އެމްއެޗްއޭގެ އިސްވެރިޔާ ޙުސައިން ޢަބްދުﷲ 88 އަހަރުފުޅުގައި ރޭވަނީ އަވަހާރަވެފައެވެ. އޭނާ އަވަހާރަވީ ކޮވިޑާ ހަނގުރާމަކުރައްވައި ޝަހީދު މަރެއްގެ ގޮތުގައެވެ. ޙުސައިން ޢަބްދުﷲ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެ މަނިކުފާނުގެ އަވަހާރަވުމާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވީ މީހުންގެ އަދަދު ހަތަރަކަށް އެރީއެވެ. ރާއްޖޭގެ ކޮވިޑްގެ ފުރަތަމަ މަރަކީ މަރަޙޫމް ޙުޞައިން ޢަބްދުﷲގެ ލޮބުވެތި އަނބިކަނބަލުން އާމިނަތު އާދަމް (83 އަހަރު) އެވެ. އެ ދެކަނބަލުން އަވަހާރަވުމަކީ އާއިލާ އަށް ލިބިވަޑައިގެންނެވި ފޫނުބެއްދޭވަރުގެ ބޮޑު ހިތްދަތިކަމެކެވެ. ހަމައެހެން މިއީ މުޅި ދިވެހި ރައްޔިތުންނަށް ވެސް ލިބުނު ހިތާމާއެކެވެ. އެ ދެ މަރްޙޫމުންނަށް ސުވަރުގޭގެ ދައިމީ ނިޢުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
މަރްޙޫމް ޙުސައިން ޢަބްދުﷲގެ އެމްއެޗްއޭ އަކީ ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދައިފައިވާ އެންމެ ބޮޑު އެއް ވިޔަފާރިއޭ ދެންނެވުން ދޮގަކަށްނުވާނެއެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން އިމްޕޯރޓް އެކްސްޕޯރޓް ވިޔަފާރި ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރޭގައި ޙުސައިން ޢަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. ކާޑުގެ ބާވަތްތައް ފިޔަވައި ހުރިހާ ބާވަތްތައް އެތެރެކުރައްވުމުގެ ހުއްދަ ޙުސައިން ޢަބްދުﷲގެ ވިޔަފާރިއަށް ސަރުކާރުން ދެއްވިއެވެ. އޭރު ރާއްޖެއިން ބޭރުކުރާ ހަމައެކަނި މުދަލަކީ ހިކި މަހެވެ. އޭނާ ވަނީ ހިކިމަސްވެސް ބޭރު ކުރައްވައިފައެވެ. އެންމެ ފުރަތަމަ ރާއްޖެއަށް އެތެރެކުރި ބާވަތްތަކުގެ ތެރޭގައި ހަވާދުގެ ބާވަތްތަކާއި ދިވެހިން އޭރު ދުފުމަށް ބޭނުންކުރި ބާވަތްތައް ހިމެނެއެވެ. އޭގެ ފަހުން ވަނީ ސްކޫލުތަކުގެ ދަރިވަރިވަރުންނަށް ބޭނުންވާ ސާމާނާއި ޓޫރިޒަމް އިންޑަސްޓްރީއާއި މަސްވެރިކަމަށް ބޭނުންވާ އާލާތްތައް އެތެރެކުރުން އިތުރު ކުރައްވައިފައެވެ. އެގޮތުން ވިޔަފާރި ކުރި ހޯއްދަވަމުން ވަޑައިގެން ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކޮށް ވިއްކާ އެންމެ އިތުބާރު އެއް ވިޔަފާރީގެ މަގާމު މަރްޙޫމް ޙުސައިން ޢަބްދުﷲ ގެ މޭސްތިރިކަމުން އެމްއެޗްއޭ އަށް ވަނީ ހޯދައިދެއްވައިފައެވެ.
މަރްހޫމް ޙުޞައިން ޢަބްދުﷲ އަށް ސަރުކާރުން ވަނީ ޖަމާއަތަށް ފައިދާ ހުރި ޚާއްސަ ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ގައި އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވައިފައެވެ. ހަމަ އެރޮނގުން 13 އަހަރު ފަހުން، 2005 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް އަރުވައިފައެވެ. ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ.އ) ދިވެހި ދައުލަތުން 2011 ގައި މަރަޙޫމް ޙުޞައިން ޢަބްދުﷲ އަށް ވަނީ އަރުވައިފައެވެ.
އިޖްތިމާއީ ރޮނގުން މަރްޙޫމް ޙުޞައިން ޢަބްދުﷲ ކުރައްވައިފައިވާ ފާހަގަ ކޮށްލެވޭ މަސައްކަތްޕުޅުތަކުގެ ތެރޭގައި އެމަނިކުފާނުގެ އުފަންރަށް ށ. މަރޮށީގައި ތައުލީމު ފުޅާކުރެއްވުމަށް އަމިއްލަ ގޮތުންކުރެއްވި އަގުހުރި މަސައްކަތް ފާހަގަކޮށްލެވެއެވެ. ތަޢުލީމީ ދާއިރާއިން ފުރަތަމަ ކުރެއްވި އެއްމަސައްކަތްޕުޅަކީ މަރޮށީގެ މައުލޫދުގޭގައި އޭނާގެ ބެއްލެވުމުގެ ދަށުން ދީނީ ކަންތައްތައް ދަސްކޮށްދެއްވަންފެއްޓެވުމެވެ. ދީނީ ކަންތައްތަކުގެ އިތުރުން އެތަނުގައި އުރުދޫ ބަސް ވެސް ކިޔަވައި ދެއްވިއެވެ. އޭގެ ފަހުން އަލްމަދްރަސަތުލް މުނައްވަރާގެ ނަމުގައި، މަރޮށީގައި ހުންނަ އަމިއްލަފުޅު ގޭގައި 1979 ނޮވެމްބަރ 11 ގައި ސްކޫލެއް ހިންގަވަން ފެށްޓެވިއެވެ. އެސްކޫލުން ދެމުންދިޔަ ތަޢުލީމުވެސް ވަނީ 1980 ގެ އަހަރުތަކުގެ ތެރޭގައި ޒަމާނާ ގުޅޭގޮތަށް ވަނީ ތަރައްޤީ ކުރައްވައިފައެވެ. ޢުމްރާނީ ގޮތުންވެސް ބަދަލުތައް ގެންނަވައި 10 ކްލާސްރޫމާއި ހޯލަކާއި އޮފީސް އމާރާތެއް ވެސް ބިނާކުރެއްވިއެވެ. އެ ސްކޫލްގެ ދަރިވަރުން، 1998 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި ވެސް ބައިވެރިވިއެވެ. މަރްޙޫމް ޙުޞައިން ޢަބްދުﷲ 27 އަހަރު ވަންދެން މަރޮށީ މުނައްވަރާ ސްކޫލް ހިންގެވިކަމަށް ވެއެވެ. ފަހުން އެސްކޫލު ވަނީ މަރޮށީގައި ހިންގާ ސަރުކާރުގެ ސްކޫލަކަށް ބަދަލުކޮށްފައެވެ. އޭނާ ވަނީ މަރޮށީ ކަތީބުކަން ވެސް ކުރައްވައިފައެވެ.
ދީނީ ތަޢުލީމަށް ވެސް އަގު ހުރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ޙުޞައިން ޢަބްﷲ އަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ، އަދި ޒަކާތާ ގުޅޭގޮތުން ދިވެހިން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ އައްޝައިޚް ޢުސްމާން ޢަބްދުﷲ ގެ އެއްބަނޑުއެއްބަފާ ބޭބޭފުޅެވެ.
ހަމަ ޙަޤީޤަތުގައި ވެސް ވަކިވެގެން އެ ދިޔައީ އަގުހުރި ދިވެހިދަރިއެއް. މަރުހޫމުގެ ފާފަ ފުއްސަވާށި. ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި.