ޢުޘްމާނީ ވެރިކަން (7)

ޢުޘްމާނީ ވެރިކަން އުފެދުން (1300 އިން 1397)

ފިނިމޫސުމުގެ ވާރޭ ވެހުނުވެހުނުންގޮސް ، ސަންގަރިއަސް ކޯރުގެ ފެންގަނޑު ބަންޑުންވެ ، ވަށައިގެންވާ ސަރަޙައްދުތަކަށް އޮހި ، ފެތުރިގެން ދިޔައެވެ. ބޭނުން ނުކޮށް ދޫކޮށްލާފައި އޮތް ދުވަސްވީ ބްރިޖެއްގެ މަތިންލާފައި ފެންގަނޑު ދިޔަނުދިޔަ ތަނެއްވެސް ނޭނގެއެވެ. ފެނަކީ އަމިއްލަޔަށް މަގުހޯދައިގެން ، އެހެން އެއްވެސް އެއްޗަކަށް ނުބަލާ ދަތުރުކުރާ އެއްޗެކެވެ. ހަމައެއާއެކީ ، ކިސަޑާއި ކުނިބުންޏާ އަދި ގަސްގަހާ ގެހިވެސް ، ފެނާ އެއްބައިވެގެން އެތަން މިތަނަށް ދަތުރުކޮށް ، އޭގެ އަސްލު އޮތީ ގެއްލުވައިލާފައެވެ.

ޢުޘްމާނީ ވެރިކަން އުފެދި ފެތުރިގެންދިޔަ މިސާލަކީ އެއީއެވެ. އެއީ ، އިސްލާމީ ކަލަންޑަރުން 8 ވަނަ ޤަރުނުގެ ( އައިސް އޭޖް ) ގެ މާރިޗްމަސް ފެށުނު ތަނާހެންނެވެ. މޮންގޯލްގެ ބިޔަ ސަރަޙައްދާ ހުޅަނގުން އިންވެގެން އޮތް އަވަށަކުން ، ޢުޘްމާނީ ވެރިކަމުގެ ފަތިހުގެ އަލިކަން ފާޅުވެގެން ދިޔައެވެ. ބަންޑުންވެގެންދިޔަ ،  ސަންގަރިއަސް ކޯރުގެ ފެންގަނޑާއެކީ ބައިޒެންޓީންގެ ދިފާޢީ ސަފުތައް ތޮރުފާލައިފައި ތުރުކީންގެ ހިތްވަރުގަދަ ފަހުލަވާނުންނަށް ، އެމީހުން ދާންވީ މަޤްޞަދަށް ވާޞިލް ވެވުނެވެ. ފެންބޮޑުވެ ، ނަގަމުންދިޔަ ރާޅާއެކީ ، ނިކޮމީޑިއާގެ ބެފިއަސްއާ ހަމަޔަށް ދަތުރުކުރި ތުރުކީވިލާގެ ފަވްޖުތަކަށް ، ވަރަށް ފުރިހަމަ ކާމިޔާބީއެއް ލިބިގެން ދިޔައެވެ.

ޢުޘްމާން އަވަހާރަވީކަމަށް ބެލެވެނީ ހިޖްރީ ސަނަތުން 1324 ގައެވެ. އުޘްމާން އަވަހާރަވުމާއެކީ ،  އޮރްހާން ވެރިކަމަށް އިސްވެ ވަޑައިގެން ، އޮރްހާންގެ ވެރިކަން ދެމިއޮތީ ، 1324 އިން 1361 އަށެވެ. 1361 އިން ފެށިގެން 1389 އަކަށް ދެމިއޮތީ ، މުރާދު 1 ގެ ވެރިކަމެވެ. އަދި 1361 އިން ފެށިގެން 1402 އާ ހަމަޔަށް އޮތީ ، ބޭޒިދު 1 ގެ ވެރިކަމެވެ.

