(5 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކަރުނަ ފައިބަމުން ގޮސް ކޮނޑާއެކު ތެންމައިފިއެވެ. އޭނާ ދަންނަވަން ބޭނުންވެއެވެ. ޔާ ﷲ. މިއަޅާ އުފަލުގައި އިބަ ﷲ ހަނދާން ކުރީމެވެ. ހިތާމައިގައި ﷲ މިއަޅާ ހަނދުމަފުޅުބައްޓަވާނދޭވެ.
އެކަމަކު އޭނާގެ ތުންފަތް ހަރަކާތެއް ނުކުރިއެވެ. އޭނާ ކިޔަމުން ގެންދިޔައެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." (ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތް)
ހަވާސާގައި ގަލަމުން ކޮންމެވެސް އެއްޗެއްކޭ ލިޔެފައި އެބަހުއްޓެވެ. އޭނާ އެ ނޯޓަށް ބަލައިލިއެވެ. އެއީ އޭނާ އަމިއްލައަށް ލިޔެފައި ހުރި ތަފުސީރު ނޯޓެވެ.
"މުސީބާތުގެ ވަގުތުގައި ﷲ ތަޢާލާޔާ އިންސާނާ ކުއްތަން ކުރުވާ ތަޅުދަނޑިއަކީ ކެތްތެރިކަމާއި ނަމާދެވެ. ކެތްތެރިކަމާއި ނަމާދާ ނުލައި ﷲ އާ ކުއްތަންވުމަކީ ވާނޭ ކަމެއް ނޫނެވެ. އެހެންވީމާ މުސީބާތެއް ކުރިމަތި ވެއްޖެނަމަ އެންމެ ބޮޑު ސަމާލުކަމެއް ދޭންވާނީ ނަމާދަށެވެ. ހަގީގީ ކެތްތެރިކަމަކީ މުސީބާތުގެ ވަގުތުގައި ޝަކުވާ ނުބަނދެ، ހަމަހިމޭންކަން އިޚްތިޔާރުކޮށް، ﷲ ގެ މިންވަރުފުޅަށް ޝުކުރުވެރިވުމާއެކު، ކުރިމަގުގައި ރަނގަޅު ގޮތް މެދުވެރި ކުރައްވާނޭ ކަމަށް އުއްމީދު ކުރުމެވެ."
މިއީ އޭނާ ލިޔެފައި ހުރި ނޯޓު ހެއްޔެވެ؟ ޚުދު އޭނާވެސް ހައިރާން ވެއްޖެއެވެ. ކުލާހުގެ ކުރީގައި އިށީނދެގެން އިނުމާއި މުދައްރިސު ދައްކަވާހައި ވާހަކައެއް ނޯޓު ކުރުމަކީ އޭނާގެ އާދައެކެވެ. އެ އާދައިގެ ސަބަބުން މިހައި ބޮޑު ފައިދާއެއް ކޮށްފާނޭ ކަމަކަށް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.
އޭނާ އަނެއްކާވެސް ކިޔަން ފަށައިފިއެވެ.
"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ! އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މަޣްފިރަތާއި ރަޙްމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ." (ބަޤަރާ ސޫރަތުގެ 155 ވަނަ އާޔަތުން 157 ވަނަ އާޔަތުގެ ނިޔަލަށް)
އޭނާ ހަވާސާގައި ލިޔެފައި ހުރި ނޯޓު ކިޔައިލިއެވެ.
"މުސީބާތެއް ކުރިމަތިވީމާ ކެތްތެރިވުމުގެ ގޮތުން إنّا للّه وإنّا إليه راجعون އޭ ކިޔައިލުމަކުން މުޅިއަކުން ނުފުދެއެވެ. މި އިބާރާތުން ދެ ޢަޤީދާއަކަށް އިޝަރާތް ކުރެއެވެ. އެ ދެ ޢަޤީދާގައި ހިފަހައްޓައިގެން މެނުވީ ކެތްތެރިއެއް ނުވެވޭނެއެވެ. إنّا للّه (ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކެވެ.) މިއީ ތަވްޙީދުގެ ޢަޤީދާއެވެ. وإنّا إليه راجعون (އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކެވެ.) މިއީ ހުރިހައި ހިތާމައަކާއި މުސީބާތެއް ފިލައި ހިނގައިދާނޭކަމުގެ ޔަގީންކަމާއެކު އާޚިރަތް ދުވަހަށް އީމާންވުމުގެ ޢަޤީދާއެވެ. ތިމާޔާއެކު ދެމިހުންނާނީ ހަމައެކަނި ކެތްތެރިކަމުގެ އަޖުރުކަން މި ދެ ޢަޤީދާއަށް އީމާންވާމީހާ ދަންނާނެއެވެ.)
އޭނާ ވިދިގެން އޮތް އާޔަތް ކިޔައިލިއެވެ.
"ހަމަކަށަވަރުން، ޞަފާއާއި މަރްވާވަނީ ﷲގެ ޝަޢާއިރް (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަން) ގެ ތެރެއިންނެވެ." (ބަޤަރާ ސޫރަތުގެ 158 ވަނަ އާޔަތުގެ ފެށުން)
ކެތްތެރިކަމާ ގުޅިގެން ކުއްލިއަކަށް ޞަފާއާއި މަރްވާގެ ވާހަކަ އައީ ކީއްވެގެން ހެއްޔެވެ؟ މެހެމަލް ކުޑަކޮށް ހައިރާންވިއެވެ. އެކަމަކު އޭނާ އަމިއްލައަށް ލިޔެފައި ހުރި ނޯޓު ކިޔައިލީމާ އެނގިއްޖެއެވެ.
"ޞަފާއާއި މަރްވާއަކީ ހަގީގަތުގައި އަންހެނެއްގެ ކެތްތެރިކަމުގެ ނިޝާނެކެވެ. ފިރިކަލުން ވަޑައިގެން ހާޖަރުގެ ދެމައިކަނބަލުން ހަނަފަސް ސަހަރާއަކަށް ދޫކޮށްލައްވައިފައި ވަޑައިގަތީއެވެ. ދެމަފިރިކަނބަލުންވެސް ﷲ އާ ވަކީލު ކުރެއްވީއެވެ. ވަކީލު ކުރެއްވުމުގެ މޭވާ ލިބިވަޑައިގަތީ ފޮނިކޮށެވެ. ކެތްތެރިވެވަޑައިގަތުމުގެ ނަތީޖާއަކީ ގިޔާމަތާ ހަމައަށް ދެމި ހުންނަނިވި ގޮތަކަށް ލެއްވި ޒަމްޒަމްވަޅުގެ ފެނެވެ."
އެނާގެ ބޭގަރާރު ހިތަށް ފިނިފިނި ވައިރޯޅިއެއް ޖެހިލީ ކަހަލައެވެ. ކަރުނައަށް ހުއްޓުމެއް އަތުވެއްޖެއެވެ. ބޭރާއި އެތެރެއަށް ހަމަޖެހުން ލިބި ހިތް ގަރާރު ވެއްޖެއެވެ. އޭގެ ފަހުން އޮތީ ހަމަހިމޭންކަމެވެ.
ހުރިހައި ހިތާމައެއް ހުވާސް ހިނގައިފިއެވެ. އޭނާއަށް ކެތްތެރިކަން ލިބިއްޖެއެވެ. ރުއިމުގެ ދަންފަޅި ނިމުނީއެވެ. އޭނާއަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިއްސަލަމްގެ އުއްމަތުގެ މީހެކެވެ. ދީނުގެ ޢިލްމު އޭނާއަށް ވަނީ ދެއްވައިފައެވެ. އެހެންވީމާ ޝަކުވާ ކުރާނޭ ޖާގައެއް ނެތެވެ. ޖާހިލިއްޔަތުގެ ދައުރުން ނުކުންނަ މީހާއަށް މައްކާގެ ދަތިއުނދަގޫކަމާއި، މަދީނާގެ ހިޖުރައާއި، ބަދުރުގެ ކާމިޔާބީއާއި އުޙްދުގެ ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެއެވެ. ޠާއިފްގެ ހިލައިގެ ވޭނާއި އިސްރާއާއި މިޢްރާޖުގެ އުފާވެރިކަންވެސް ލިބޭނެއެވެ. އެންމެ ފަހުން ނިމޭނީ މައްކާ ފަތަޙަ ކުރެއްވުމަށެވެ. ދިރިއުޅުމުގެ މި ދަތުރުގައި ބައެއް މީހުންގެ މައްކީ ދައުރު އަންނަނީ މަދަނީ ދައުރަށްވުރެ ފަހުންނެވެ.
އޭނާ ހުމާޔޫނާއެކު އަމިއްލަ ގޭގައި ހޭދަކުރި އެއް އަހަރުދުވަހަކީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ދައުރެކެވެ. އެ ދައުރު ނިމިއްޖެއެވެ. އޭނާގެ މައްކާ އަދި ކިރިޔާ ފެށުނީއެވެ. ޠާއިފްގެ ހިލަޔާ ކުރިމަތިލުން ކުރިއަށް އޮތީއެވެ. އެކަމަކު ނިކަމެތީންގެ ހާލު ބައްލަވައިވޮޑިގެންވާ ﷲ އޭނާޔާއެކުވެސް ވޮޑިގެންވާކަން އޭނާއަށް އެނގެއެވެ. އެހެންވީމާ ޠާއިފުގެ ދުވަހު އޭނާއަށްވެސް ކޮންމެވެސް ޢުތްބާއަކާއި ޝީބާއެއްގެ ބަގީޗާއެއްގެ ހިޔާވަހިކަން ލިބޭނެއެވެ. މޭބިސްކަދުރުގެ ފޮނިކަން ލިބިގަނެވޭނެއެވެ. އޭނާގެ ހަނދާނަށް އައީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޠާއިފްގެ ދުވަހު ކުރެއްވި ދުޢާއެވެ. އޭނާ ދުޢާ ކުރުމަށްޓަކައި އަތް އުފުލައިލިއެވެ. އެވަގުތު ދޮރު ހުޅުވާލައިފައި ނަރުހަކު އެތެރެއަށް ވަދެއެްޖެއެވެ. އޭނާ ހޭލައި އޮތްތަން ފެނުނީމާ އެކުއްޖާ ހިނިތުންވެލިއެވެ.
"ކިހިނެއްތޯ މިއަދު؟" އެކުއްޖާ އޭނާގެ ވިންދު ބަލާން ފަށައިފިއެވެ.
"ހޫނ..." އޭނާއަށް ފުން ޚިޔާލަކުން ނުކުމެވުނު ކަހަލައެވެ. "ރަނގަޅު. އަލްޙަމްދުލިއްލާހި."
"ތިޔަ ހޭފުޅުއެރީ ވަރަށް ގިނަ ދުވަސްކޮށްފައި. ޑަކްޓަރުން އުއްމީދުވެސް ކަނޑައިލި."
"ނޭނގެ..." އޭނާ ބާރެއް ނެތް ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. "އަހަރެން ވަގުތު ބެލުން ހުއްޓާލައިފިން."
"މާޔޫސީގެ ވާހަކަ ނުދައްކަވާ. ކަލާނގެ މެޑަމްއަށް އެހީތެރިވެވޮޑިގަންނަވާނެ."
މެހެމަލް ކުޑަކޮށް ސިހުނެވެ. އޭނާގެ ހިތަށް އެރިއެވެ. މޭބިސްކަދުރުގެ ދިޔަ ހިފައިގެން އަންނަމީހާ އަބަދުވެސް ނައިނަވާގެ މީހަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ އެ ނަރުސްކުއްޖާއަކީ ކްރިސްޓިއަނެކެވެ.
