ބިދޭސީ މީހާ މަރުވި ކަމަށް ބެލެވެނީ ސިކުނޑިއަށް ލޭ އެޅިގެން

އައިޖިއެމްއެޗް ގައި މިއަދު މަރުވި ބިދޭސީ މީހާ މަރުވި ކަމަށް ބެލެވެނީ ސިކުނޑިއަށް ލޭ އެޅި، ސްޓްރޯކެއް ޖެހިގެން ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މިކޭސްއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ޑރ. މޫސާ ވިދާޅުވީ އެމީހާގެ ފުރާނަ ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށާއި ނަމަވެސް ސިކުނޑިއަށް ލޭފޭބުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނުކަމަށެވެ.

އައިޖީއެމްއެޗްގައި އެޑްމިޓުކުރާ މީހުން ކޮވިޑަށް ޓެސްޓުކުރާ އުސޫލުން މި މީހާ ޓެސްޓުކުރިއިރު އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް ބަލިމީހާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސިކުނޑިއަށް  ލޭފައިބައިގެން ކޮމްޕްރެޝަން ސީޒާސްތައް އައުންކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. އަދި މިމީހާ ވަނީ ދެފަހަރަކު ކާޑިއެކް އެރެސަޓަށް ގޮސްފައިކަމަށާއި ފުރަތަމަ އެރެސްޓާއެކު އޭނާގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރިކަމަށާއި ދެވަނަ އެރެސްޓާއެކު އޭނާގެ ފުރަނަ ގޮސްފައިވާކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. އަދި ބަލިމީހާ އޮތީ ވެންޓިލޭޓަރުގައި ކަމާއި، ނިޔާވެފައިވަނީވެސް ވެންޓިލޭޓަރުގައި ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

ބަލިމީހާގެ ސިކުނޑިއަށް ލޭފޭބުމާއި ގުޅޭގޮތުން އިތުރަށް މައުލޫމާތުދެމުން ޑރ. ފައިޝަމް ވިދާޅުވީ އައިޖީއެމްއެޗްއިން ހެދި ސީޓީ ސްކޭނުން ދެއްކިގޮތުގައި ބަލިމީހާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ލޭފައިބައިފާ ވާކަމަށެވެ. މިގޮތަށް ދިމާވެފައިވާކަމަށް ލަފާކުރެވެނީ ލޭހޮޅިއެށް ފަޅައިގެން ގޮސް ސިކުނޑިތެރެއަށް ލޭފައިބައިގެން، ލޭގެ ޕްރެޝަރު ބޮޑުވެގެންގޮސް ދިމާވާ އުދަގޫތަކެއްގެ ސަބަބުން ކަމަށް ޑރ. ފައިޝަމް ވިދާޅުވިއެވެ. .މިގޮތުން ފިޓުޖެހުމާއި މިކަންތައްތަކަކީ ސިކުނޑިއަށް ލޭފޭބުމާއި ގުޅިގެން ސިކުނޑިއަށް ދިމާވެފައިވާ ގެއްލުމުގެ ސަބަބުންވާ ކަންތައްތަކެއް ކަމަށެވެ. ސީޓީ ސްކޭނުން ދައްކާގޮތުގައި މި ކަންތައްތައް ދިމާވެފައިވާކަމަށް ލަފާކުރެވެނީ ބަލިމީހާގެ ކިބައިގައި ކުރިންވެސް ހުރި ބައްޔެއްގެ ސަބަބުން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. މިގޮތުން ބަލިމީހާގެ ލޭހޮޅިތައް އުފެދުމުގައި ހުރި އައިބަކުން ނުވަތަ ކޮންމެވެސް ކަހަލަ ކެންސަރެއްގެ ސަބަބުން ދިމާވި ކަމެއްކަމަށްވުމީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މަރުވި މީހާއަކީ ބަންގްލަދޭޝްއަށް ނިސަބަތްވާ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. މިމީހާ ސެނެހިޔާ ހޮސްޕިޓަލުން އައިޖީއެމްެއެޗަށް ބަދަލުކުރެވުނީ އިތުރު ފަރުވާ ދިނުމަށްޓަކައެވެ. މި މީހާ މަރުވެފައިވަނީ އިތުރު ފަރުވާ ދިނުމުގެ ތެރޭގައެވެ. މިމީހާ ނިޔާވިކަން އެމްބަސީއަށް އަންގައިގެން ނިޔާވިމީހާގެ އާއިލާއާއި ވާހަކަދައްކައިގެން އެމީހާ ވަޅުލުމުގެ ކަންތައްތައް ރާއްޖޭގައި  ކުރިޔަށްދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެމީހާއާއި ބެހޭ އިތުރު މައުލޫމާތު މިރޭ ބާއްވާ ނޫސްކޮންފަރެންސްގައި ދެއްވާނެކަމަށް ވިދާޅުވިއެވެ. 

މި މީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް ޑަބްލިޔު.އެޗް.އޯގެ މިންގަނޑުން އޭނާ ބެލެވެނީ "ކޮވިޑް-ރިލޭޓެޑ" (ކޮވިޑް ހުރި) މަރެއްގެ ގޮތުގައި ކަމަށް ޑރ. ފައިޝަމް ވިދާޅުވިއެވެ. ކޮވިޑުގެ ސަބަބުން މަރުވި މީހެއް ގޮތަކަށް ނޫނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.