ދުނިޔޭގެ ހުރިހާ ގައުމެއްގައި ހެން މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހުން ޖެހޭ ބަލި، ކޮވިޑް- 19 އަށް ދުނިޔޭގެ ކަންކޮޅުތަކުން 90 ހާހަށްވުރެ ގިނަ ސިއްހީ ޚިދުމަތްތެރިން ޕްޒިޓިވްވެފައިވާ ކަމަށް އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސް (އައިސީއެން) އިން ބުނެފިއެވެ.
އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް- 19 ޖެހިގެން މިހާތަނަށް 265 ނަރުހުން މަރުވެފައި ވެއެވެ. އެ ބަޔާނުގައި ވަނީ ސިއްހީ ޚިދުމަތްތެރިންނަށް ބަލިޖެހުން ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ގޮވައިލާފައެވެ.
ޖެނީވާގައި މައި އޮފީސް ހުންނަ އައިސީއެންއިން ހާމަކުރި ގޮތުގައި، ވޫހާން ސިޓީއިން ނޮވެލް ކޮރޯނާވައިރަސް ފެނުނު ހިސާބުން ފެށިގެން މީގެ މަހެއްހާ ދުވަސް ކުރިއާ ހަމައަށް މަރުވެފައި ވަނީ 100 ވަރަކަށް ނަރުހުންނެވެ. އެހެންނަމަވެސް މި އަދަދު ވަނީ ފަހުން ކުއްލިއަކަށް އިތުރުވެގެން ގޮސްފައެވެ.
"(މި މުއްދަތުގެ ތެރޭގައި) ބައްޔަށް ޕޮޒިޓިވްވި ސިއްހީ ޚިދުމަތްތެރިންގެ އަދަދު ވަނީ 23 ހާހުން 90 ހާހަށް އަރައިގެން ގޮސްފައި. މިއީ އަދި ފުރިހަމަ އަންދާޒާއެއް ނޫން. އެއީ މީގެ ތެރޭގައި ދުނިޔޭގެ ހުރިހާ ގައުމެއް ނުހިމެނޭތީ." އައިސީއެންގެ ސީއީއޯ ހާވާޑް ކެޓޮން ވިދާޅުވިއެވެ.
އައިސީއެންއިން ހާމަކޮށްފައިވާ 90 ހާހުގެ އަދަދަކީ 30 ގައުމެއްގެ ނޭޝަނަލް ނާސިންގ އެސޯސިއޭޝަންތަކުންނާއި، ސަރުކާރުގެ ހިސާބުތަކާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެއްކޮށްފައިވާ މައުލޫމާތުން ލިބުނު އަދަދެވެ. އައިސީއެންއަކީ 130 ގައުމެއްގެ 20 މިލިއަނަށްވުރެ ގިނަ ނަރުހުން ތަމްސީލުކުރާ ޖަމްއިއްޔާއެކެވެ.
ދުނިޔޭގައި މިހާރު 3.5 މިލިއަން މީހުންނަށް ވުރެ ގިނަ މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައިވާ ކަން ފާހަގަކުރައްވަމުން، ކެޓޮން ވިދާޅުވީ "ސިއްހީ ޚިދުމަތްތެރިންނަކީ ޕޮޒިޓިވްވި މީހުންގެ %6 ކަމަށް އަހަރުމެންނަށް ވިސްނޭއިރު، އެގޮތަށް ބަލައިފިނަމަ، މިއަދާ ހަމައަށް 2 ލައްކަ ސިއްހީ ޚިދުމަތްތެރިނަށް ވާނީ މި ބަލި ޖެހިފައި" ކަމުގައެވެ.
މި ބަލިމަޑުކަމާ ދެކޮޅަށް ކުރާ ހަނގުރާމަ ވިލަރެސްކުރާ ފަރާތް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވަނީ އެ ޖަމްއިއްޔާގެ މެންބަރު 194 ގައުގެ ތެރެއިން ބައެއް ގައުމުތަކުން ބަލީގެ ހާލަތާގުޅޭ ތަފާސް ހިސާބުތައް އެ ޖަމްއިއްޔާއާ ހިއްސާ ނުކުރާ ކަމުގައެވެ. އެޕްރީލް 11 ގައި ޑަބްލިޔުއެޗްއޯއިން ލަފާކޮށްފައިވާ ގޮތުގައި އެ ދުވަހާ ހަމައަށް ސިއްހީ ޚިދުމަތްތެރިންގެ 22 ހާސް މީހުން ވަނީ ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައެވެ.