ޔުކްރެއިންގައި ތިބި 32 ކިޔަވާ ކުއްޖަކު މާލެ ގެންނަނީ

ޔުކްރެއިންގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހި ކިޔަވާކުދިން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ(އެން.އީ.އޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މަބްރޫކް މިހެން ވިދާޅުވީ މިރޭ ކޮވިޑް-19 އާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. 

މަބްރޫކް އިތުރަށް ވިދާޅުވި ގޮތުގައި ޔުކްރެއިން ގައިތިބި 32 ކުއްޖަކު ރާއްޖެ އައުމަށް އެދުމުން އެކުދިން މާލެ އާދެވޭނެ މަަގު ފަހިކޮށްދިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ޓިކެޓް ގަތުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރަށް މިއަދު ހެނދުނު ތައިލޭންޑްއިން ރާއްޖެއަށް ރިޕެޓްރިއޭޝަން ފްލައިޓެއް ފޮނުވާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. މި ފްލައިޓްގައި ރާއްޖޭގައި ތިބި 131 ތައިލޭންޑް ރައްޔިތަކު ވަނީ އެމީހުންގެ ޤައުމަށް ގޮސްފައެވެ.

މިރޭގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކް އިތުރަށް ވިދާޅުވި ގޮތުގައި ސައުދި އަރަބިއްޔާގައި ތިބި ދިވެހި ކިޔަވާކުދިންނަށް ފްލައިޓެއް އޮތްނަމަ، އަދި އެކުދިން އަންނާނެ ފުރުސަތެއް ލިބިއްޖެނަމަ އެކުދިން ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކުދިން ގެނައުމަށްޓަކައި މިހާރުވެސް މަޝްވަރާކުރަމުން ދާކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤައުުމުތައް ފުރަބަންދުކުރުމާއިި ގުޅިގެން ގިނަ އަދަދެއްގެ ކިޔަވާ ކުދިންނާއި އެެހެނިހެން ބޭނުންތަކަށްޓަކައި ބޭރުގައި ދިރިއުޅޭ ދިވެހިންވަނީ ރާއްޖެ ނާދެވި އެ ޤައުމުތަކުގައި ތާށިވެފައެވެ. ދިވެހި ސަރުކާރުން ދަނީ އެކި ޤައުމުތަކުގައި މިގޮތަށް ތާށިވެފައި ތިބި ދިވެހިން ގެނެސް ކަރަންޓީނު ކުރަމުންނެވެ. މިގޮތުން ބަނގްލަދޭޝާއި ނޭޕާލްގައި ތިބި ދިވެހިކިޔަވާ ކުދިންވެސް ރާއްޖެ ގެނެވިފައިވެއެވެ. 

ކޮވިޑް-19 އަށް މިއަދުވެސް ރާއްޖެއިން ވަނީ 14 މީހަކު ޕޮޒިޓިވްވެފަައެވެ. މީގެ ތެރެއިން 13 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގް އިން ފާހަގަ ކުރެވުނު މީހުންކަން މަބްރޫކް ހާމަކުރެއްވިއެވެ. އަދި އެއް ކޭސް އަކީ އިންޑިޕެންޑެންޓް ކޭސްއެއް ކަމަށާއި އެ ކޭސް ގުޅިފައިވަނީ ކޮން ކްލަސްޓާރ އަކާއިތޯ ބެލުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.


ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.