މާލޭ ސަރަޙައްދުން ކޯވިޑް ބަލިޖެހޭ މީހުން އިތުރުވެފައިވާއިރު ބަލި ޖެހުނުކަން ނޭނގި ކޮވިޑްގައި މަރުވާ މީހުން އިތުރުވާން ފަށައިފިއެވެ.
ކޯވިޑްގައި އެންމެ ފަހުން މަރުވި ކޮވިޑް ދެ މީހުންނަކީވެސް ކުރިން ބަލި ޖެހިފައިވާކަން ނޭނގި ނޭވާ ހާސްވެގެން ހޮސްޕިޓަލަށް ގެންދިޔަ ދެމީހުންނެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ރޭ 11:20 ހާއިރު އައިޖީއެމްއެޗްގައި މަރުވި އުމުރުން 52 އަހަރުގެ ދިވެހި އަންހެނަކީ ކޯވިޑްގެ 17 ވަނަ މަރެވެ. އޭނާ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރު) އަށް ގެންދިޔައި ނޭވާލާން އުނދަގޫވާތީ އިއްޔެ ހަވީރު 4:40 ހާއިރުއެވެ. އޭނާ މަރުވެފައި ވަނީ ފަރުވާ ދެމުން ދަނިކޮށެވެ.
ކޯވިޑްގެ 16 ވަނަ މަރަކީ ވެސް ކުރިން ބަލި ޖެހިފައިވާކަން ނޭނގި ނޭވާލާން އުދަނގޫވެގެން އައިޖީއެމްއެޗްގެ އިމަރޖެންސިއަށް މިމަހު 30 ވަނަ ދުވަހު ގެންދެވުނު މީހެކެވެ. ޢުމުރުން 71 އަހަރުގެ މި އަންހެންމީހާ މަރުވެފައިވަނީ އެދުވަހު މެންދުރު 1.38 ގައެވެ. ނޭވާލާން އުދަނގޫ ވާތީ އެނާ ހޮސްޕިޓަލުގެ އިމަރޖެންސީ އަށް ގެންދިޔައީ އެދުވަހުގެ ހެދުނުގެ ވަގުތެއްގައެވެ.
ބަލި ޖެހުނުކަން ނޭނގި ހުއްޓާ ނެވައިލަން އުދަނގޫވެ ހޮސްޕިޓަލަށް ގޮސް ފަރުވާ ދެވޭ މިހުން އިތުރުވެފައިވަނީ ކިހާވަރަކަށް ކަމެއް މިހާރު ކޭސްތަކުގެ ވަކިވަކި ތަފްޞީލް ހާމަނުކުރާތީ ނޭނގެއެވެ. ނަމަވެސް އެންމެ ފަހުން ކޮވިޑްގައި މަރުވި ދެމީހުންނަކީ ވެސް ކުރިން ބަލި ޖެހިފައިވާކަން ނޭނގި ނޭވައިލާން އުދަނގޫވެގެން ހޮސްޕިޓަލުގެ އިމަރަޖެންސީއަށް ފަރުވާ ހޯދަން ދިޔަ ދެމީހުންނެވެ.
ހޮްސްޕިޓަލުގެ އިމަރޖެންސީއަށް ފަރުވާ ހޯދަން ދާމީހުން ޕޮޒިޓިވް ވެފައި ތިބުމަކީ ވެސް ބައްޔަށް އިތުރު ބަޔަކު ޕޮޒިޓިވްވެ ބަލި ފެތުރުމަށް މަގު ފަހިވާނެކަމެވެ. މިދިޔަ މަހު އެކަނިވެސް ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 37 މީހަކު ވަނީ ބަށްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް އިތުރު ޢަދަދެކެވެ.
އިއްޔެ އެކަނިވެސް ރާއްޖެއިން 154 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 134 މީހުންނަކީ ދިވެހިންނެވެ. ބަލި ޖެހޭ މީހުންގެ ތެރޭގައި ބަލި ޖެހުނު ގޮތް ނޭނގޭ މީހުންގެ ނިސްބަތްވެސް މިހާރު ވަނީ 42 އިންސައްތައަށް އިތުރުވެފައެވެ. މިއީ ބަލި ފެތުރެމުންދާވަރު އިތުރުވަމުންދާކަން ހާމަވާކަމެއްކަމަށް ޞިއްޙީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.