އެމް.އެން.ޑީ.އެފް ގެ ސާރވިސް ކޯ އިން އެމެޖެންސީ ވެންޓިލޭޓަރެއް އުފައްދައިފި

ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސާރވިސް ކޯރ އިން ނޭޝަނަލް އެމެޖެންސީ ސެންޓަރަށް ބޭނުންވާ އެމެޖެންސީ ވެންޓިލޭޓަރެއް އުފައްދައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ކޯވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެމް.އެން.ޑީ.އެފުން އެޅި ފާހަގަކޮށްލެވޭނޭ ތާރީޚީ ފިޔަވަޅެއް ކަމުގައެވެ. މޭޖަރ ޖެނެރަލް ޝާމާލް ވިދާޅުވީ އެމް.އެން.ޑީ.އެފްގެ ޓެކްނިކަލް ޓީމަކުން އުފެއްދި ވެންޓިލޭޓަރުގެ ފުރަތަމަނަމޫނާ (ޕްރޮޓޯޓައިޕް) ދައްކާލުން މިއަދު އޮތް ކަމަށާއި އެ ވެންޓިލޭޓަރު ފުރިހަމައަށް މަސައްކަތް ކުރާ ކަމަށެވެ.

މިނިސްޓަރ މާރިޔާ ވެސް ވަނީ އެމް.އެން.ޑީ.އެފުން އުފެއްދި ވެންޓިލޭޓަރު މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ޓުވީޓުކުރައްވާފައެވެ. އެކަމާ އުފާފުޅުކުރައްވާ ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ ދިވެހީން އުފެއްދި މެޝިނެއް މީގެ ކުރިން އެކަމަނާއަށް ފެނިވަޑައިގެންނެވީ މައްޗަންގޯޅީ ޖަންކުޝަންގައި ހަނދަށް ފޮނުވަން އަވަށްޓެރިން ހެދި ރޮކެޓު ކަމަށެވެ. އަދި ރޮކެޓު އުދުއްސާނެ ދުވަހެއްގެ އިންތިޒާރުގައި ހުންނެވި ކަމަށް ވިދާޅުވެ ސަމާސާ ކުރެއްވިއެވެ.

އެމް.އެން.ޑީ.އެފުން އުފެއްދި ވެންޓިލޭޓަރު ދައްކާލުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރުއެވެ.

ކޯވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގެ އިސް ސަފުގައި ގައުމީ ދިފާއީ ބާރުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ބަލިޖެހޭ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމުން ފެށީގެން ކާބޯތަކެތި ޑެލިވަރީގައި ވެސް ސިފައިން ހަރަކާތްތެރިވެއެވެ. މާލޭގައި ކޯވިޑް ފެތުރެންފެށި ފަހުން ސިފައިންގެ ތެރެއިން ވެސް ބަޔަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ކޯވިޑް ޖެހުނު އެމް.އެން.ޑީ.އެފްގެ މީހަކު ވަނީ ބަލިން ރަނގަޅުވެ އިއްޔެ މަސައްކަތްށް ނުކުމެފައެވެ  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.