ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގައި ނުފެންނަ ޞަފުޙާތައް (14)

50 ގެ އަހަރުތަކުގައި ރާއްޖޭގެ ޢާންމު ޙާލަތު

(9 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިތުރު ލިޔުން

މިހިސާބުން ގެނެސްދީފައި މިވަނީ،  މިރަސްމިއްޔާތާބެހޭގޮތުން ބޭރުގެ އެކިއެކި ނޫސްތަކުގައި ޖަހާފައިވާ ޚަބަރުތަކުގެ ނޫސްކަޓިންގްސްގެ ތަރުޖަމާއެވެ. ބައެއް ޚަބަރުގައި، ރާއްޖެއާ ބެހޭ މަޢުލޫމާތު، ތަފާތުކޮށް ގެނެވިފައިވީ ނަމަވެސް، އޭރު އެކަންކުރި ބަޔަކީ، އެމީހުންނަށް ލިބިހުރި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ތާރީޚު ލިޔުނު މީހުންނެވެ. ވިދާޅުވާ ބޭފުޅުން މި ނުކުތާއަށް ވިސްނައިވަޑައިގެން، މަޢުލޫމާތު އެއްގޮތް ކޮށްލެއްވުމުން ރަނގަޅުވާނެއެވެ.

11 މެއި 1952

"އޮބްޒަރވަރ" ނިއުސް

އައު ޖުމްހޫރިއްޔާ

މީގެ ހައެއްކަ ހަފުތާކުރިން، އިންޑިއާ ކަނޑުގައި އޮންނަ ދިވެހިރާއްޖޭގެ ބޮޑުވަޒީރު، ލަންޑަނުގެ ކޮމަންވެލްތު ރިލޭޝަންސް އޮފީހަށް ޒިޔާރަތް ކުރެއްވިއެވެ. 470 މޭލުގެ ދިގުމިނަކަށް ފެތުރިފައި އޮންނަ މި ޖަޒީރާތަކަކީ، އިނގިރޭސި ކޮމަންވެލްތުގެ ބައެއް ނޫނެވެ. އެހެންނަމަވެސް، (މިހާތަނަށްވެސް ނުހިނގާއޮތް) އެމީހުންގެ ބޭރާބެހޭ އެންމެހާ މުއާޞަލާތެއް، އިނގިރޭސީންގެ ހެޔޮކަމުގެ ދަށުން ހިންގުން ޝަރުތުކޮށް، އަދި އޭގެ ބަދަލުގައި، އިނގިރޭސި ވައިގެ ސިފައިން އެތާނގައި ތިބުން ކަނޑައަޅާ ބަޔާންކޮށްފައިވާ މުޢާހަދާއެއް، އަޅުގަނޑުމެންނާއެކު ކުރެވިފައި ވެއެވެ.

ބޮޑުވަޒީރު މރ. އަމީން ދީދީވަނީ، އިޤްތިޞާދީ އެހީއަށް އެދިވަޑައިގެންފައެވެ. އެޖަޒީރާތަކުގެ އިޤްތިޞާދު މުޅިންހެން ބިނާވެފައި އޮންނަނީ، ކަނޑުމަހުގެ މަސްވެރިކަމުގެ މައްޗަށެވެ. ކުރިން އޮތް ވިރާސީ ރަސްކަން އުވާލައި، އެތާނގައި ޖުމްހޫރީ ވެރިކަމެއް ޤާއިމު ކުރެއްވުމަށް، މރ. އަމީން ދީދީ އެދިވަޑައިގެންފައި ވެއެވެ. މިގޮތުން، މިދިޔަ ހަފުތާގައިވަނީ ޖުމްހޫރީ ވެރިކަމެއް އެތާނގައި އިޢުލާން ކޮށްފައެވެ. ހުސްވެފައިއޮތް ރަސްކަމަށް އިންތިޚާބުވުން ގާތީ ބޮޑުވަޒީރެވެ. އަދި އެމަނިއްޕުޅު ޚިޔާލުކުރައްވާގޮތުގައި އެމަނިއްޕުޅުގެ ވެރިކަމަކީ، ރަސްކަމެއްގެ ސިފަތައް ލިބިގެންވާ ވެރިކަމެއް ނޫނެވެ. އެހެނަސް، ރައީސެއް ހުންނަވައިގެން ހިންގޭ ވެރިކަމެކެވެ. ވިރާސީގޮތުން ލިބިވަޑައިގެންފައިވާ، އެމަނިއްޕުޅުގެ ޢާއިލީ ސިޔާސީ ބާރު، ވެރިކަން ހިންގެވުމުގައި ބޭނުންކުރައްވާ ތަޖުރިބާ ކުރެއްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