ޢުޘްމާނީ ވެރިކަމަކީ ، ދެމިގެންދިޔަ ، ހަޤަރުނުވީ ވެރިކަމެކެވެ. އެއީ އެންމެ ހަނގުރާމައެއް ކޮށްލައިގެން ތަންތަންފަތަޙަކޮށް ދުނިޔޭގެ ބޮޑުބާރަކަށްވެގެން ، އުފެދިގެން އައި ވެރިކަމެއްނޫނެވެ.

ތުރުކީވިލާތުގެ ތާރީޚު އައިސްފައި އޮތް ގޮތުން ، ޙަވާލާދެވިގެން ހުންނަ ތާރީޚީ ލިޔުމާއި ހެއްކަކީ ، އެންމެ ފަހުގެ އެއް ޤަރްނުގެ ތެރޭގައި ހޯދި އެއްކުރެވިފައި އެއްޗެކެވެ. އޭގެ ކުރީގެ ތާރީޚަކީ ، ހިނގައިދިޔަ ޙާދިސާތަކާއި ހަނގުރާމަ އަދި ފަތަޙަތަކުންކުރެ ކޮންމެވެސް ކަމަކާގުޅިގެން ދެކެވި އަދި ލިޔެވިފައިހުރި ނުކުތާތަކެކެވެ. އެހެނެއްކަމަކު ، ޢުޘްމާނީ ވެރިކަމުގެ ބިންގާ އެޅުނު ފުރަތަމަ ޖީލުތަކުގެ އެދިގު ތާރީޚު ، ތުރުކީއާ ވަކިކުރެވިގެންގޮސް ޙަޤީޤަތް މުޅިންސާފުނުވާ ވަރަށް ތާރީޚުވަނީ ، ތޯތޯ ޅެމާ އަދި ފަރިއްސަށް ބަދަލުވެ ގަޑުބަޑު ކުރެވިފައެވެ. ޢުޘްމާނީ ވެރިކަމުގެ ތާރީޚުލިޔާމީހުން ، އިއްތިފާޤުވެ ، އެ ވެރިކަމުގެ ފެށުމަކަށް ނަގާ ތާރީޚަކީ ، ހިޖްރީ ސަނަތުން 699 އެވެ. އެއީ އައު ޤަރުނަކަށް ދުނިޔެ ފައްކާވެ ، ޢުޘްމާނީ ޢާއިލާގެ މެދުން ، ބިޔަބޮޑު ވެރިކަމެއްގެ ފެށުން އެބަ އަންނަކަމުގެ އިޢުލާނުން އައު ފަތިހަކަށް ދުނިޔެ ދޮންވެލި ހިސާބެވެ. ތާރީޚީ ޢިލްމުވެރިންގެ ހިސާބު ޖެހުމުގައި ޢުޘްމާނީ ވެރިކަމުގެ ފެށުނާ ގުޅުންހުރި އިއްތިފާޤެއްވެސް އެބަ އޮތެވެ. ހިޖްރީ ތާރީޚުން 700 ވަނައަހަރު ވެފައި އޮތީ ، މީލާދީ ސަނަތުން 1300 ވަނަ އަހަރު ކަމުގައެވެ. މިއީ ޤަރުނެއްގެ ތާރީޚުގައި އިއްތިފާޤު ވެގެން އައިސްފައިވާ ކަމެއްނޫނެވެ. އެއީ ، ޢަޖައިބުން ފުރިގެންވާ ޙާލަތެއް ދުނިޔެއަށް ކުރިމަތިވަމުން އަންނަކަމުގެ އިޢުލާނަކަށް ވެގެން ދިޔައެވެ.

ތުރުކީ ވިލާތާއި ގްރީކުގެ ތާރީޚުގައި ނުހިނގާފަދަ ހަލަބޮލިކަމެއްގެ ފެށުން އެހިސާބުން ފެނިގެން ދިޔައެވެ. ކުރިންވެސް ޢިޝާރާތް ކުރެވިވައިވާގޮތަށް ، ފެންކޯރުތައް ދެމިގެން މަގުހެދިގެންދިޔަ ރާސްތާގައި މިނިވަންކަމާއި އެއްބައެއް ވަންތަކަމުގެ ވަސް ގަދަވެފައި ހުއްޓެވެ. ތުރުކީ ވިލާތުގެ މަޝްހޫރު ޝާޢިރު އަޙްމަދީ އާއި ގްރީކްގެ މަޝްހޫރު ތާރީޚީ ޢިލްމުވެރިޔާ ޑުކާސްވެސް ލިޔުއްވައި އިއްތިފާޤު ވެފައިވާ ބަހެއްގައި އައިސްފައިވާ ގޮތަށް ، އެމީހުންގެ މާދަރީބަހުން " އަކިން " އޭ ކިޔައި ، ޙަމަލާއަކަށް ތައްޔާރުވުމަށް ހަވަރަށް ގޮވައިލެވިއްޖެނަމަ ، ކޯރެއްގެ ފެންގަނޑު އެކި ދިމާލުން އައިސް އެއްވެ ، އެކުވެ އޮހި އަދި ދެމިގެން ދާގޮތަށް ، ހަތިޔާރު ހިފައިގެން އެމީހުން ތިބިތަނަކުން ނުކުމެ އެއްވާނެތެވެ.

ޢުޘްމާނަކީ ކާކު ؟

މިހާތަނަށް ، ތާރީޚީ ފޮތްތައް ހާވައިގެން ހޯދި ހޯދުންތަކުންވެސް ޢުޘްމާނަކީ ކާކުކަމެއް ކަށަވަރެއް ނުވެއެވެ. ޢުޘްމާންގެ ނަންގަނެވެނީ ، ނުލިޔެވި އޮތް ތާރީޚެއްގެ ޅެންވެރިންގެ ފަރިއްސާއި ޅެމުންދޭހަވާ މާނަތަކެއްގެ މައްޗަށެވެ. އެއީ ޢުޘްމާނީ ވެރިކަމުގެ ފުރަތަމަ ރަސްކަލުންނެވެ. " ޢުޘްމާން ބޭ " ގެ ނަމުން ނަންލިބިގެންހުރި ޝަޚްޞިއްޔަތެއް މިހިސާބުން އެބަ ފާޅު ވެއެވެ. އެހެނަސް ، އެއީ ކޮންތާކަށް ކޮންއިރަކު އުފަންވީ ކޮންކަހަލަ ޝަޚްޞިއްޔަތެއްކަމެއް ، ކީއްކުރާ ކާކުކަމެއް ، ކޮން ދަރިފަސްކޮޅެއްގެ ކޮންތަނެއްގެ އަހުލުވެރިޔެއްކަމެއް ޔަޤީނެއް ނުވެއެވެ. އެ ޢުޘްމާން ބޭ ގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގޮތުގެ އެއްވެސް މަޢުލޫމާތެއް ލިޔެވިފައެއް ނެތެވެ. ޢުޘްމާންގެ ނަން ކަށަވަރުކުރުމަށްޓަކައި މި ލިޔުމުގައި ޙަވާލާދިނުމަށް ބޭނުންކުރެވިފައިވަނީ ދެ މަސްދަރެކެވެ. އެއީ ، ލަންޑަނުގެ އަމިއްލަ މީހަކު އެއްކޯށްފައިވާ ތާރީޚީ ހެކިތަކަކާއި އިސްތަންބޫލުގެ ދާރުލްއާޘާރުން ލިބުނު މަޢުލޫމާތު ތަކެކެވެ. އިސްތަންބޫލުގެ ދާރުލްއާޘާރުން ލިބުނު މަޢުލޫމާތުން އެނގޭގޮތުގައި އޭނާގެ ފުރިހަމަ ނަމަކީ ، ޢުޘްމާން އިބްނު އަރުތުޤުރަލް އެވެ. އެއީ ރަށްފުށުގެ ނަންއަރާހުރި ޤަބީލާއެއްގެ ބަދަތްވެއްގެ ގޮތުގައިވެސް ، ބެލެވެއެވެ. އެހެނަސް މި ނަމަކީވެސް ތާރީޚީގޮތުން ހެކިސާބިތުވެގެން ޔަޤީންވާ ނަމެއްނޫނެވެ.

