ރާއްޖޭގައި ކުރިއަރަމުން އަންނަ މަޝްހޫރު ލިޔުންތެރިއެއްކަމުގައިވާ އަންވަރް އިބްރާހީމް ދިވެހި ކުޑަކުދިންނަށް އަމާޒު ކުރައްވައި ރީތި އިލްކެޓްރޯނިކް ވާހަކައެއް ނެރުއްވައިފިއެވެ. މިއީ ކޯވިޑް-19 ގެ ބިރުވެރިކަން މުޅި ރާއްޖެއަށް ފެތުރިފައިވާ ދަނޑިވަޅެއްގައި އެ ހާލަތަށް ބައްލަވައިގެން އޭނާ ލިޔުއްވި ފޮތެކެވެ. ފޮތް ޝާއިއުކޮށްފައި ވަނީ އޭޝިއާ ފައުންޑޭޝަނުން ހިންގާ "ލެޓްސް ރީޑް" ޕްރޮގްރާމްގެ ވެބްސައިޓު reader.letsreadasia.org ގައެވެ.
މި ވެބްސައިޓަކީ ކުޑަކުދިން ކިޔާނޭ އިލެކްޓްރޯނިކް ފޮތް ޝާއިއުކުރާ ވެބްސައިޓެކެވެ. އޭޝިއާ ފައުންޑޭޝަނުން ގަބޫލު ކުރާ ފެންވަރެއްގައި، ގަބޫލު ކުރާ ހަމަތަކަކަށް ފެތޭ ކޮންމެ ފޮތެއްވެސް މި ސައިޓުގައި ޝާއިއުކޮށްދެއެވެ. މިއީ ހިލޭސާބަހަށް ހިންގާ މަޝްރޫއެކެވެ. ލިޔުންތެރިންނަކީވެސް އަދި އެޑިޓަރުންނަކީވެސް އުޖޫރައެއް ލިބޭ ބައެއް ނޫނެވެ. އަދި ޝާއިއުކުރާ ފަރާތުން ނަގާ އަގެއްވެސް ނޯވެއެވެ. ފޮތް ވިއްކުމެއްވެސް ނޯވެއެވެ. މި ވެބްސައިޓުގައި ހުންނަ ފޮތްފޮތް ތަފާތު ބަސްބަހަށް ތަރުޖަމާ ކުރެވިފައި ހުރެއެވެ.
ލެޓްސް ރީޑް ޕްރޮގްރާމުގެ ދަށުން މި ވެބްސައިޓުގައި އިނގިރޭސި ބަހުން ހުރި ބައެއް ފޮތްތައް ވަނީ ދިވެހި ބަހަށް ތަރުޖަމާކޮށްފައެވެ. މި މަސައްކަތަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގެ އިސް ނެންގެވުމުގެ ދަށުން އޭޝިއާ ފައުންޑޭޝަނާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ދިވެހި ބަހުގެ އެކެޑަމީ ގުޅިގެން ކުރެވުނު މަސައްކަތެކެވެ. އެގޮތުން މިހާތަނަށް 70 އަށްވުރެ ގިނަ ވާހަކަ ދިވެހި ބަހަށް ތަރުޖަމާކޮށް މި ސައިޓުގައި ޝާއިއުކޮށްފައިވެއެވެ.
ސައިޓުގެ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން ކޮންމެ މީހަކަށްވެސް ކޮންމެ ފޮތެއްވެސް ކޮންމެ ބަހަކަށްވެސް ތަރުޖަމާ ކުރެވިދާނެއެވެ. ތަރުޖަމާ އެޑިޓްކޮށް ބަލާނޭ ބަޔަކު ކޮންމެ ގައުމަކުންވެސް ހޮވައިފައި ތިބެއެވެ.
