އިސްވެދިޔަ މަޒުމޫނުތަކުން އެނގިފައިވާނެ ގޮތުގައި މާތް ﷲ މުޞީބާތް ފޮނުއްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިންސާނާ ކުރާ ނުބައި އަމަލުތަކަށާއި، އެރެދުމަށް މާތް ﷲ އޭނާއަށް ޢުޤޫބާތްދެއްވުން ހިމެނެއެެވެ. މިފަދަ މުޞީބާތުގެ ވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ. ﴿وَمَآ أَصَـٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ﴾ (ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ.) (އައްްޝޫރާ: 30) ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއާޔަތުގައި އައިސްފައިވާ އަތްތަކުން ހޯދި ކަންތަކަކީ އިންސާނާ ކުރާ ފާފައެވެ.
މުޞީބާތް ފޮނުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މާތް ﷲ އަޅާގެ ދަރަޖަ މަތިކުރައްވަން އިރާދަކުރައްވާ ހިނދު އޭނާ އިމްތިޙާނުކުރެއްވުމުގެ މަޤްޞަދުގައި އޭނާއަށް މުޞީބާތް ޖެއްސެވުން ވެސް ހިމެނެއެވެ. މިފަަދަ މުޞީބާތް ކީރިތި ރަސޫލު صلى الله عليه وسلم ގެ އަންނަނިވި ޙަދީޘުގައި ބަޔާންވެގެން ވެއެވެ. عَنْ إِبْرَاهِيم بْنُ مَهْدِيٍّ السُّلَمِيُّ - عَنْ أَبِيهِ، عَنْ جَدِّهِ، وَكَانَتْ، لَهُ صُحْبَةٌ مِنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " إِنَّ الْعَبْدَ إِذَا سَبَقَتْ لَهُ مِنَ اللَّهِ مَنْزِلَةٌ لَمْ يَبْلُغْهَا بِعَمَلِهِ ابْتَلاَهُ اللَّهُ فِي جَسَدِهِ أَوْ فِي مَالِهِ أَوْ فِي وَلَدِهِ ". (އިބްރާހީމް ބިން މަހްދީ އައްސުލަމީ އޭނާ ބައްޕާފުޅުގެ އަރިހުން، އޭނާގެ ކާފާފުޅުގެ އަރިހުން (ކާފާފުޅަކީ ޞަޙާބީ ބޭކަލެކެވެ.) ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. "އަޅާއަށް މާތް ﷲ ވަކި ދަރަޖައެއް އިސްވެ ކަނޑައަޅުއްވާފައި ވަނިކޮށް، އޭނާގެ އަމަލުން އެ ދަރަޖައަށް ނުދެއްވިޖެއްޔާ، މާތް ﷲ އޭނާގެ ހަށިގަނޑުގައި ނުވަތަ މުދަލުގައި ނުވަތަ ދަރިން ހިމެނޭ ގޮތަށް އޭނާ އިމްތިޙާނުކުރައްވައެެވެ." (ސުނަނު އަބީދާވޫދު، ހަދީޘު: 3090)
މި ދެބާވަތުގެ މުޞީބާތްވެސް އަންނާނީ އެއް ގޮތަކަށެވެ. ބޮޑު ބަލިމަޑުކަމެއް ޖެހުން، ގެދޮރު ސުންނާފަތިވުން، މުދާތައް ހަލާކުވެ ނެތިދިއުން، ދަރިން މަރުވެ ދިއުން ފަދަ ކަމެއްގެ ގޮތުގައެވެ. އެހެންކަމުން، ދެން އުފެދޭނެ ސުވާލަކީ އެފަދަ މުޞީބާތަކީ އުޤޫބާތެއްކަން ނުވަތަ އިމްތިޙާނެއްކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ޢިލްމުވެރިން ވަނީ އެކަން ދެނެގަންނާނެ ގޮތް ބަޔާންކުރައްވާފައެވެ.