ގްރީކުގެ ތާރީޚީ ޢިލްމުވެރިޔެއްކަމުގައިވާ ޕެކީމެރެސް ހާމަކުރައްވާފައިވާ މަޢުލޫމާތުގައި ، ސަންގާރިއަސްގެ ފެންބޮޑުވުމުގެ ވާހަކަ އާއެކީ ، ޢުޘްމާނެވެ ކިޔޭ ޝަޚްޞިއްޔަތެއްގެ ނަން އައިއްސައެއް ނުވެއެވެ. އޭނާ ޙަވާލާ ދެއްވާފައިވަނީ އަޓަމަން އެވެ ކިޔާ ޝަޚްޞިއްޔަތަކަށެވެ. ޢުޘްމާނަށް ދެނަމަކުން ޙަވާލާދެވޭކަން ، ފަހުން ލިބުނު މި މަޢުލޫމާތުތަކުން ސާފުވެއެވެ. 1350 ގައި ޢަރަބިބަހުން ލިޔެވިފައި އޮތް ވަނަވަރަކާއި ، ޙާޖީ ބެކްތަޝް ސާރކާ އެވެ ކިޔޭ ތާރީޚީ އިލްމުވެރިޔެއްގެ ވަނަވަރުންވެސް ، އެކަން ސާބިތު ކޮށް ދެއެވެ. އަޓަމަން އަކީ ތުރުކީ ނަމެކެވެ. ނުވަތަ މޮންގޯލް ނަމަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ޝައްކެއްނެތި އެނގޭގޮތުގައި  ޢުޘްމާން އެއީ ޢަރަބި ، މުސްލިމް ނަމެކެވެ. ތުރުކީން ޙަވާލާދޭ ޢުޘްމާން އެއީ މުޙައްމަދު ރަސޫލުﷲ ށައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބު ބޭކަލެކެވެ. އިސްލާމީ އުއްމަތުގެ ތިންވަނަ ޚަލީފާއެވެ. ޢުޘްމާނީ ޚިލާފަތޭ ކިޔުނު ޚާލީފާއެއްގެ ވެރިކަމަށް ނިސްބަތްވާ ނަންފުޅެކެވެ. އެހެންކަމަށް ވަންޏާ ، ޫއޘްމާނީ ވެރިކަން ނިސްބަތްވާ ، ތުރުކީގެ އަޓަމަން އަކީ އެހެންދީނެއްގެ މީހަކަށްވެފައި ، ފަހުން އިސްލާމްވެގެން ، ޢުޘްމާޏުގެ ނަމަށް ނަންބަދަލުކުރީ ކަމަށްވުމަކީވެސް ދުރުގައިވާ ކަމެއްނޫނެވެ. ވަކިކަމެއް ވަކި ގޮތަކަށް އޮތްކަން ސާބިތުކޮށްދޭ އެއްވެސް ދަލީލެއް ފެންނަން ނެތީމައެވެ. ކަން އެހެން އޮތްނަމަ ، ޢޫޘްމާނަށް ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޢަރަބި ނަން ފިޔަވައި ތުރުކީނަމުން ނަންދެވުނީ ކީއްވެގެން ހެއްޔެވެ ؟ މިއީ ނުއުފެދި ނުދާނެ ސުއާލެކެވެ. އެހެނީ ޢުޘްމާނަކީ މުސްލިމެއްނަމަ ، އޭނާގެ ދަރިންނަށްވެސް ނަންދޭނީ މުސްލިމް ނަމުންނެވެ. ތުރުކީގައި ބޭނުންކުރެވޭ ނަންނަމަކުން ނޫނެވެ. ގިނަގޮތްގޮތުން އެނގި ސާބިތުވާގޮތުގައި ، ޢުޘްމާންގެ ދަރިކޮޅުން ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަކީވެސް ، މުސްލިމުންނެވެ.

