ދުނިޔެމަތީގައި އިންސާނުންނަށް ދިމާވާ މުޞީބާތްތަކާއި، ހިތާމަތަކާއި، ކާރިސާތަކުގެ ސަބަބުތައް ބަޔާންކުރި އިރު، ދެ ކަމެއް ފާހަގަކުރެވިފައި ވާނެއެވެ. އެއީ، ބައެއް ފަހަރު މުޞީބާތަކީ މާތް ﷲ ޙަޟްރަތުން އަޅާ އިމްތިޙާނުކުރުމަށް ފޮނުއްވާ ކަމެއް ކަމާއި، އަނެއްބައި ފަހަރު އެއީ އަނިޔާވެރިންނަށް އަދަބުދެއްވައި އެބައިމީހުން ނެތިކޮށްލުމަށް ފޮނުއްވާ ކަމެއް ކަމެވެ.
މުޞީބާތާ މެދު އަޅުގަނޑުމެން ވިސްނައި ފިކުރުކޮށްލުމުން، އެކަމުގެ ތެރެއިން މުހިއްމު ފިލާވަޅެއް ލިބިގެން ދެއެވެ. އެއީ، މާތް ﷲއީ އަޅުތަކުންގެ މައްޗަށް އެންމެ އޯގާވަންތަ ރަސްކަލާނގެ ކަމުގައި ވާއިރު، އެކަލާނގެއީ އުރެދޭ މީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވާ އަދަބު ގަދަފަދަވެގެން ވުމެވެ.
މިކަން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ * وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ﴾ (ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ! * އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب އެއީ، ވޭންދެނިވި عذاب އެއް ކަމަށްވެސްމެއެވެ. (އަލްޙިޖްރު: 49-50) އަދިވެސް އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿إِنَّ رَبَّكَ لَذُو مَغْفِرَةٍ وَذُو عِقَابٍ أَلِيمٍ﴾ (ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުމުގެ ވެރި، އަދި ވޭންދެނިވި عذاب ދެއްވުމުގެ ވެރިރަސްކަލާނގެކަން ކަށަވަރެވެ.) (ފުއްޞިލަތު: 43) ބަނީ އިސްރާއީލުގެ މީހުން މާތް ﷲއަށް ނުކިޔަމަންތެރިވުމުން ޤިޔަމާތާ ޖެހެންދެން އެބައިމީހުންނަށް އަދަބުދެއްވާނެެކަން ބަޔާންކުރެއްވުމަށް ފަހު، އެކަލާނގެ ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ. ﴿إِنَّ رَبَّكَ لَسَرِيعُ ٱلْعِقَابِ ۖ وَإِنَّهُۥ لَغَفُورٌ رَّحِيمٌ﴾ (ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عقاب ދެއްވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.) (އަލްއަޢުރާފު: 167)
އެހެންކަމުން މާތް ﷲ އެކަލާނގެއަށް ކިޔަމަންވާ ޞާލުޙު އަޅުންގެ މައްޗަށް ފޮނުއްވާ މުޞީބާތަކީ އެބައިމީހުންނަށް ފޮނުއްވާ ޢިޤާބެެއް ނޫނެވެ. އެއީ، އެކަލާނގެ އޯގާވަންތަކަން އެބައިމީހުންގެ މައްޗަށް ބޮޑުކަމުން ފޮނުއްވާ މުޞީބާތެވެ. މިހާހިސާބުން އުފެދޭނެ ސުވާލަކީ މުޞީބާތާއި، ހިތާމައާއި، ބަލިމަޑުކަން ރަޙްމަތަކަށް ވަނީ ކިހިނެއްބާވައެވެ؟ މި ސުވާލުގެ ޖަވާބު ކީރިތި ރަސޫލު صلى الله عليه وسلم ގެ އަންނަނިވި ޙަދީޘުން ލިިބިގެން ދެއެވެ. عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " مَا مِنْ مُصِيبَةٍ يُصَابُ بِهَا الْمُسْلِمُ إِلاَّ كُفِّرَ بِهَا عَنْهُ حَتَّى الشَّوْكَةِ يُشَاكُهَا ". (ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެެގެން ވެއެވެ ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. "އެ މުޞީބާތެއްގެ ސަބަބުން މާތް ﷲ މުސްލިމް އަޅާގެ ފާފަ ފުއްސަވާ މުޞީބާތެއް މެނުވީ އޭނާއަށް ނުޖެހެއެވެ. އޭނާގެ ގަޔަށް ހެރޭ ކަށްޓަށް ދާންދެނެވެ.") (ޞަޙީޙުލް ބުޚާރީ، ޙަދީޘު:5640 | ޞަޙީޙު މުސްލިމް، ޙަދީޘު: 2572)
މާތް ﷲގެ އޯގާތެރިކަން އެކަލާނގެ ފޮނުއްވާ މުޞީބާތުގައި ހިމެނިގެންދާ އަނެއް ކަމަކީ މުޞީބާތަކީ މުއުމިނާއަށް އިމްތިޙާނެެއް ކަމުގައި ލެއްވުމެވެ. އެހެނީ، މުޞީބާތް ފޮނުއްވައިގެން މުއުމިން އަޅާ އިމްތިޙާނުކުރެއްވުމީ، މާތް ﷲގެ ޙަޟްރަތަށް ރުޖޫޢަވެ ތެދުމަގަށް އެނބުރި އައުމަށް މާތް ﷲ އޭނާއަށް ދެއްވާ ފުރުޞަތެކެވެ. ވީމާ، ބުއްދިވެރި މުއުމިނުންނަކީ މުޞީބާތަށް ފަހު، މާތް ﷲއަށް ޙަމްދުކޮށް އެކަލާނގެ ޙަޟްރަތަށް ތައުބާވާ މީހުންނެވެ.
މުޞީބާތަކީ އޯގާވަންތަ ﷲގެ ޙަޟްރަތުން މުއުމިނުންގެ މައްޗަށް ފޮނުއްވާ ރަޙްމަތަކަށް ވީ ފަދައިން، މުޞީބާތަކީ މާތް ﷲ ގެ ހިއްޕެވުންވެސް އެކުލެވޭ ކަމެކެވެ. އެއީ އެކަލާނގެއަށް އުރެދި، އެކަމުގައި ޙައްދު ފަހަނައަޅައި ދާ މީހުންނަށެެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَكَذَٰلِكَ نَجْزِى مَنْ أَسْرَفَ وَلَمْ يُؤْمِنۢ بِـَٔايَـٰتِ رَبِّهِۦ ۚ وَلَعَذَابُ ٱلْءَاخِرَةِ أَشَدُّ وَأَبْقَىٰٓ﴾ (އަދި (އުރެދުމުގައި) ހައްދުފަހަނަޅައިގޮސް، އަދި އޭނާގެ ވެރިރަސްކަލާނގެ آية ތަކަށް إيمان ނުވިމީހާއަށް، ތިމަންރަސްކަލާނގެ (ދުނިޔެމަތީގައި) ޖަޒާދެއްވަނީ އެފަދައިންނެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب މާގަދައެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ (ޠާހާ: 127)