މރ. ދީދީ ވަނީ، ޅެންވެރިކަމާއި، ބަހުގެ އަދަބީފޮތާ އަދި ކިޔަވާފޮތްތައް ލިޔުއްވައިފައެވެ. އަދި ދިވެހިރާއްޖެއާބެހޭ މަޢުލޫމާތު ފޮތެއް (މިނިސްޓްރީ އޮފް އެކްސްޓާރނަލް އެފެއާރޒް އިން ޗާޕް ކޮށްފައި) ވަނީ ލިޔުއްވާފައެވެ. އެއްގޮތަކުން ބަލާއިރު، އެ ޖަޒީރާތައް ވަނީ، ބޮޑަށް، މރ. އަމީން ދީދީގެ އަމިއްލަފުޅު މަސައްކަތްޕުޅުން ވަރަށްބޮޑަށް ތަރައްޤީ ކުރައްވާފައެވެ. އާބާދީގެ 92 އިންސައްތަ މީހުންނަކީ ލިޔަން ކިޔަން ދަންނަ މީހުންނެވެ.

***

7 މެއި 1952

މަންޗެސްޓަރ ގާރޑިއަން

ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ބަދަލުވަނީ

ކޮޅުނބު، މޭ 6

1948  ވަނަ އަހަރާ ހަމަޔަށް، ސިލޯނުގެ މައްޗަށް ބަރޯސާވެ އޮތް ދިވެހިރާއްޖެ، މިއަހަރު ނިމޭއިރު، މިނިވަން  ޖުމްހޫރިއްޔާއަކަށް ބަދަލުވާނެކަން، މިއަދު އިޢުލާން ކޮށްފިއެވެ. އަންނަ ޑިސެމްބަރ މަހު، ވެރިރަށް މާލޭގައި ބޭއްވޭ ޚާއްޞަ ދަރުބާރެއްގައި މާލޭގެ އާބާދީ، އާޖުމްހޫރީ ވެރިކަމެއް އިޢުލާން ކުރާނެއެވެ. 800 އަހަރުވަންދެން ހިނގަމުން އައި ވިރާސީ ރަސްކަން އެހިސާބުން އެނިމުނީއެވެ.

ދިވެހިރާއްޖޭގެ ރަށްތައް ފެތުރިފައިވަނީ، ސިލޯނުގެ ދެކުނު ހުޅަނގުން، އިންޑިއާ ކަނޑުގައި، އުތުރުން ދެކުނަށް 550 މޭލަށެވެ. 93 ހާސް މީހުންގެ އާބާދީއަކީ މުސްލިމުންނެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި، ދިވެހިރާއްޖެ ވެފައިވަނީ، ޕެސިފިކްގެ ޙަރަކާތްތަކަށް، އޮސްޓްރޭލިއާ އާއި އިންޑިއާއާ ދެމެދުގައި ބޭނުންކުރެވުނު، ވަރަށް މުހިންމު ޢަޝްކަރީ މަރުކަޒަކަށެވެ. ރައީސްކަމަށް އިންތިޚާބު ކުރެވިފައިވާ، މރ. އަމީން ދީދީ ކިޔަވާ ވިދާޅުވީ ސިލޯނުންނާއި، އިންޑިއާގެ އަލީގަޅު ޔުނިވަރސިޓީންނެވެ.

ދިވެހިރާއްޖެއަކީ 1645 އިން 1948 އަށް، ސިލޯނުގެ ދަށުގައި އޮތް ތަނެކެވެ. އެތަނުގެ ވެރިކަން ޖަރުމަނު ވިލާތުން އިނގިރޭސީންގެ ދަށަށް،  1798 ގައި ބަދަލުވެފައި ވެއެވެ. އެއީ ރަސްކަމެއް ހިނގާ، އަޅުވެތި ތަނަކަށް ސިލޯނު ބަދަލުވި ހިނދުއެވެ. އެތާނގައި ( ސިލޯނުގައި ) އޮތް ރަސްކަމުގެ ބާރު 1932 ގައި އުވިގޮސް، ޕާލަމެންޓްރީ ސަރުކާރެއް ހިނގާ ވެރިކަމެއް ތަޢާރުފުކުރެވުނެވެ. -  ރޮއިޓަރ