ގްރީކުގެ ތާރީޚީ ޢިލްމުވެރިޔާ ޕެކީމެރެސް ދެއްވާފައިވާ މަޢުލޫމާތުން ، ހަމައެކަނި އެނގޭ އެއްޗަކީ ، ތުރުކީގެ އަޓަމަން އަކީ ހަނގުރާމަވެރިއެއްކަމެވެ. ސަންގާރިއަސް ކޯރު ފެތުރިގެންވާ ސަރަޙައްދަށް ދުރުހުސާބަކުން އައިސް އެހިސާބުގަނޑު ފަތަޙަކޮށް އެތަންތަނަށް ވެރިވެ ، ޢަސީރުން ހިފައި ހައްޔަރުކޮށް ، ހަނގުރާމައިގެ ކާމިޔާބީތަކެއް ހޯދި ފާތިޙެއްކަމެވެ. އެހެނަސް އެސަރަޙައްދުގެ ނިކާއޭ ސަރަޙައްދު އަޓަމަންއަށް ހިފޭގޮތެއް ނުވިއެވެ. އެއީ އެހިސާބުގެ މައި ސަހަރެވެ. ސަންގާރިއަސްގެ ވާދީގެ ބޮޑުބައެއް އަޓަމަންގެ ބާރުގެ ދަށަށް ގެނައެވެ. ބަރސާ ސިޓީއަކީ އޭގެ ތެރެއިން މުހިންމު އެއްތަނެވެ. އެހެނަސް އެސިޓީވެސް އަޓަމަންއަށް މުޅިން ހިފޭގޮތެއް ނުވިއެވެ.

ޢުޘްމާން އަވަހާރަވި ތާރީޚަކީވެސް މުޅިން ކަށަވަރުވާ ތާރީޚެއްނޫނެވެ. ބޮޑަށް ބެލެވެނީ ޢުޘްމާން އަވަހާރަވީ ، 1324 ގައި ކަމުގައެވެ. ދުނިޔޭޣެ މަޝްހޫރު ސައްޔާހެއްކަމުގައިވާ އިބްނު ބަތޫތާ ، 1331 ނުވަތަ 1332 ގައި ބަރސާއަށް ޒިޔާރަތް ކުރައްވާފައި ވެއެވެ. އިބްނި ބަތޫތާ ލިޔުއްވާފައިވާ ގޮތުގައި ، ޢުޘްމާން ވަޅުފުޅުލެވިފައިވަނީ ، ބަރސާގެ މިސްލިތެއްކައިރީ އޮންނަ ގަބުރުސްތާނެއްގައެވެ. އެތަނުގައިވަނީ ޢުޘްމާންގެ މަޤްބަރާއެއް ހެދިފައެވެ. ހަމައެއާއެކީ ، ޢުޘްމާންގެ ދަރިކަލުން އޮރްހާން ވެސް ވަޅުފުޅު ލެވިފައިވަނީ ބަރސާގެ އެ ޤަބްރުސްތާނުގައެވެ. ދެބަފައިންގެ މަޤްބަރާ ހުންނަނީ ޖެހިޖެހިގެންނެވެ.

އޮރްހާން

ޢުޘްމާނާ ޚިލާފަށް ، އޮރްހާނާބެހޭ މަޢުލޫމާތަކީ މާފަސޭހައިން ހޯދެންހުރި އެއްޗެކެވެ. ޢުޘްމާނަކީ އޮރްހާންގެ ބައްޕައެވެ. ޢުޘްމާޏްގެ ދޮރީ ފިރިހެން ދަރިއެވެ. ކޮންގޯލްގެ ތާރީޚީ ޞައްޙަ ރިކޯޑްތަކުގައި އޮރްހާންގެ ވާހަކަ އައިސްފައި އެބް ހުއްޓެވެ. އަދި ފާރިސީއާއި ޢަރަބި ލިޔުންތެރިންނާއި ތާރީޚީ ޢިލްމުވެރިންގެ ފަތްފުށްތަކުގައިވެސް ، އޮރްހާންގެ ނަން އައިސްފައި އެބަ ހުއްޓެވެ. ދުނިޔޭގެ މޮރޮކޯއަށް ނިސްބަތްވެގެންވާ ، މަޝްހޫރު ސައްޔާޙެއްކަމުގައިވާ ، އިބްނު ބަތޫތާއާ އޮރްހާނާ ދިމާވެފައިވާކަމަށް ތާރީޚުން އެނގެއެވެ. އިބްނު ބަތޫތާއަށް އޮރްހާންގެ ޝަޚްޞިއްޔަތު ތަޞައްވުރު ކުރެވުނުގޮތް ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.