"އާނ. އެކަލާނގެ އަހަންނަށް އެހީތެރިވެވޮޑިގަންނަވާނެކަން އަހަންނަށް ޔަގީން." އޭނާ ހިނިތުންވެލިއެވެ. މިއީ ހޭއެރި ފަހުން އޭނާ ފުރިހަމައަށް ހިނިތުންވެލީ ފުރަތަމަ ފަހަރެވެ. "ކަލާނގެ އެހީތެރިވެވޮޑިގަންނަވާނޭ ކަމަށް ގަބޫލު ކުރަންތަ؟"
"ވަރަށް ބޮޑަށް ގަބޫލު ކުރަން. އެހީތެރިކަމަށް އެދި ދަންނަވާ މީހުން މާޔޫސް ކުރެއްވުމަކީ ޢީސާ މަސީޙް ކުރައްވާ ކަމެއް ނޫން."
"ހޫނ." ނަރުސްކުއްޖާގެ ޔަގީންކަމުން ފުރިފައިވާ މޫނަށް އޭނާ ފުންކޮށް ބަލައިލިއެވެ. "ޢީސާ ޢަލައިހިއްސަލާމާ ބެހޭ ގޮތުން ޤުރްއާނުގައި އޮންނަނީ ކީކޭކަން ދަންނަމުތަ؟"
ނަރުސްކުއްޖާ ސުވާލުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. އެ ކުއްޖާގެ ލޮލުން ފައުޅުވަނީ ހައިރާންކަމެވެ.
މެހެމަލް މަޑުމަޑުން ބުނެލިއެވެ. "ވަރަށް ރީތި... ވަރަށް ރީތިފުޅު ބޭކަލެއް. ޢިސާ އިބްނި މަރިޔަމަކީ ވަރަށް ރީތިފުޅު ބޭކަލެއް."
"އެހެންތޯ؟" ނަރުސްކުއްޖާގެ ލޮލުން ވިދުވަރެއް ފާޅުވިއެވެ.
"އާނ. އަހަރެމެންގެ ފޮތުގައި ބަޔާން ވެފައިވާ ގޮތުގައި އެއީ ވަރަށް ރީތިފުޅު ބޭކަލެއް. އެކަލޭގެފާނަށް ލިޔުއްވުމުގެ ގާބިލުކަންވެސް ﷲ ދެއްވި. ގަލަމުގެ ބާރު. އެކަލޭގެފާނު ވަރަށް ރީތިކޮށް ލިޔުއްވާ. އެކަލޭގެފާނަށް ދެއްވި ގާބިލިއްޔަތާއި މުޢުޖިޒާތާ ބެހޭ ގޮތުން ޚުދު އެކަލޭގެފާނު ވިދާޅުވަނީ ކީކޭކަން އެނގޭތަ؟"
"ކީކޭތޯ؟" އެކުއްޖާ ޝައުގުވެރިކަމާއެކު އަޑުއަހަމުން ގެންދިޔައެވެ.
"އެކަލޭގެފާނު ވިދާޅުވަނީ މިއީ ތިމަންކަލޭގެފާނުގެ ކަލާނގެ ދެއްވި ނިޢުމަތެކޭ. އެކަލާނގެ ދަސްކޮށްދެއްވި ކަންތައްތަކެކޭ." މެހެމަލް ނޭވައެއް ލާން ހުއްޓައިލިއެވެ. އެޔަށް ފަހު ހަނދާންކޮށްލާފައި އަނެއްކާވެސް ވާހަކަ ދެއްކިއެވެ. "އެކަން އަހަންނަށް އެނގުނު ފަހުން މީހަކު އަހަންނަށް ތައުރީފު ކޮށްފިއްޔާ އަހަރެންވެސް ބުނަނީ އެހެން. މިއީ ﷲ އަހަންނަށް ދެއްވި ނިޢުމަތެކޭ. އަހަންނަށް ދަސްކޮށްދެއްވީ އެކަލާނގެއޭ."
"ވަރަށް ރީތި..." ނަރުސްކުއްޖާއަށް ބުނެލެވުނެވެ. "މިސިޒް ހުމާޔޫން. މުސްލިމުންގެ މުގައްދަސް ފޮތުގައި ޢީސާ މަސީޙާ ބެހޭގޮތުން އޮތީ ކީކޭކަން އަޅުގަނޑަށް މީގެ ކުރިން އެއްވެސް މުސްލިމަކު ކިޔައެއް ނުދޭ. ގިނަ މުސްލިމުން ވަރަށް ރުޅިވެރިކަމާއެކު ކަލޭގެ ޢަޤީދާ ރަނގަޅެއް ނޫނޭ ބުނެލާނެ. އެނޫން ކަމެއް ނުކުރޭ."