***

13 ޑިސެމްނަރ 1953

ޓައިމްސް

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވުން

ރަސްކަމަކުން ޖުމްހޫރިއްޔާއަކަށް

ސިލޯނުގެ ހުޅަނގު އައްސޭރިފަށުންފެށިގެން 400 މޭލެއްހައި ދުރުމިނުގައި އޮންނަ، ގިނަ ޢަދަދެއްގެ ކުދި ޖަޒީރާތަކެއްކަމުގައިވާ، ދިވެހިރާއްޖެ، އެކަށީގެންވާ ރަސްމިއްޔާތަކާއެކު، ޖެނުއަރީ މަހުގެ 1 ވަނަދުވަހު، ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔާއަކަށް ބަދަލުވާނެއެވެ.

ސިލޯނުގައި ހުންނަވާ އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރ ސެސިލް ސައިޔަރސް، ދިވެހިރާއްޖެއާއެކު، އައު އެއްބަސްވުމެއްގައި ސޮއި ކުރައްވާނެއެވެ. ދމިބަދަލާއެކުވެސް، ދިވެހިރާއްޖެ އޮންނާނީ، އިނގިރޭސީންގެ ޙިމާޔަތް ލިބިގެންވާ ތަނެއްގެ ގޮތުގައެވެ.

ޢަބްދުލްމަޖީދު ދީދީ ވަނީ، 1945 ގައި ރަސްކަމަށް ޢައްޔަން ކުރެވިފައެވެ. ( އޮފީހަކީ ވާރުތަވަމުން އަންނަ ތަނެއް ނޫނެވެ.) އެހެނަސް ބަލި ޙާލުކޮޅު ހުރިގޮތުން ރަސްކަމަށް އިސްވެވަޑައެއް ނުގަންނަވައެވެ. އެހެންކަމާއެކު، ސަރުކާރު ހިންގަމުން އައިސްފައިވަނީ، އަމީރު އަމީން ދީދީގެ ރިޔާސަތުގެ ދަށުން، ވަލީ ކޮމިޓީއަކުންނެވެ. އަމީންދީދީއަށް ފަހަރެއްގައި ރަސްކަން ލިބިވަޑައިގަތުމާ ގާތް ނަމަވެސް، އެމަނިއްޕުޅު އެކަމަށް އެދިވަޑައެއް ނުގަންނަވައެވެ. އެހެންކަމުން ރާއްޖޭގެ ރައްޔިތުން ނިންމީ ރަސްކަން އުވާލައި ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި ޤާއިމް ކުރުމަށެވެ. އަދި، އެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް އަމީން ދީދީ އިންތިޚާބުކުރުމަށެވެ. 1932 ގައި ފާސްކުރެވުނު ޤާނޫނު އަސާސީގެ ދަށުން، 33 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ، ރައްޔިތުންގެ މަޖިލީހެއް އޮތުމާއެކު، ބޮޑުވަޒީރެއް ހުންނަވައެވެ. އޭނާގެ ވަޒީރުންގެ މަޖިލިސް ޢައްޔަން ކުރުމަށްޓަކައި 3 މެމްންބަރުންގެ ކޮމިޓީއެއް އެކުލަވައިލައްވާނީ ބޮޑުވަޒީރެވެ. މި ޢަދަދަކީ، 93 ހާސް މީހުންގެ އާބާދީއަކަށް އެކަށީގެންވާ ޢަދަދެކެވެ. ރަސްގެފާނުގެ ރަށް، ވެރިކަން ކުރާ މާލޭގެ އާބާދީއަކީ 8 ހާހެވެ.  މަސްވެރިކަމަކީ އެމީހުންގެ މައިގަނޑު އާމްދަނީ ލިބޭ ޞިނާޢަތެވެ. އަދި ވިޔަފާރީގެ އެންމެ ބޮޑު ގުޅުމެއް އޮންނަނީ ސިލޯނާއެކުގައެވެ.

