(4 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ލިޔެވޭނީ ކޮންމެވެސް މީހަކު ލިޔުނީމާތާ." އެ ކުއްޖާގެ ލޮލުގެ ވިދުވަރު އިހަށްވުރެ ގަދަވީހެން ހީވިއެވެ.
"އެއީ ރަނގަޅު މީހެއްތަ؟" މެހެމަލް އެ ކުއްޖާޔާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ.
"ވަރަށް ރަނގަޅު."
"އޭނާ އެނގުނީ ކިހިނެއް؟ ތިޔައީ އެތައް ގަރުނެއްވީ ފޮތެއްނު؟"
"އަހަރެން ވަރަށް ރަނގަޅަށް ދަންނަން."
"ތިޔަ ފޮތުގައި ހަމަ ހަގީގަތުގައިވެސް މާޒީއާއި މިހާރާއި މުސްތަގުބަލުގެ ވާހަކަ އެބަހުރިތަ؟ އެހުރިހައި ކަމެއް ތިޔަ ފޮތުން ދައްކައި ދެނީ ކިހިނެއް؟"
"މީގައި ހުރިހައި ވާހަކައެއް ލިޔެފައި އެބަހުރި. ފާއިތުވެ ދިޔަ ތަނުގެ ވާހަކަ އާއި އަހަންނަށް މެދުވެރިވާނޭ ކަންތައްތަކުގެ ވާހަކަ އާއި ކަމެއް މެދުވެރިވީމާ އަހަރެން ކަންތައް ކުރާން ޖެހޭ ގޮތްވެސް މި ފޮތުގައި ބަޔާން ވެފައި އެބަހުރި."
މެހެމަލްގެ ހިތުގެ ހިނގުން އަވަސް ވާން ފަށައިފިއެވެ. އެ ކުއްޖާ އެ ދައްކަނީ އަޖައިބުވާ ފަދަ ވާހަކައެކެވެ. އެ ފޮތަކީ ސިއްރުން ފުރިފައިވާ އާދަޔާ ޚިލާފު ފޮތަކަށް ވާނެކަން ޔަގީނެވެ.
"ތިޔަ ފޮތުން ވަނީ ކިހައި ވަރެއްގެ ފައިދާއެއް؟"
"މެހެމަލްގެ ހިތަށް ނުވެސް ގެނެވޭ ވަރުގެ ބޮޑު ފައިދާއެއް ވޭ."
"އެހެން ވެއްޖެއްޔާ ވަރަށް މަޖާ ވާނެތާ. ދިރިއުޅުން އުފާވެރިވެސް ވާނެ. ވާނޭހައި ކަންތައްތަވެސް ތިޔަ ފޮތް ކިޔައިލީމާ އެބަ އެނގެއެއްނު؟"
"އާނ. އެކަމަކު މި ފޮތުގައި އެހެން ވާހަކައެއްވެސް އޮވޭ. އެއީ އަމަލު ކުރުމުގެ ވާހަކަ. ފުރަތަމަ ޖެހޭނީ ފޮތުގައި ބުނާ ގޮތަށް ހަދަން. އޭގެ ފަހުން ހުރިހައި ކަމެއް ވާނީ މި ފޮތުގައި ބުނެފައިވާ ގޮތަށް."
"އަމަލޭ؟" މެހެމަލް ދިޔައީ ސިއްސައިގެންނެވެ. ސިކުނޑީގައި ނުރައްކަލުގެ ރަނގަބީލު ޖެހެން ފަށައިފިއެވެ. މިއީ ސިހުރު ހާހޫރަ ހަދާ ކުއްޖެއްކަން ޔަގީނެވެ. ވަރަށް ވިސްނައިގެން އުޅުނިއްޔާ ނޫނީ ސަލާމަތެއް ނުވާނެއެވެ.
"އާނ." އެ ކުއްޖާ ހިނިތުން ވެލިއެވެ. "މި ފޮތުގައި ބުނާ ގޮތަށް އަމަލު ކޮށްފިއްޔާ ދުނިޔޭގެ ވެރިކަން ލިބޭނެ. ދުނިޔޭގެ ހުރިހައި އެންމެން އެ މީހެއްގެ ފައިދަށަށް އަންނާނެ. ދުނިޔޭގައި ލެއްވިހައި އެއްޗެއް އެ މީހަކަށް ކިޔަމަންތެރިކަން އަދާ ކުރާނެ. އަހަރެން އެކަންޏެއް ނޫން. މެހެމަލްވެސް މި ފޮތުގެ ޚާއްސަ އިލްމު އުނގެނިގެންފިއްޔާ މާޒީއާއި މިހާރާއި މުސްތަގުބަލުގެ ހުރިހައި ކަމެއް އެނގިދާނެ."
"ދެން..؟ އޭގެ ފަހުން ވާނީ ކިހިނެއް؟" އޭނާ ދިޔައީ ސުވާލަކަށް ފަހު ސުވާލެއް ކުރަމުންނެވެ.
"އޭގެ ފަހުން މެހެމަލަކަށް މި ފޮތުން ދޫކޮށެއް ނުލެވޭނެ. މުޅި ދިރިއުޅުން ވޭތުކުރާން ޖެހޭނީ މި ފޮތާއެކީގައި. މި ފޮތުގެ އެހީގައި."
"އަހަރެން ފޮތް ދޫކޮށްލައިފިއްޔާ..؟"
"ދޫކޮށްލައިފިއްޔާ މެހެމަލްގެ ދުވަސް ހިނގައިދާނެ. ބަރުބާދު ވެދާނެ. މެހެމަލްގެ ލޯތްބާއި ދިރިއުޅުން އެކޮޅުކޮޅުން ޖެހިދާނެ. މިއީ އެއް ފަހަރު ހިފުމަށް ފަހު ދޫކޮށްލާ ކަހަލަ ފޮތެއް ނޫން. އެހެން ހަދައިގެން ނުވާނެ. އެއީ އެހައި ފަސޭހަ ކަމަކަށްވެސް ނުވާނެ."
މެހެމަލް ބިރުން ތެދުވެއްޖެއެވެ. "އަހަރެންގެ ބަސް..."
އެ ވަގުތު ބަސް އައިސް ހުއްޓަނީއެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ބަހާއި ދިމާއަށް މިސްރާބު ޖަހައިފިއެވެ.
"ކޮންމެވެސް ދުވަހަކުން މެހެމަލް އަހަރެންގެ ގާތަށް އަންނާނެ." ކަޅު ކުއްޖާ ހިނިތުންވެލިއެވެ. "މި ފޮތް ބޭނުން ވެގެން އަހަރެންގެ ގާތަށް އަންނާނެ. އަހަންނަށް އެކަން ޔަގީން. މެހެމަލަކީ މީސްމީހުންގެ އަނިޔާއާއި ތުރާތައް ތަހައްމަލު ކުރަމުން ގެންދާ ކުއްޖެއް. ހިތް ތިޔަ އޮތީ ޒަޚަމްވެފައި. ދެއަތް އޮތީ ހުސްކޮށް. ހިތް އެކީގައި ކުދިކުދިވާ ދުވަހަކު އަހަރެން މި ފޮތް މެހެމަލަށް ދޭނަން. އަވަހަށް ދޭ... ބަހަށް އަރާ..."
ބަހާ ދިމާއަށް ދިޔައިރު ބިރުން ގޮސް އޭނާ ތުރުތުރު އަޅައެވެ. ބަހަށް އަރަމުން އެހެން ދުވަސް ދުވަހު ހަދާހެން އެނބުރި ބަލައިލާކަށްވެސް އޭނާއަކަށް ނުކެރުނެވެ.
* * *
ހަވީރު އޭނާ ޗޮކްލެޓު ކޭކެއް އަޅައިފިއެވެ. ކޭކު ރަނގަޅަށް ފިހެވި ހީހޫވީމާ ތަބަކަކަށް ލައިގެން ހިފައިގެން ގޮސް ސިޑިން މައްޗަށް އަރާން ފަށައިފިއެވެ. އޭނާ އަރާން ފެށުމާއެކު ފެނުނީ އާރްޒޫ ތިރިއަށް ފައިބާ ތަނެވެ.
"ތިޔައީ ކާކަށް ދޭން ގެންދާ އެއްޗެއް؟" އޭނާގެ ނިތްކުރިއަށް ދެތިން ރޫ އެރިއެވެ. "ފާދީއަށްތަ؟"
ފާދީއަކީ ފަވާދެވެ.
"ކޭކުގެ ވާހަކަ އިއްޔެ ފަވާދްބޭބެ ބުނި. އަހަންނަކަށް ވަގުތެއް ނުވޭ. މިއަދު ކުއްލިއަކަށް ހަނދާންވީމާ ކޭކެއް އެޅީ." އޭނާ ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. އާރްޒޫ ތިރިއަށް ފައިބާންދެން އޭނާ ދެވަނަ ހަރުފަތް މަތީގައި މަޑުކޮށްގެން ހުރީއެވެ.
"މިރެއަށް ކައްކައިފިންތަ؟" އާރްޒޫ ސިޑިން ފައިބައިގެން އައިސް އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރެ އަހައިލިއެވެ.
"މަންމަ އެބަ ކައްކާ."
"ކޫރްމާ ކެއްކިތަ؟ މަންމަ އޮތީ ބުނެފައެއްނު؟ ކަލޭ ބެލިންތަ؟"
"ކިޔަން އުޅޭ އެއްޗެއް ސާފުކޮށް ކިޔަންވީނު؟ އަހަރެން މި ތަނުން ދުރަށް ދާށޭ މި ކޭކު ހިފައިގެން ފަވާދްބޭބެއަށް ދޭން ދާނީ ތިމަންނާއޭ ބުނަންވީނު؟ އަން... މި އޮތީ ކޭކު. ހިފައިގެން ދޭ." އޭނާ އާރްޒޫގެ އަތަށް ކޭކު ދީފައި އެ ދިޔަ ގޮތަށް ގޮސް ވަނީ ބަދިގެއަށެވެ.
"ލަދުކުޑަ." އާރްޒޫ ތުން އަނބުރައިލިއެވެ.
މެހެމަލް ކަންބޮޑެއް ނުވެއެވެ. އޭނާ އަޑުގެ ކޮޅަށް ދެއްކި ވާހަކަ ކޮޓަރި ތެރޭގައި ހުރި ފަވާދަށް އިވޭނޭކަން އޭނާއަށް އެނގެއެވެ. ކަންތައް ހިނގީވެސް އޭނާ އުއްމީދު ކުރި ގޮތަށެވެ.
ރޭގަނޑު ކައި ނިމުނުތަނާ އާރްޒޫ ކޭކު ގެނެސް މޭޒުމަތީގައި ބަހައްޓައިފިއެވެ. އެންމެ ފުރަތަމަ ކޭކު ކެއީ ފަވާދެވެ.
"މި ކޭކު އެޅީ މެހެމަލް ދޯ؟"
"އާނ." އޭނާ ސާދާކަމާއެކު ބުނެލިއެވެ.
އާރްޒޫ ފޫހި ގޮތަކަށް ގޮނޑިން ސޮހިގަތެވެ.
"ވަރަށް މީރު. ކޮންމެ ދުވަހަކުވެސް ފޮނިކާ އެއްޗެހި މެހެމަލް ހަދާނަމަ."
"އަހަންނަކަށް އެހައި ހުސް ވަގުތެއް ނޯވޭ. ކުރާން ހުންނަ ކަންތައް ބައިވަރު. އަނެއްކޮޅުން އިމްތިހާނު އޮތީ ބޯމަތިވެފައި. ކާއެއްޗެއް ތައްޔާރު ކުރާ ހިތް ވެއްޖެއްޔާ ކޮށްލާނަން. ހުރިހައި އެންމެންވެސް ދަންނާނެ. މެހެމަލަކީ އާދެ މަސާހިބު ކިޔައިގެން އުޅޭ މީހެއް ނޫން. މަންމާ... އަހަންނަށް ކުކުޅު މަސްކޮޅެއް ގެނެސްދީބަލަ." އޭނާ ގޮނޑިން ނުވެސް ތެދުވެ އިނދެގެން މަންމަ ގާތު ބުނެލިއެވެ. އޭނާ ބޭނުންވީ ފަވާދް ދެއްކި ވާހަކައަކުން އޭނާއަށް ކުރި އެއްވެސް އަސަރެއް ނެތްކަން ދައްކާށެވެ.
ފަވާދް ތާއީދު ކުރުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ކޭކު ކަމުން ދިޔައިރު ދޭތެރެދޭތެރެއިން މެހެމަލާ ދިމާއަށް ބަލައިލައެވެ. މެހެމަލް އަޅާވެސް ނުލައި ކަމުން ގެންދަނީއެވެ. ކޭކާ ދިމާއަކަށްވެސް ބަލައެއް ނުލައެވެ.
* * *
އޭނާ ހުރީ ބަދިގޭ ސިންކު ކައިރީގައި މެންދުރު ކެއި ތަށިތައް ދޮންނާށެވެ. އުޑު މައްޗަށް ފެތުރެމުންދާ ކަޅު ވިލާ ކުޑަދޮރުން ވަރަށް ރީތިކޮށް ފެނެއެވެ. ތަށި ދޮންނާން ހުރި އިރުވެސް އޭނާ ވިސްނަމުން ދިޔައީ އެއްކަލަ ކަޅު އަންހެން ކުއްޖާޔާ މެދުގައެވެ. އެ ކުއްޖާ ކޮންމެ ދުވަހަކު އެއް ގަޑިއަކަށް ބަސް ހުއްޓާ ތަނަށް އާދެއެވެ. ތަނަކަށް ދާން އުޅޭ ތަނެއް ދުވަހަކުވެސް ނުފެނެއެވެ. މެހެމަލް އެ ކުއްޖާޔާ ދިމާއަށް ބަލަހައްޓައިގެން ހުރެއެވެ. އެކަމަކު މިހާރު އެ ކުއްޖާ ދެކެ ބިރު ގަންނަނީ ކީއްވެގެން ކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ.
އޭނާ ސިއްސައިގެން ދިޔައީ ގުގުރައިލީމައެވެ. ބާރަށް ގުގުރައިލުމަށް ފަހު ކުއްލިއަކަށް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ.
މެހެމަލް އެންމެ ފަހުގެ ތަށި ދޮވެފައި ހަރުގަނޑަށް ލުމަށް ފަހު އަތް ފޮހެލައިގެން ބަދިގެއިން ނުކުމެ ފެންޑާއާ ދިމާއަށް ދުއްވައިގެންފިއެވެ.
"މެހެމަލް. ގޮސް މުސްރަތު ގާތު ބުނޭ... ނޫނޭ..." ފެންޑާގައި ދަރިންނާ ވާހަކަ ދައްކަން އިން މެހެތާބަށް މެހެމަލް އަންނަތަން ފެނުނީމާ އަމުރުވެރި ރާގަކަށް ބުންޏެވެ. މެހެމަލްގެ މޫނުމަތީން ވާރެޔާ ތެމުމުގެ ޝައުގުވެރިކަން ފާޅުކޮށް ފެނުމާއެކު އޭނާގެ ވާހަކަ ބަދަލު ކޮށްލިއެވެ. "ކަލޭ ގޮސް ޕަކޯޅާ ހަދައިގެން ގެނޭ. ފިޔާ ސަޓަނިކޮޅެއްވެސް ހަދައިލައިގެން ގެންނާތި. އަދި މުޢާޒާއި މުޢީޒަށް ދޭން އަލުވިކޮޅެއް ތެލުލައިގެން ގެންނާތި."
އޭނާގެ ޝައުގުވެރިކަން ފަނޑު ވެގެން ދިޔައެވެ. ކުރާނޭ ކަމެއް ނެތް ކަހަލަ ގޮތަކަށް އޭނާ ކޮނޑު އެލުވައިލިއެވެ. "ކުޑައަންމާ. މިހާރު ކިހިނެއް ތިޔަ ހުރިހައި ކަމެއް ކުރާނީ؟ ވާރޭ... ފަހުން ހަދައިދޭނަން."
"ވާރޭ ވެހޭތީއޭ އެހެން މި ބުނީވެސް. ބަސް އަހައިގެން އަވަހަށް ދޭ. އަވަސް ކުރޭ... ނިދާ. މި ހެދުން ގަތީ ކިހައި ވަރަކަށްތަ؟" އޭނާ ނިދާގެ ހެދުމުގައި އަތް ކާއްތައިލަމުން އަހައިލިއެވެ.
