކުރިމަތިވެއެވެ. ޙަޔާތުގެ ކަންތައް ހުރިހާ ދުވަހަކު އެއް ގޮތަކަށް ނުއޮންނާނެއެެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَو‌ٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ﴾ (އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.) (އަލްމުލްކު: 2)

މުޞީބާތުގެ ކުރިމަތީގައި އިންސާނާގެ ސުލޫކު ބިނާވެފައިވާނީ އޭނާގެ އީމާންކަމުގެ މައްޗަށާއި، ﷲއާމެދު އޭނާގެ ހިތުގައި އޮންނަ ޔަގީންކަމުގެ މައްޗަށެވެ.

ޢައްލާމާ އިބްނުލްޤައްޔިމް ވިދާޅުވެފައި ވެއެވެ. އިންސާނާއަށް އެކަމެއްގެ މައްޗަށް ބާރު ފޯރުވެން ނެތް މުޞީބާތެެއް އޭނާއާ ކުރިމަތިވެއްޖެ ނަމަ އެ މުޞީބާތުގެ ކުރިމަތީގައި އިންސާނާގެ ޢަމަލު ހުންނާނީ ހަތަރު ގޮތަކަށެވެ.

ފުރަތަމަ ގޮތަކީ، ކެތްތެރިކަން ކުޑަވެ، ޝަކުވާ އިތުރުކޮށް، ރުޅިގަަދަވުމެވެ. މިއީ ދީނާއި ބުއްދި އުނި، މަދު ބަޔަކު ޢަމަލުކުރާ ގޮެތެވެ.

ދެވަނަ ގަޮތަކީ، ކެތްތެރިވުމެެވެ. އެއީ. ﷲއަށްޓަކައި ކެތްތެރިވުމެވެ. ނުވަތަ އިންސާނީ މުރުއްވަތްތެރިކަމަށްޓަކައި ކެތްތެރިވުމެވެ.

ތިންވަނަ ގޮތަކީ، ކުރިމަތިވި މުޞީބާތަށް ރުހުމެވެ. މިއީ، ކެތްތެރިވުމަށް ވުރެ މަތީ ދަރަޖައެެކެވެ. މުޞީބާތަކީ އޭނާގެ ވެރިރަސްކަލާނގެ އޭނާއަށް ޖެއްސެވިކަމެއްކަން ޔަޤީންވާތީއެވެ.

ހަތަރުވަނަ އަދި އެންމެ މަތިވެރި ގޮތަކީ ޝުކުރެވެރިވުމެވެ. މާތް ﷲ އޭނާއަށް މުޞީބާތް ޖެެއްސެވީ އޭނާ އިމްތިޙާނުކުރެއްވުމަަށް ކަން ޤަބޫލުކޮށް އެ އިމްތިޙާނަށް ކެތްކޮށް މާތް ﷲ އަަށް ކުއްތަންވުމުގެ ފުރުޞަތު އޭނާއަށް ދެއްވީތީ ޝުކުރިވެރި ވުމެވެ.

މިދެންނެވި ގޮތްތައް އިތުރަށް ބަޔާންކޮށްދެއްވަމުން ޢިލްމުވެރިން ވިދާޅުވެފައި ވާގޮތުގައި މުޞީބާތުގެ ވަގުތު އިންސާނާގެ އަމަލު ހުންނާނީ މައިގަނޑު ހަތަރު ގޮތަކަށެވެ.

ފުރަތަމަ ގޮތަކީ، ރުޅިގަދަވެ، ދުލާއި،  ގުނަވަންތަކުން އެ ރުޅިވެރިކަން ފާާާާާޅުކުރުމެވެ. އެވަގުތު، އެފަދަ އިންސާނާގެ ހިތުގައި އޭނާ ހެއްދެވި ފަރާތާއި، އޭނާގެ ވަށައިގެންވާ ދުނިޔެއާއި މެދު ރުޅިވެރިކަމާއި ނަފުރަތު އުފެދެއެވެ. އަދި އޭނާގެ ދުލުން ﷲ އަށް ބަދުބަސްބުނެ، އޭނާގެ ވަަށައިގެންވާ ދުނިޔެއަށް ނަފުރަތުގެ ބަސްތައް ރައްދުކުރެއެވެ. އަދި އޭނާ ގުނަވަންތަކުން ރުޅިވެރިކަން ފާޅުކޮށް އަމިއްލަ މޫނާއި، ހަށިގަނޑުގައި ތަޅުން ފަދަ ހުތުުރު އަމަލުތައް ކުރެއެވެ.

ދެވަނަ ގޮތަށް އަމަލުކުރާ އިންސާނާ އޭނާއަަށް ކުުރިމަތިވި މުޞީބާތަށް ނުރުހި ހުރެމެ، އެ މުޞީބާތަށް ކެތްކުރެއެެވެ. އަދި އޭނާގެ ދުލުހުން ހުތުރު ބަސްތައް ބޭރު ނުކުރާއިރު، ގުނަަވަންތަކުން ހުތުރު އަމަލެއްވެސް ނުކުރެއެވެ.

ތިންވަނަ ގޮތުގައި ހުންނަ އިންސާނާގެ ހިތުގައި މުޞީބާތާމެދު އެއްވެސް ހިތް ހަމަނުޖެހުމެއް ނުވާނެއެވެ. އޭނާ ހުންނާނީ ﷲގެ ޤަޟާއައި ޤަދަރުން އޭނާއަށް ކުރިމަތިވިި ހިތާމައަށް ކެތްކޮށްގެންނެވެ.

ހަތަރުވަނަ ގޮތަށް، ޢަމަލުކުރާ މީހާ ހުންނާނީ ކެތްތެރިވުމަށްވުރެ އެއް ދަރަޖަ ކުރީގައެވެ. އެއީ މުޞީބާތުގެ ވަގުތުގައި ވެސް ﷲއަށް ޝުކުރުކޮށް އެކަލާނގެއަށް ޙަމްދުކުރުމެވެ. އިންސާނިއްޔަތަށް ފޮނުއްވި އެންމެ ފުރިހަމަ ނަމޫނާ މުޙައްމަދު ވަނީ އަޅުގަނޑުމެންނަށް މިކަމުގައި މިސާލު ދައްކަވާފައެވެ. އެކަލޭގެފާނަށް ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިޔަސް މިފަދައިން ވިދާޅުވާ ކަމުގައި ވިއެވެ. الحمد لله على كل حال (ހުރިހާ ޙާލެއްގައިވެސް މާތް ﷲއަށް ޙަމްދު ހުއްޓެެވެ. (ސުނަނު އިބްނުމާޖާ، ޙަދީޘު: 3803)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.