***

ދަ ޓައިމްސް އޮފް ސިލޯނު، ހުކުރުދުވަހުގެ ހަވީރު، ޖެނުއަރީ 2، 1953

ދިވެހިރާއްޖެ ޖުމްހޫރީ  ވެރިކަމަކަށް ބަދަލުވެއްޖެ

އަންހެންވެރިން ފަރުދާވެތިބުމަށް ނިމުން އަތުވެއްޖެ

އަޅުގަނޑުމެންގެ ޚާއްޞަ މުރާސިލުގެ ފަރާތުން

މާލެ، ބުރާސްފަތި ދުވަސް

ދިވެހިރާއްޖޭގައި މިއަދަކީ އައުއަހަރު ފެށުނު ދުވަހެވެ. މިއީ ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް، އައުއަހަރު ފެށުނު ދުވަހަށް ވެދާނެއެވެ. އެހެންނަމަވެސް، ތަފާތަކީ، އިންޑިއާ ކަނޑުގައިވާ، ރުށްތަކުން މަޚުމާކުރެވިފައިވާ، މިރަށްތައް، މިއަދު ވަނީ، ރަސްކަމަކުން، ދުނިޔޭގެ އެންމެ ޅަ ޖުމްހޫރިއްޔާއަށް ބަދަލުވެފައެވެ.

ދިވެހިރާއްޖެ ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުން އިޢުލާންކުރުމަށް މިއަދު ބޭއްވުނު ދަރުބާރުގައި، އިނގިރޭސި ވިލާތާއި ޔޫކޭ ތަމްސީލު ކުރައްވާފައިވަނީ، އިނގިރޭސި ވިލާތުން ސިލޯނަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ސަރ ސެސިލް ސައިޔަރސް އާއި ސިލޯނު ސަރުކާރުގެ ޕާލިމަންޓަރީ ސެކްރެޓަރީ ފޯރ މިނިސްޓްރީ އޮފް ޑިފެންސް އެންޑް އެކްސްޓަރނަލް އެފެއާރޒް މޭޖަރ މޮންޓޭގު ޖަޔަވިކްރަމައެވެ.

ދިވެހިރާއްޖޭގެ އައު ޤާނޫނު އަސާސީ ލިޔުއްވި، ސިލޯނު ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ސަރ އައިވަރ ޖެނިންގްސް، ސިލޯނު ނޭވީގެ ޗީފް އޮފް ސްޓާފް ކޮމާންޑަރ ރޮއިސް ޑިމެލް، އެއަރ ކޮމާންޑަރ ކޮކްސް ގެ ދެމަފިރި ކަނބަލުން، އަދި ކޮލޮމްބޯ ޕޯޓް ކަމިޝަނަރ ކާނަލް ޕީ.އޭ.ޖޭ ހަރނޫވެސް، ޝަރަފުވެރި މެހެމާނުންގެ ގޮތުގައި މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.

ކޮންމެ ދިމާލެއް ބަލައިލިޔަސް، މިރަށްތަކުގެ އަހުލުވެރިން ދުރާލައި، ތާރީޚީ މިރަސްމިއްޔާތަށް ތައްޔާރުވެފައިވާކަމުގެ ހެކިތައް ފެނެއެވެ. ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތަކުގައިވަނީ ކުލަލައި ދަވާދު އައުކުރެވިފައެވެ. ޒީނަތްތެރިކުރެވިފައިވާ ސާފު މަގުތަކުން، ބޯމަތިން ތަންތަންކޮޅުގައި، " އަޅުގަނޑުމެންގެ މެހެމާނުންނަށް މަރުޙަބާ " އަދި " ރާނީއަށް ދިގު ޢުމުރުފުޅެއް " މިފަދަ އާދައިގެ، އެހެނަސް އަޅައިގަންނަ ފަދަ ޢިބާރާތްތައް ލިޔެފައިވާ ފޮތިގަނޑުތައް ދަމާފައި ވެއެވެ. ސަރުކާރުގެ ޢިމާރާތްތަކުގައި ނަގާފައިވާ ދިދަތައް ހުރީ، ރޭގަނޑުގެ އައްޔަށް ފާޅުކަން ބޮޑުވާގޮތަށް، ކުލަރޮނގު ދަމާފައެވެ.

މިކަމަށް ޚާއްޞަކޮށް ތައްޔާރުކުރެވިފައިވާ،  400 ވަރަކަށް މީހުންގެ ޖާގައިގެ ދަރުބާރަށް، މިރަށުގެ އަހުލުވެރިން، ވަރަށް ހެނދުނުގެ ގަޑިއެއްގައި، ޖަމާވާން ފެށިއެވެ.

