ދުނިޔޭގައި މާތް ﷲގެ ސުންނަތަކީ ފަސޭހައަކަށް ފަހު އުނދަގުލެއް ކުރިމަތިވުމެވެ. އުފަލަކަށް ފަހު ހިތާމައެެއް އައުމެވެ. ނިޢުމަތްތަކަކަށް ފަހު މުޞީބާތެއް އައުމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿فَإِنَّ مَعَ ٱلْعُسْرِ يُسْرًا﴾ (ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.) (އައްޝަރްޙު: 5)
އެހެެންކަމުން ތިމާއަށް މުޞީބާތެއް ކުރިމަތިވާ ހިނދު މާތް ﷲ ހަނދުމަކުރުމާއެކު ލިބިގަންނަންވީ އެެއް ފިލާވަޅަކީ ދުނިޔޭގެ އެއްވެސް އުފަލަކީ ދެމިގެންވާނެ އެއްޗަކަށް ނުވާތީ، އަދި ދުނިޔެއަކީ އޭގެ ޒާތުގައި ނެތި ހިނގައިދާނެ އެެއްޗަކަށް ވާތީ، ދުުނިޔޭގެ އުފާތަކަށް ނުހެއްލުމެވެ. ދުނިޔެއަކީ އެއް ގޮތެއްގައި ދެމި އޮންނާނެ ތަނެއް ނަމަށް އެތަނުގައި ލިބެމުން އައި އުފާތަކާއި ނިޢުމަތްތަކަށް ކުއްލި ނިމުމެއް އައިސް މުޞީބާތް ކުރިމަތި ނުވީހެވެ.
ދުނިޔޭގެ ހަގީގަތް ވަރަށް ރިވެތި މިސާލަކުން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿إِنَّمَا مَثَلُ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ مِمَّا يَأْكُلُ ٱلنَّاسُ وَٱلْأَنْعَـٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلْأَرْضُ زُخْرُفَهَا وَٱزَّيَّنَتْ وَظَنَّ أَهْلُهَآ أَنَّهُمْ قَـٰدِرُونَ عَلَيْهَآ أَتَىٰهَآ أَمْرُنَا لَيْلًا أَوْ نَهَارًا فَجَعَلْنَـٰهَا حَصِيدًا كَأَن لَّمْ تَغْنَ بِٱلْأَمْسِ ۚ كَذَٰلِكَ نُفَصِّلُ ٱلْءَايَـٰتِ لِقَوْمٍ يَتَفَكَّرُونَ﴾ (ދުނިޔޭގެ ދިރިއުޅުމުގެ مثال ވާކަން ކަށަވަރީ، ތިމަންރަސްކަލާނގެ އުޑުން ވެއްސެވި ފެނެއްގެ مثال ކަމުގައެވެ. ފަހެ، އިންސާނުންނާއި، نعم ސޫފި ކައިއުޅޭ ބާވަތްތަކުގެ ތެރެއިން ބިމުގެ ގަސްގަހާގެހި، އެ ވާރޭފެނާއެކުވެ، އެންމެފަހުން އެ ބިމަށް ރީތިކަމާއި، އާރޯކަންލިބި (މާމެލާމެއްޔާއި މޭވާތަކުން) ޒީނަތްތެރިވެ، އެ ބިމުގެ أهل ވެރިން އެ ތަކެތީގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެންވާކަމަށް ހީކޮށްގެން ތިއްބައި (އެތަކެތި ހަލާކުވެދިއުމަށް) ރޭގަނޑެއްގައި، ނުވަތަ ދުވާލެއްގައި، ތިމަންރަސްކަލާނގެ أمر ފުޅު އައެވެ. ފަހެ، އެހިނދު ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، ތިމަންރަސްކަލާނގެ އެތަކެތި ލެއްވީމެވެ. އެތަކެތި އިއްޔެ ނުވެސް ނެތްކަހަލައެވެ. ފިކުރުކުރާ ބަޔަކަށް، ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަނީ އެފަދައިންނެވެ.) (ޔޫނުސް: 24)
ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، މާތް ﷲ ފޮނުއްވާ މުޞީބާތެއް ޖެހި ތިމާ އުޅުނު އުފާވެރި ދިރިއުޅުން ގެއްލިދާ ކޮންމެ ފަހަރަކު މަތީގައި ބަޔާންކުރައްވާފައިވާ މިސާލުން ފިލާވަޅު ލިބިގަތުމަކީ ހިތަށް ހަމަޖެހުން ލިބޭނެ ކަމެއްކަން ކަށަވަރެވެ.