ފުރަތަމަ ކަމަކީ މުޞީބާތް ޖެހުނު ފަރާތަކީ ކާފަރެއް ނަމަ، ނުވަތަ ޖެހުނު އުއްމަތަކީ ޝިރުކުކޮށް އުރެދުމުގައި ހައްދު ފަހަނައަޅާފައިވާ ބައެއް ނަމަ، އެމީހަކަށް ނުވަަތަ އުއްމަތަކަށް ޖެހޭ މުޞީބާތް އެއީ ދަރަަޖަ އުފުއްލެވުމުގެ ގޮތުން ކުރައްވާ އިމްތިޙާނަކަށް ނުވާނެއެވެ. އެ މުޞީބާތް ވާނީ ޢުޤޫބާތަކަށެވެ. އެއީ ދުނިޔެމަތީގައި އެމީހުންނަށް ޢުޤޫބާތް އަވަސްކުރައްވައި، އާޚިރަތުގައި އިތުރަށް ޢަޛާބު ދެއްވުމަށެވެ. ﴿وَجَعَلُوا۟ لِلَّهِ شُرَكَآءَ قُلْ سَمُّوهُمْ ۚ أَمْ تُنَبِّـُٔونَهُۥ بِمَا لَا يَعْلَمُ فِى ٱلْأَرْضِ أَم بِظَـٰهِرٍ مِّنَ ٱلْقَوْلِ ۗ بَلْ زُيِّنَ لِلَّذِينَ كَفَرُوا۟ مَكْرُهُمْ وَصُدُّوا۟ عَنِ ٱلسَّبِيلِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ * لَّهُمْ عَذَابٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْءَاخِرَةِ أَشَقُّ ۖ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٍ﴾ (އަދި އެއުރެން، اللَّه އަށް شريك ންތަކެއް ލޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އެ ތަކެއްޗަށް ނަންދީ ބަލާށެވެ! ނުވަތަ ބިމުގައި އެކަލާނގެ ދެނެވޮޑިގެންނުވާ ކަމެއްގެ خبر، ތިޔަބައިމީހުން އެކަލާނގެއަށް ދެނީހެއްޔެވެ؟ ނުވަތަ ބޭރުފުށުން ދައްކާ ވާހަކައަކީ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ كافر ވި މީހުންނަށް، އެއުރެންގެ މަކަރުވެރި ރޭވުންތައް ޒީނަތްތެރިކުރެއްވިއެވެ. އަދި އެއުރެން މަގުން އެއްކިބާކުރައްވާފައިވެއެވެ. اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގު ދައްކާނޭ އެކަކުވެސް ނުވެތެވެ. * އެއުރެންނަށް ދުނިޔޭގެ حياة ގައިވެސް عذاب ހުށްޓެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب މާގަދައެވެ. އަދި اللَّه ގެ عذاب ން ރައްކާތެރިކޮށްދޭނެ އެކަކުވެސް އެއުރެންނަކަށް ނުވެތެވެ.) (އައްރަޢުދު: 33-34)
މުސްލިމުން އަޅުންގެ ތެރެއިން ފާޅުގައި ފާފަކޮށް، ފާފައިގެ މަގުގައި ކުރިއަށް ގޮސްފައިވާ އަޅުންގެ މައްޗަށް އަންނަ މުޞީބާތަކީ މިފަދަ ޢުޤޫބާތުގެ މުޞިބާތެއްކަން، ނުވަތަ އެއީ ދަރަޖަ މަތިވެރިކުރެއްވުމުގެ މުޞީބާތެއްކަން ސާފުވާނީ މުޞީބާތާމެދު އޭނާގެ ޢަމަލުތައް ބަހައްޓާ ގޮތުންނެވެ. އެހެންކަމުން، ޢިލްމުވެރިން ވިދާޅުވި ގޮތުގައި،
މިފަދަ އަޅުންގެ މައްޗަށް ފޮނުއްވާނީ، އޭނާގެ ޢަމަލުތައް ރަނގަޅުކުރުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން ފޮނުއްވާ މުޞީބާތެވެ. އޭނާގެ މުޞީބާތް އައުމުން އޭނާ އެ މުޞީބާތަށް ކެތްކޮށް، މާތް ﷲގެ ޙަޟްރަތަށް ރުޖޫޢަވެއްޖެނަމަ، އެއީ އިމްތިޙާނުކުރެއްވުކެވެ. އަދި މުޞީބާތުގެ ވަގުތު ކެތްތެރިކަން ކޮޅުންލައި، ޝަކުވާކޮށް، ފާފަކުުރުމުގެ މަގުގައި ކުރިއަށް ގޮސްފިނަމަ އެެ މުޞީބާތް ވާނީ އޭނާގެ މައްޗަށް ފޮނުއްވި ޢުޤޫބާތަކަށް ވެދާނެއެެވެ.
މާތް ﷲއަށް ތެދުވެރި، ޞާލިޙު އަޅުންގެ މައްްޗަށް މާތް ﷲ ފޮނުއްވާ މުޞީބާތަކީ އެފަދަ އަޅުންގެ ދަރަޖަ މަތިވެރިކުރެއްވުމަށް ފޮނުއްވާ މުޞީބާތެވެ. އެއީ އެފަދަ އަޅުން ދެކެ މާތް ﷲ ލޯބިވެވޮޑިގަންނަވާތީ ފޮނުއްވާ މުޞީބާތެވެ. އަންނަނިވި ޙަދީޘުގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ. عَنْ أَنَسِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ أَنَّهُ قَالَ " عِظَمُ الْجَزَاءِ مَعَ عِظَمِ الْبَلاَءِ وَإِنَّ اللَّهَ إِذَا أَحَبَّ قَوْمًا ابْتَلاَهُمْ فَمَنْ رَضِيَ فَلَهُ الرِّضَا وَمَنْ سَخِطَ فَلَهُ السُّخْطُ ". (މާލިކު ބްނު އަނަސުގެ އަރިހުން ރިވާވެގެން ވެއެވެ. "ޖަޒާ މަތިވެރިކުރައްވަނީ، އިމްތިޙާނު ބޮޑުކުރެއްވުމާ އެކުގައެވެ. މާތް ﷲ ގައުމަކަށް ލޯބިވެވޮޑިގެންފިނަމަ، އެބައިމީހުން އިމްތިޙާނު ކުރައްވައެވެ. ފަހެ، (އެ އިމްތިޙާނަށް) ރުހިއްޖެ ބަޔަކަށް އެކަލާނގެ ރުއްސެވުން ހުއްޓެވެ. އަދި (އެ އިމްތިޙާނަށް) ނުރުހިއްޖެ ބަޔަކަށް އެކަލާނގެ ކޯފާ ހުއްޓެވެ.) (ސުނަނު އިބްނުމާޖާ، ޙަދީޘު: 4031)
ماشاءالله ވަރަށް ފުރިހަމަ. ދަރުމަ ދެއްވާށި !
Varah faidhaa koffi..liyuntheriyaa ah skuruhuri..heyo dharuma dhevvaashi