ޓޯސްޓުން ރީތި ތަސްވީރުތަކެއް

ސޯޝަލް މީޑިއާ އިން ފެންނަ އެކި މީހުންގެ އާދަޔާޙިލަފު ހުނަރުތަކުން މީހުން ހައިރާންކުރުވައެވެ. ކަރަންޓީނުގައި ގޭގައި ހޭދަކޮށްލާ ދުވަސްތަކުގައިވެސް  މީހުންގެ އެކިއެކި ހުނަރުތައް ސޯޝަލް މީޑިއާ އިން ފެނެއެވެ. މިފަހަރު އެންމެން ހައިރާންކޮށްލީ ޖަޕާނުގެ ކުރެހުންތެރިއެއް ކަމަށްވާ މަނާމީ ސަސާކީއެވެ. އޭނާ ޓޯސްޓުގައި ކުރަހާ ކުރެހުންތަކުން ވަނީ މީހުންގެ ޝައުޤުވެރިކަން އަތުލައިގެންފައެވެ. އޭނާ މިކަން ކުރަނީ ހަމަކައެކަނި ކާތަކެއްޗާއި، ތިނޯހެއްގެ އިތުރުން ބަޓަރު ވަޅިއެއް ބޭނުންކޮށްގެންނެވެ. ސަސާކީގެ މި ތަސްވީރުތަކުގައި ދޫންޏާއި މާމެލާމެލީގެ އިތުރުން ގަސްތައްވެސް އޭނާ ކުރަހައެވެ.

މަނާމީ ސަސާކީއަކީ ޑިޒައިނަރެއްވެސް މެއެވެ. އޭނާގެ ކުރެހުންތައް ވިކެން ފެށީ ލިބެން ފެށީ އޭނާ ހައި ސްކޫލްގައި އުޅެނިކޮށެވެ. އޭނާ މިވަގުތު މަސައްކަތް ކުރަމުންދަނީ ޓޯކިޔޯގެ ޑިޒައިން ކޮމްޕެނީ އަކަށެވެ. ސަސާކީ އާއްމުކޮށް ހަދާ އުޅެނީ ކެއުމަކާ ގުޅުމެއް ނުހުންނަ އާޓްކަމުގައި ވީނަމަވެސް މިހާރު އޭނާ ވަނީ ގޭގައި ކާތަކެތި ބޭނުންކޮށްގެން އާޓް ހަދަން ފަށާފައެވެ. އޭނާއަށް މި ޙިޔާލު ލިބުނީ އޭނާ ގޭގައި ގިނަ ވަގުތު އުޅެންޖެހުމުން ކެވޭ ތަކެއްޗާއި މެދު ސަމާލުކަން ބަހައްޓަން ފެށުމުންނެވެ. މަސައްކަތުގެ ބުރަކަމާއި ހެދި ލޮކްޑައުންގެ ކުރިއަކުން އޭނާއަށް ކެއުމަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދެވޭ ކަމަށް ސަސާކީ ބުންޏެވެ.

މިހާރު ކޮންމެ ދުވަހަކު ހެނދުނު އަވަހަށް ތެދުވެ ހެނދުނު ނާސްތާ ކުރުމަށް އޭނާ ހަނދާން ހުންނަކަމަށް ސަސާކީ ބުންޏެވެ. މިކަން ކުރުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް އޭނާ ގަންނަނީ ކައިރީގައި ހުންނަ ސުޕަމާކެޓުންނެވެ. އެ ސުޕަމާރކެޓުން މަސައްކަތަށް ބޭނުންވާ ހުރިހާ އެއްޗެއް ލިބޭ ކަމަށާއި މިތަކެތި ހޯދުމަށް މާ ދުރަކަށް ދާންނުޖެހޭ ކަމަށް ސަސާކީ ބުންޏެވެ. އޭނާގެ މި މަސައްކަތް ކުރުމަށް 3 ގަޑިއިރާއި 4 ގަޑިއިރާއި ދެމެދުގެ ވަގުތެއް ހޭދަވެއެވެ. މަސައްކަތުގައި ޖަޕާނުގެ ސަޤާފަތައް އޭނާ ހުންނަ ޝައުޤާއި އެހެން ކުރެހުންތެރިންގެ ކުރެހުންތައް ހިމަނައެވެ.

މި މަސައްކަތް ކުރުމުގައި މާގިނަ ޑީޓެއިލްސްތައް ހިމަނައިފިނަމަ ޕާން ހަޑިވެ ކުލައާއި ޓެކްސްޗަރ ފަނޑުވެ ކާހިތް ކެނޑޭނެކަމަށް ސަސާކީ ބުންޏެވެ. ތަސްވީރު ނިމޭއިރުވެސް ކާހިތްވާ ގޮތަށް ޕާން ހުރުމަކީ އޭނާއަށް ވަރަށް މުހިއްމުކަމެކެވެ.  ސަސާކީ މި މަސައްކަތުގައި އާރޓިފިޝަލް ކުލަތައް ބޭނުންނުކުރެއެވެ. ސަސާކީ އޭނާގެ ކުރެހުންތައް ނިމުމުން ޕާން ފިހެއެވެ. ޕާން ފިހުމުން ޕާން ފިހުމުގެ ކުރިންނާއި ޕަން ފިހުމުގެ ފަހުން ހުންނަ ގޮތް އޭނާއަށް ފެނެއެވެ.

ސަސާކީ އޭނާގެ މި ކުރެހުންތައް ހަދައި ނިމުމުން އެ ކައެވެ. މިއީ އޭނަގެ މަސައްކަތްތަކެއް ކަމަށްވިޔަސް އެ ކެއުމުން އޭނާ ދެރަނުވާކަމަށާއި އޭނާ މިކަން ކުރަނީ ހެނދުނުގެ ނާސްތާއަށް ކަމަށް އޭނާ ބުންޏެވެ. އޭނާގެ ރީތި ތަފާތު މި ކުރެހުންތައް އޭނާގެ އިންސްޓަގްރާމްއިން ފެނެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.