އަންވަރް އިބްރާހީމަކީ ދިވެހިރާއްޖެއިން މި މަޝްރޫއަށް ހޮވި އެޑިޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެކަމަކު މި ފަހަރު އޭނާ މިވަނީ އަމިއްލަފުޅު ވާހަކައެއް ލިޔުއްވައި ލެޓްސް ރީޑްގައި ޝާއިއު ކުރައްވައިފައެވެ. މިއީ މި މަންސައިގައި މުޅީން އަމިއްލަ ދިވެހި ވާހަކައެއް ޝާއިއު ކުރި ފުރަތަމަ ފަހަރެވެ. އަންވަރު ލިޔުއްވަފައިވާ ވާހަކައިގެ ނަމަކީ "މިޝާ" އެވެ. މިއީ މި ދުވަސްވަރާ ވަރަށް ގުޅޭ ރީތި ވާހަކައެކެވެ. ވާހަކައިގައި ވަނީ ދިވެހިވަންތަ ރީތި ކުރެހުންތައް ހިމަނައިފައެވެ.
ވާހަކަޔާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އަންވަރް ވިދާޅުވިއެވެ. "އަޅުގަނޑު ބަލާފައި ވާނީ ގައުމިއްޔަތާއި ދީނީ ފިކުރުތަކަށް އިސްކަން ދީގެން ލިޔަން. ކުރެހުންތަކުންވެސް ދިވެހިވަންތަކަން ދައްކައިދޭން. ކުރެހުމުގައި ދިވެހި ދިދަވެސް ހިމަނާފައި ވާނެ. ނަމާދު ކުރުން ފަދަ ދީނީ އަޅުކަން ދައްކައިފައިވާނެ. މީގެ އިތުރަށް މިންތީގެ ހަމަހަމަކަމުގެ މައްޗަށްވެސް ސަމާލުކަން ދީފައި ވާނެ. މިސާލަކަށް ބައްޕަ މޮޕްލާތަން ދެއްކުން..."
މި ފޮތުގައި ހިމަނައިފައިވާ ކުރެހުންތައް ކުރައްސަވައިފައި ވަނީ ޖީވަރާޖް ކޮނޮތް އެވެ. ޖީވަރާޖަކީ ރާއްޖޭގައި ކުރެހުން ކިޔަވައި ދެއްވާން އުޅުއްވި ބިދޭސީ މުދައްރިސެކެވެ. އަންވަރު ޚިޔާލު ދެއްވައިގެން އީމެއިލްގެ ޒަރީއާއިން މުވާސަލާތު ކުރައްވައިގެން ކުރެއްސީއެވެ.
"އަޅުގަނޑުގެ ވާހަކަ އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. ލެޓްސް ރީޑް ވެބްސައިޓްގައި އިނގިރޭސި ތަރުޖަމާވެސް ވަރަށް އަވަހަށް ޝާއިއު ކުރާނެ." އަންވަރް އިބްރާހީމް ވިދާޅުވިއެވެ.
އަންވަރް އިބްރާހީމްގެ ފޮތް ލެޓްސް ރީޑް ވެބްސައިޓުން ވިދާޅުވެލެއްވޭނެއެވެ. އަދި ބޭންފުޅުނަމަ އީބުކް ފޯމަޓަށާއި ޕީޑީއެފް ފޯމަޓަށް ޑައުންލޯޑްވެސް ކުރެއްވޭނެއެވެ.
އަންވަރް އިބްރާހީމަކީ ރާއްޖޭގައި ނަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ވާހަކަދެއްކުންތެރިއެކެވެ. ގައުމީ ޔުނިވަރުސިޓީގެ ދާރިސެކެވެ. އަދި މިހާރު ޔުނިވަރުސިޓީގެ ދަރިވަރެއް ވެސްމެއެވެ. އޭނާއަކީ ޔުނިވަރިސިޓީގެ ވަޒީފާގައި އުޅުއްވަމުން ބަހަވިއްޔާތުގެ ދާއިރާއިން ޔުނިވަރުސިޓީން ދިވެހި ބަހުން ހިންގާ ފުރަތަމަ ޕީއެޗްޑީ ޕްރޮގްރާމުގެ ދަރިވަރެކެވެ.
"މިޝާ" ވިދާޅުވުމަށް ނުވަތަ ޑައުންލޯޑް ކުރެއްވުމަށް މި ފޮޅުވަތަށް ފިއްތަވައިލައްވާ.
ޑައުންލޯޑުކިރީމަ އަކުރުތައް ހުންނަނީ އިދި ތަރުތީބަކަށް