ހަމައެކަނި 3 ކާރު

ރަސްމިއްޔާތުގައި ފެނިގެންދިޔައީ ހަމައެކަނި 3 ކާރެވެ. އެންމެ ފުރަތަމަ ދަރުބާރަށް ޙާޟިރުވެވަޑައިގަތީ، ރަށްރަށުން ވަޑައިގެން ތިއްބެވި، އަތޮޅުވެރިންނެވެ. އަތޮޅުވެރިން ތިއްބެވީ، ރަނާއި ގަދަރަތްކުލައިގެ ގިރުވާންލާފައިހުރި، ދަޅައަޅާ ގަމީހާއި މުންޑުގައި ވަރަށް ނަލަހެދިވަޑައިގެންނެވެ. ދެން ފެނިގެންދިޔައީ، ބްރިޓޝް އީސްޓް އިންޑީޒްގެ ފްލީޓްގައި ހިމެނޭ، އެޗް.އެމް.އެސް ސިލޯނުގެ ކަނޑުގެ ސިފައިންނެވެ. އެޗް. އެމް. އެސް ވިޖަޔާގެ ކޮމާންޑިންގ އޮފިސަރާއި އެހެނިހެން އޮފިސަރުން  ވަޑައިގަތީ، އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ.

އެންމެ ފުރަތަމަ، ދަރުބާރަށް އައި ކާރުގައި ވަޑައިގަތީ، ރައީސް މރ. އަމީން ދީދީގެ އަނބިކަނބަލުންނާއި، ސިލޯނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މރ. ޙިލްމީ ދީދީގެ އަނބިކަނބަލުންނެވެ. ދިވެހި ސިފައިންގެ ޖަމާޢަތެއް، މަގުހުރިގޮތަށް މާޗްޕާސްޓްގައި އައިސް، ދަރުބާރުގެ ބޭރުގައި، އޭގެކުރިން އައިސް އެތުރިލައިގެން ތިއްބެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ( 8 ޖިންސުއްލަތީފުންވެސް ހިމެނިވަޑައިގަންނަވާ) މަގުހުރިގޮތަށް ހިންގަވާފައި ވަޑައިގަތީ 9.15 ގައެވެ. މިބޭފުޅުން ހިންގަވާފައި ވަޑައިގެންނެވިއިރު، މުގުރުބުރި ހިފައިގެންހުރި ސިފައިންގެ އިސް ބޭކަލަކު، ކުރީގައި ހުންނަވައިގެން މަގުދައްކަވަމުން ގެންދެވިއެވެ. ކުޑަހިނދުކޮޅެއް ފަހުން، ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ، ފާތިމަތު އިބްރާހީމް ދީދީއާއެކު، އެމަޖިލީހުގެ 18 މެންބަރުން ވަޑައިގަތެވެ.  މިއީ ދިވެހި ޖިންސުއްލަތީފުން، ބުރުގާއަޅައި ނިވާނުވެތިބެ އިންތިޚާބަކަށް ވޯޓުލީ ފުރަތަމަ ފަހަރެވެ. ރައީސްގެ އަމުރުފުޅަށް، ބުރުގާއަޅާ މޫނު ނިވާކުރުން ވަނީ ހުއްޓާލާފައެވެ.

ޝަރުޢީ  ދާއިރާގެ ފަސް ފަނޑިޔާރުންނާއެކު، އުއްތަމަ ފަނޑިޔާރު، ދަރުބާރަށް ވަޑައިގެން، ގޮނޑިކޮޅުތަކުގައި އިށީނދެވަޑައިގަތީ 9.25 ގައެވެ. އިނގިރޭސި ވިލާތާއި ސިލޯނުގެ މަންދޫބުން ވަޑައިގަތީ 9.30 ގައެވެ. މިބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ސަރ ސެސިލް ސައިޔަރސްގެ ދެކަނބަލުންނާއި، މޭޖަރ ޖަޔަވިކްރަމަގެ ދެކަނބަލުން، ކޮމާންޑަރ ރޮއިސް ޑިމެލް، އެއަރ ކޮމާންޑަރ ކޮކްސްގެ ދެކަނބަލުން، ސަރ އައިވަރ ޖެނިންގް، ކާނަލް ޕީ.އޭ ޖޭ ހަރނޫ އަދި މރ. ވީ. އެޗް ގުނަސޭކަރައެވެ. މިބޭފުޅުން ވެދެވަޑައިގަތުމުން، ހޯލުތެރެއިން މިބޭފުޅުންނަށް ވަރަށް ހޫނު ތަރުޙީބެއް ލިބިވަޑައިގަތެވެ.