" ތުރުކީ ވިލާތުގެ ރަސްރަސްކަލުންކުރެ ، އެންމެ ބާރުގަދަ ރަސްކަލުންނެވެ. ބިމާއި ފައިސާއާ އަދި ޢަސްކަރީ ބާރުވެރިކަމުގައްޔާއި މުދަލުގެ މުއްސަނދިކަމުން  އަރާހުންނެވި ރަސްކަލެކެވެ. ހަނގުރާމަޔަކަށްފަހު ހަނގުރާމައެއް ފަތަޙަ ކުރައްވަމުން ގެންދެވިއެވެ. ބިޔަ އަދި ބޮޑެތި ، ސަތޭކަ އެތައް ގަނޑުވަރެއްގެ ވެރިޔެއްގެ ގޮތުގައި އެއްތަނުން އަނެއްތަނަށް ދަތުރު ކުރައްވަމުން ، އެތަންތަން މަރާމާތު ކުރޭތޯ އަދި ހުރީ ފުރިހަމައަށްތޯ ބައްލަވަމުން  ގެންދަވައެވެ. އެއްމަހަށްވުރެ ގިނަދުވަހު އެއްގަނޑުވަރެއްގައި ނުހުންނަވައެވެ. "

އޮރްހާނާމެދު އިބްނު ބަތޫތާ ދެކެވަޑައގަންނަވާގޮތް ، ގްރީކްގެ ތާރީޚީ ފޮތްތަކާ އެއްގޮތެވެ. ގިނަދުވަސްތަކެއްވަންދެން ބަރސާގެ ވަށައިގެން އެތަނުގެ މީހަކަށް ބޭރަށް ނުދެވޭގޮތަށް ބަންދުކޮށްގެން ގެންގުޅުމުގެ ނަތީޖާއެއްގެ ގޮތުން ، ޙިޖްރީ ސަނަތުން 1326 ގައި ބަރސާވެސް އޮރްހާންގެ ރަސްކަމުގެ ތެރެޔަށް ވަނެވެ. އެއީ ވަރަށްގިނަ ފަހަރަށް ދިމާ ކުރައްވައިގެންވެސް ، އޭނާގެ ބައްޕަ ޢުޘްމާނަށް ނުކުރެއްވި އޮތް ކަމެކެވެ. ބަރސާ ހިއްޕެވުމަކީ ، ޢުޘްމާންގެ ހުވަފެންފުޅެކެވެ. އެކަން ފުރިހަމަ ކޮށްދެއްވީ ޢުޘްމާންގެ ދޮށީދަރިކަލުން އޮރްހާނެވެ. އޭގެ ފަސްއަހަރު ފަހުން ބަރސާއާ ޖެހިގެންއޮތް ނިސާއީވެސް އޮރްހާންގެ ވެރިކަމުގެ ދަށަށް އައެވެ. އޭގެ ހަމަސްފަހުން 1337 ގައި ނިކޮމީޑިއާވެސް ، އޮރްހާން ފަތަޙަ ކުރެއްވިއެވެ. އެހެންކަމުން ، ގްރީކްގެ އެންމެ މުހިންމު ތިން ސަހަރުކަމުގައިވާ ބަރސާ ، ނިސާއީ އަދި ނިކޮމީޑިއާ ، އޮރްހާންގެ ވެރިކަމުގެ ދަށަށް އައެވެ. މުޅި ބައިތީނިއާ ބައްރުގައި އޮތް އެންމެ ބާރުގަދަ ވެރިކަމަކީ ، އޮރްހާންގެ ރަސްކަންކަމުގައި ވެގެންދިޔައެވެ. އެއީ މަރްމަރާ ކަނޑުގެ ވަށައިގެން ، ކަޅުކަނޑުގެ އުތުރުން އައިގީންކަނޑުގެ ދެކުނުން އޮތް ބޮޑު ސަރަޙައްދު އެއްކޮށެވެ. އެއްބާރެއްގެ ދަށުގައި އެވަގުތުވެސް ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ވެރިކަމަކީ ޢުޘްމާނީ ރަސްކަމެވެ.