"ފަނަރަ ސަތޭކަ ރުފިޔާއަށް. މާދަމާ ކުޑައަންމަ ގޮވައިގެން ދާނަން. އެތާގައި ވަރަށް ރީތި ހެދުން އެބަހުރި."
އެމީހުން ވާހަކައިގެ ތެރެއަށް ގެއްލިއްޖެއެވެ.
މެހެމަލް ނުރުހިފައި ނަމަވެސް އެނބުރި ބަދިގެއަށް އަތުވެއްޖެއެވެ. އަދި ޕަކޯޅާ ހެދުމުގެ މަސައްކަތް ފަށައިފިއެވެ. އެ ވަގުތު ބޭރުން މެހެތާބް ގޮވައިލީ އަޑު އިވުނެވެ. "ފިޔާކޮޅެއްވެސް އަޅައިގެން ޕަކޯޅާ ހަދާތި. ފަވާދަށް ވަރަށް މީރު ވާނެ."
"އޭނާއަށް މީރު ވިއްޔާ އަހަންނަށް ކީއް؟ އަހަންނަށް ހެޔޮ އޭނާގެ ބޮލަށް..." މެހެމަލް ރުޅި އައިސްގެން އަމުނަމުން މަސައްކަތް ކުރަމުން ގެންދިޔައެވެ.
ބަލިކަށިކަމާއި ބާރެއް ނެތް ކަމުގެ އިހުސާސް ކުރެވުނީމާ އޭނާއަށް ރޮވޭ ގޮތް ވެއްޖެއެވެ. މިއަދު މަންމަ އުޅެނީ ބަލިވެއެވެ. ހުން ގަދަކަމުން ތެދުވެ އުޅެން އުނދަގުލެވެ. އޭނާ މަސައްކަތް ނުކުރިއްޔާ ބަލިވެ އޮތަސް މަންމައަށް ޖެހޭނީ ތެދުވެގެން އައިސް މަސައްކަތް ކުރާށެވެ.
ފިޔާ ކޮށަން ފެށީމާ އޭނާގެ ލޮލުން ފައިބާ ކަރުނަ މާ ގިނަ ވެއްޖެއެވެ. އެ ވަގުތު ފަވާދް އައިސް ބަދިގެއަށް ވަދެއްޖެއެވެ. މެހެމަލްގެ ލޮލުން ފައިބާ ކަރުނަ އޭނާއަށް ފެނިއްޖެއެވެ.
"މެހެމަލް." އޭނާ ކައިރިއަށް އައިސް ބަލައިލިއެވެ. "ކިހިނެއްވީ؟ ރޮނީ ކީއްވެގެން؟"
"އަހަރެން ބޭނުންވީމާ ރޯނަން. އެއީ މިގޭ މީހުނާ ބެހޭ ކަމެއް ނޫން. ބޭރަށް ގޮސް ކާޅު ހަދާހެން ކާއްކާއް ގޮވާ މީހުނާ ބައިވެރިވޭ. ކެއުން ނޫން ކަމެއް ނޯވޭ." ފަވާދްގެ ހިތުން ޖާގައެއް ހޯދުމުގެ ޚިޔާލުވެސް މިހާރު އޭނާއަކަށް ނުކުރެވެއެވެ.
"ކިހިނެއްވީ؟ މީހަކު އެއްޗެކޭ ބުނީތަ؟"
"މިއީ ވާހަކަ ދައްކާ ބަޔަކު އުޅޭ ގެއެއް ނޫން. މިގޭ މީހުން ދަންނަނީ އަމުރު ކުރަން." އޭނާ ވަޅި އޮތް އަތުގެ ފުށަތުން ކަރުނަ ފޮހެލިއެވެ. "މިހާރު އަހަންނާ ވާހަކަ ނުދައްކާ. އަހަރެން މިހިރީ ވަރަށް ބޮޑަށް ރުޅި އައިސްފައި. މާ ބޮޑަށް ރުޅި އަރުވައިފިއްޔާ ވަޅި އަޅައިފާނަން. އެހެން ނޫނީ ޕަކޯޅާއަށް ކޮކަޑި ލައިފާނަން."
"އެހެންތަ؟" ފަވާދް ހީނގެންފިއެވެ.
(ނުނިމޭ)