ރައީސް މރ. އަމީން ދީދީ ވަޑައިގަތީ 10.00 ގައެވެ. އެވަގުތު، އަންހެންކުދިންނާއި ފިރިހެންކުދިން، ދިދަހޫރުވައި އަތްތިލަބަޑި ޖަހަމުން ގެންދިޔައެވެ. ދައުލަތުގެ މިނިސްޓަރުންނާއި، ބޭރުން ވަޑައިގެން ތިއްބެވި މަންދޫބުން ތިއްބެވީ، ރައީސްގެ އަރިހުގައި ސްޓޭޖް މަތީގައެވެ. ހޯލުތެރެ އޮތީ ވަރަށް ހަމަހިމޭން ކޮށެވެ. ޚާއްޞަ ދުޢާއެއް ކުރެއްވުމާއެކު، ރައީސްކަމުގެ ހުވާ ލައިދެއްވީ، އުއްތަމަ ފަނޑިޔާރެވެ. ރައްޔިތުންގެ ފަރާތުން ކަމުވޮށިވެގެންވާ ބޭކަލަކު ވަޑައިގެން، އުއްތަމަ ފަނޑިޔާރުގެ އަތްޕުޅަށް ކަނޑިކޮޅެއް އެރުއްވިއެވެ.  މިކަނޑިކޮޅަކީ، ވެރިކަމުގެ ބާރު ރަމްޒުކޮށްދޭ އެއްޗެކެވެ. ދެން އޭގެފަހުން މިކަނޑިކޮޅު ރައީސް އާ ޙަވާލުކުރެއްވީ އުއްތަމަ ފަނޑިޔާރެވެ. އެއަށްފަހު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ.

އިނގިރޭސި ރާނީގެ ފަރާތްޕުޅުން ފޮނުއްވި މެސެޖް

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2 ގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ ރައީސްގެ އަރިހަށް ފޮނުއްވި، ތިރީގައި ބަޔާންކުރެވިފައިވާ މެސެޖް އިއްވަވައިދެއްވީ، ސަރ ސެސިލް ސައިޔަރސް އެވެ.

"ދިވެހިރާއްޖޭގެ އައު ޤާނޫނު އަސާސީ އިޢުލާންކުރުމުގެ އުފައުވެރި މުނާސަބަތުގައި، އިނގިރޭސި ވިލާތުގެ އެންމެހައި ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ދެވިހިރާއްޖޭގެ ރައްޔިތުންނަށާއި، މަނިއްޕުޅަށް، ވަރަށް އިޚުލާޞްތެރިކަމާއެކު، ތަހުނިޔާ އާއި މަރުޙަބާ އަރިސް ކުރަމެވެ. އަޅުގަނޑުމެންގެ ދެޤައުމުގެ ރައްޔިތުންގެ މެދުގައި ، ދެޤައުމަށްވެސް ފައިދާހުރި ގޮތުގައި، ޒަމާނުއްސުރެ އުފެދިފައި އޮތް، ޤުދްރަތީ ގާތްގުޅުން، ކުރިޔަށް އޮތްތާނގައި އިތުރަށް ބަދަހިވެ ހަރުދަނާވެގެން ދިއުމުގެ އުންމީދަކީ، އަޅުގަނޑުގެ ހިތުގެ ހެޔޮ ދުޢާއެވެ. ކުރިމަގުގައި، މަނިއްޕުޅަށް، ރަނގަޅު ހެޔޮ ނަޞީބާއި، ފަހި ވައިރޯޅިއާއި، ހަމަހިމޭން، ކަނޑުމަޑު ދުވަސްތަކަކަށް، އަޅުގަނޑުމެން އެދެމުއެވެ.

ރައީސް ވިދާޅުވިގޮތުގައި، "އަޅުގަނޑުމެންގެ ޤައުމީ ވާޖިބުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. ޤައުމެއް ތަރައްޤީވެ ކުރިއަރައިދާނީ، އެޤައުމެއްގައި ޤާއިމް ކުރެވިފައި އޮންނަ ސަރުކާރެއްގެ، ނުވަތަ ވެރިކަން ހިންގުމުގެ ބާވަތަކުންނޫންކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަދި ކިއެއްތޯއެވެ!  ޤައުމެއް ތަރައްޤީވެ ކުރިއަރައިދާނީ، ސަރުކާރު ހިންގާ ބަލަހައްޓާ ގޮތަކުންނެވެ."

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.