ތުރުކީއަށް ކުރެއްވި ދަތުރު ތަކުގައި އޮރްހާނަކީ ، އިބްނު ބަތޫތާއާ ދިމާވެވަޑައިގަތް ހަމައެކަނި ރަސްކަލެއްނޫނެވެ. އެހެން ރަސްރަސްކަލުންނާވެސް އިބްނު ބަތޫތާއާ ދިމާވެވަޑައިގަތެވެ. މަރްމަރާ ކަނޑާއި ކަޅުކަނޑު އަދި އައިގީންކަނޑުގެ އައްސޭރިފަށަކީ ވަރަށް އަގޮބޮޑު ސަރަޙައްދެކެވެ. ބައިޒެންޓީނާއި އިޓަލީވިލާތުގެ އައްސޭރިފަށުގެ ސްޓޭޓްތަކާ ދެމެދުގެ ވިޔަފާރި ދަތުރުތައް ކުރެވެނީ މި ސަރަޙައްދުތަކުން ލާފައެވެ. އެހެންކަމުން ، އެ ސަރަޙައްދުގެ އެކިތަންތަންކޮޅު ، ބާރުގަދަ ޤަބީލާތަކުގެ ވެރިންނާއި އަމީރުން އަދި ރަސްރަސްކަލުންގެ މައްޗަށް ބެހިގެން ގޮސްފައި އޮތެވެ. އެތަންތަނުގެ ވެރިންގެ އަތްމަތިން ބާރުތައް ދޫވެ ، އޮރްހާންގެ އަތްމައްޗަށް އެބާރުތައް ދޫވެގެންދިޔަތަން އިބްނި ބަތޫތާއަށް ފެނިވަޑައިގަތެވެ.

އެދުވަސްވަރަކީ ރޯމުގައި ކުރިން ، ދުއިސައްތައަށްވުރެ ގިނަ އަހަރުވަންދެން އޮތް އިސްލާމީ ޘަޤާފަތުގެ އަސަރު ނުފިލާ އޮތް ދުވަސްވަރެކެވެ. އޭގެތެރެއިންވެސް ، ފާރިސީ ނުފޫޒުގަދަކޮށް އޮތް ، ކޮންޔާ އެވެ ކިއުނު ސަރަޙައްދަކީ ، ތުރުކީފަދަ އިސްލާމީ ނުފޫޒުއޮތް ތަނަކާ ދެމެދުގެ ގުޅުން އެހެން ތަންތަނަށްވުރެ ބޮޑުކޮށް އޮތް ތަނެކެވެ. މޮންގޯލްގެ ވެރިކަމުގެ ތެރެއިން އީރާނުގެ ވެރިންނަކީ ، އެތައް ޤަރުނެއްކުރީގެ އިސްލާމީ އާދަކާދަޔާއެކީ ، މޮންގޯލްގެ އެހެންހުރިހާ ވެރިކަމަކާ ތަފާތުކޮށް ، ޔޫރޭސިއާ ނުވަތަ ކުރީގެ ރޫސީވިލާތުގައި ހިމެނޭ އޭޝިއާ ކައިރީގައި އޮންނަ ގައުމުތަކުގެ ވިސްނުމާއި ފިކުރަށް ތަބާވި ، މިހާރުގެ ޔޫރަޕްގެ ގައުމުތަކާ ދުރު ވިސްނުމާއި ފިކުރާ އަދި ޚިޔާލާތެއް އޮތް ބަޔެކެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.