"އައްސަލާމް ޢަލައިކުމް." ފަރިޝްތޭ ކޮޓަރިއަށް ވަދެއްޖެއެވެ. "ހޭލީތަ؟"
"އާނ. ކޮން އިރެއް؟" އޭނާ ފަރިޝްތޭއާ ދިމާއަށް ބަލައިލިއެވެ. އޭނާ ހުރީ އާދައިގެ މަތީން ކަޅު ކުލައިގެ ޢަބާޔާއެއް ލައިގެން ކަޅު ބުރުގާއެއް އަޅައިގެންނެވެ.
"ދައްތާ... ދައްތަ މީހަކާ ނީންނަންތަ؟" މެހެމަލް އަހައިލިއެވެ. އެވަގުތު ފަރިޝްތޭގެ ރީތި ލޮލަށް ކުލަވަރެއް އެރިކަމުގައި އޭނާއަށް ފާހަގަ ކުރެވުނެވެ.
"މެހެމަލް. މީހަކާ އިނީމާ ވަނީ ވަކި ކޮން ކަމެއް؟" ފަރިޝްތޭ ހިނިތުންވެލިއެވެ.
"ސުންނަތެކޭ ހިތައިގެން މީހަކާ އިންނަންވީއެއްނު؟"
ފަރިޝްތޭ އަނގަޔަކުން ނުބުނެއެވެ.
"އިންނާނަން ދޯ؟"
"މެހެމަލް ރަނގަޅު ނުވަނީހެއް އަހަރެން މީހަކާ ނީންނާނަން."
"އަހަރެން ރަނގަޅު ނުވިއްޔާ؟"
"އެހެން ވެއްޖެއްޔާ މެހެމަލާއި ހުމާޔޫނާއި ތައިމޫރާ ތިން މީހުން އަހަންނަށް ފުދޭނެ. އިތުރު އެހެން މީހަކު އަހަންނަކަށް ބޭނުމެއް ނުވޭ... އިރުކޮޅަކުން ފިޒިއޯތެރަޕިސްޓް އަންނާނެ. އޭނާއަށް އެއްބާރުލުން ދޭތި. ފަހައިނުލާތި. ގެއަށް ދިޔައީމާވެސް ދުވާލަކު އެއް ފަހަރު އޭނާ އަންނާނެ." ފަރިޝްތޭ ދޮރާ ދިމާއަށް ހިނގައިގެންފިއެވެ.
އޭނާގެ ބޮލަށް އެހެން ޚިޔާލެއްވެސް ވެރިވެއްޖެއެވެ.
ގެ... އޭނާގެ ގެ... އޭނާގެ އަމިއްލަ ގެ... މި ހަފުތާގެ ތެރޭގައި އޭނާ ގެއަށް ދާނެއެވެ.
އޭނާގެ ހިތަށް ހީކުރިކަހަލަ އުފަލެއް ވެރިއެއް ނުވިއެވެ.
* * *
ނަރުސްކުއްޖާ ފައިލުގައި ކޮންމެވެސް އެއްޗެއް ލިޔަނީއެވެ.
މެހެމަލް ބާލީހަށް ލެނގިލައިގެން ހިމޭނުން އިނީއެވެ. ގިނަ ދުވަހު ބަލިވެ އޮންނާން ޖެހުމުގެ ސަބަބުން އޭނާ މިހާރު ހުރީ ކޮންމެވެސް ވަރަކަށް ހިކި އަނަރޫފަ ވެފައެވެ.
"މެޑަމް." ލިޔެލިޔެ ހުރެފައި ނަރުސްކުއްޖާ ކުއްލިއަކަށް އޭނާއަށް ގޮވައިލިއެވެ.
"ހޫނ..." އޭނާ ސިހުނެވެ. މިހާރަކަށް އައިސް މީހަކު ހަމަ ގޮވައިލުމާއެކު އޭނާ ސިހެއެވެ.
"އެބޭފުޅާ ވަޑައިނުގަންނަވާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ."
"ކޮން ބޭފުޅެއް؟"
"ކޮން ބޭފުޅެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެކަމަކު ވަރަށް ގިނައިން ވަޑައިގަނޭ. އުމުރުން ދުވަސްވީ ބޭފުޅެއް. ދިގު ތުނބުޅިއެއް ހުރޭ. ވަރަށް ހެޔޮ، މާތް ބޭފުޅެއް."
"ވަރަށް ގިނައިން އާދެއޭ؟"
"އަޅުގަނޑު މިތާގައި އުޅޭތާ މިވީ ތިން އަހަރު ދުވަސް. އެބޭފުޅާ ތިން އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނައިން ވަޑައިގެންނެވި. ގިނައިން ވަޑައިގަންނަވަނީ ހުކުރު ދުވަހު. މި ކޮޓަރިއަކަށް ނުވަންނަވާ ދުވަހަކުވެސް. ބޭރުން ބައްލަވައިލައްވާފައި ވަޑައިގަންނަވަނީ." އޭނާ ދޮރަށް އިޝާރާތް ކޮށްލިއެވެ. "ދެން އަޅުގަނޑު ގާތު މެޑަމްގެ ހާލު އައްސަވައިލައްވާނެ. މިތާ މަޑެއް ނުކުރައްވާ."
"އެއީ އަހަރެންގެ ތިމާގެ މީހެއްތަ؟" މި ސުވާލު ކުރެވުމާއެކު އޭނާގެ ސިކުނޑީގެ ފަރުދާއަށް އެތައް މޫނެއް އެއްފަހަރާ އެރިއެވެ. އާޣާ ހައުސްގެ އުފާވެރި އާއިލާގެ މީހުންގެ މޫނެވެ. ހިތުގައި ބާވަތެއްގެ އުދާހެއް އުފެދުނެވެ. އެމީހުން އަހަރެންގެ މަތީން ހަނދާން ކުރޭބާވައެވެ؟ އެމީހުންގެ އަރާމު އަދި އުފާވެރި ދިރިއުޅުމުން އަހަންނަށްޓަކައި ވަގުތުކޮޅެއް ހުސްކުރި ބާވައެވެ؟
"ނޫން... އެބޭފުޅާ ވިދާޅުވީ ތިމާގެފުޅު ބޭފުޅަކީމެއް ނޫނޭ. ހަމައެކަނި މެޑަމް ދެނެވަޑައިގަންނަވަނީއޭ."
"ފަރިޝްތޭއާއި އަހަރެންގެ ފިރިމީހާ އޭނާ ދަނޭތަ؟"
"އެ ދެބޭފުޅުން ތިއްބަވަނިކޮށް ދުވަހަކުވެސް ވަޑައެއް ނުގަނޭ. އަބަދުވެސް ވަޑައިގަންނަވަނީ އެ ދެބޭފުޅުން ނޫޅުއްވާ ގަޑިތަކުގައި. އެކަމަކު ވަޑައިނުގަންނަވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ."
"ނަމެއް އެޑުރެހެއް އެނގޭތަ؟"
(ނުނިމޭ)
ވެބްސައިޓްތަކުގައި ހުންނަ ލިޔުންތަކަށް ޚިޔާލުފާޅުކޮށް ހެދުމަކީ އަޅުގަނޑު ކުރާ ކަމެއް ނޫންކަމުގައިވިޔަސް މިވާހަކަ ކަމުދިޔަވަރުން ޚިޔާލު ގޮޅީގައި އެއްޗެއް ނުލިޔެ ހަމަ ނުހުރެވުނެވެ. މިއީ ވަރަށް ޝައުގުވެރި ވާހަކައެކެވެ. ވަރަށް ރީތި ވެފަ އެހާމެ ޢިބްރަތްތެރި ވެސްމެއެވެ.ނަޢީމަށް ޝުކުރުވެރިވަމެވެ