މުޞީބާތްތަކުން ތިމާއަށް ލިބޭ ހިތާމަ ކުޑަކުރުމަށް އަބަދުވެސް މަސައްކަތްކުރަން ޖެހޭނީ ދުނިޔޭގެ ނިއުމަތްތަކަކީ ކޮންމެ ވަގުތަކުވެސް އެ ނިއުމަތްތައް ދެއްވި އެންމެ ދީލަތިވަންތަ އިލާހު ގެންދަވާފާނެ ނިއުމަތްތަކެއްކަން ގަބޫލުކޮށްގެން ހުރެއެވެ.
ދުނިޔޭގެ ނިޢުމަތްތައް ނިމިދާ ގޮތުގެ މިސާލު މުއުމިނުނަށް ޖައްސަވައިދެއްވުމަށް މާތް ﷲ އެކަލާނގެ ލޮބުވެތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް އަންގަވާފައި ވަނީ މިފަދައިންނެވެ. ﴿وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ ٱلرِّيَـٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ مُّقْتَدِرًا﴾ (ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ مثال ޖައްސަވައިދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ مثال އެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށްފަހު) ވަޔާބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.) (އަލްކަހްފު: 45)
އެހެންކަމުން، މުޞީބާތް އައުމަށް ފަހުވެސް، އަދި އޭގެ ކުރިންވެސް، މުއުމިނުން މަސައްކަތްކުރަން ޖެހެނީ ދުނިޔޭގެ އުފާތަކަށް ހެއްލުންތެރި ނުވުމަށެވެ. ދުނިޔެއަށްޓަކައި ކުރާ މަސައްކަތަކީ އޭގެ ޒާތުގައި ތިމާގެ ލަނޑުދަނޑި ކަމުގައި ނުހެދުމަށެވެ. އަދި ކިއެއްތޯއެވެ. އެ މަސައްކަތްތަކަކީ އާޚިރަތަށްޓަކައި ކުރާ މަސައްކަތް ފަސޭހަކޮށްދޭ، އެކަމަށް މަގުފަހިކޮށްދޭ މަސައްކަތްތަކަށް ހެދުމަށެވެ.
އަންނަނިވި އާޔަތުގައިވާ ހަގީގަތް ގަބޫލުކޮށް އެ ލަނޑުދަނޑި ހާސިލުކުރުމަށް ތިމާގެ އަމަލުތައް ބައްޓަންކޮށްފި މީހާ، މުޞީބާތުގެ ވަގުތު ލިބިގަންނާނެ ފިލާވަޅަކީ ދުނިޔެއަށް ހޭލުންތެރި ނުވުމުގެ ފިިލާވަޅުކަން ކަށަވަރެވެ. ﴿زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلْبَنِينَ وَٱلْقَنَـٰطِيرِ ٱلْمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلْأَنْعَـٰمِ وَٱلْحَرْثِ ۗ ذَٰلِكَ مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱللَّهُ عِندَهُۥ حُسْنُ ٱلْمَـَٔابِ﴾ (އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި جمل އާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް زينة ތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަންވަނީ اللَّه ގެ حضرة ގައެވެ.) (އާލުޢިމްރާން: 14)
ދުނިޔޭއާ މެދު މުއުމިނާ ދެކެންވީ ގޮތް ރަސޫލުﷲ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘުން ސާފުކޮށް އެނގިގެން ދެއެވެ. عَنْ عَبْدِ اللَّهِ، قَالَ نَامَ رَسُولُ اللَّهِ صلى الله عليه وسلم عَلَى حَصِيرٍ فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ فَقُلْنَا يَا رَسُولَ اللَّهِ لَوِ اتَّخَذْنَا لَكَ وِطَاءً . فَقَالَ " مَا لِي وَمَا لِلدُّنْيَا مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا " (ޢަބްދުﷲގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ކުނަލެއްގެ މަތީގައި އަަވަހާރަފުޅުލައްޕަވާފައި ތެދުވެވަޑައިގެންނެވި އިރު، އެކަލޭގެފާނުގެ އަރިކަށީގެ ކުނަލުގެ ނިޝާންތައް ފެންނާން ހުއްޓެވެ. ދެން ތިމަންމެން ދެންނެވީއެެވެ. ﷲގެ ރަސޫލާ صلى الله عليه وسلم އެވެ. ތިމަންމެން ކަލޭގެފާނަށް ގޮދަޑިކޮޅެއް ތައްޔާރުކުރަންވީތޯއެވެ؟ އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. "ތިމަންކަލޭގެފާނު ދުނިޔެއިން ކީއްކުރައްވަންހެއްޔެވެ؟ ދުނިޔޭގައި ތިމަންކަލޭގެފާނު ދަތުރުވެރިއެއްފަދައިން މެނުވީ ނުވަމެވެ. އެނާ ގަހެއްގެ ހިޔަލުގައި ނިދާލާފައި ދެން އެގަސް ދޫކޮށް ދަތުރުކުރާނީއެވެ." (ޖާމިޢުއް ތިރްމިޛީ، ޙަދީޘު: 2377)