މަސްތުވާ ތެކެއްޗާއެކު އަތުލައިގަތް ބޯޓްގައި ތިބީ ކޮންޤައުމެއްގެ ބައެއް ކަމެއް ނޭނގޭކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރައްވައިފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ރާއްޖެއިން ބޭރު މި ބޯޓް އަތުލައިގަތީ މިމަހު ފަސްވަނަ ދުވަހުގެ ރޭ، ހއ.ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ޚާއްޞަ އިޤްދިޞާދީ ކަނޑުގެ ސަރަޙައްދުންނެވެ. މި ބޯޓާއެކު ރާއްޖޭގެ "ހެދޭކުރި-7" ނަމަކަށް ކިޔާ މަސްވެރި އުޅަނދެއްވެސް އެސަރަޙައްދުން ހިފަހައްޓާފައިވާ ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ހާމަކުރެއެވެ. ރާއްޖޭގެ އުޅަނދަކީ ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ހަރަކާތްތެރިވަމުން ދިޔަ އުޅަނދެކެވެ. ބޭރުބޯޓު އަތުލައިގަތްއިރު، އެ ބޯޓްގައި ކޮން ޤައުމެއްގެ ބައެއްކަން ނޭނގޭ ހަ ފަޅުވެރިން ތިއްބެވެ. ރާއްޖޭގެ އުޅަނދުގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.
ބޭރުގެ ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑާ ހިއްސާކޮށްފައިވަނީ މިމަހު ފުރަތަމަ ދުވަހު އިންޑިއަން ކޯސްޓްގާޑުންނެވެ. މިގޮތުން ބޭރުގެ ބޯޓާއި، ރާއްޖޭގެ އުޅަނދެއްކަމުގައިވާ "ހެދޭކުރި -7" ނަމަކަށް ކިޔާ ދޯންޏެއް އެސަރަހައްދުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.
ބޭރުގެ މި އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވިނަމަވެސް، ބޯޓަކީ، އީރާނުގެ ދިދަ ނަގައިގެން ދުއްވަމުން ދިޔަ ބޯޓެއްކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ. ބޭރުގެ ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބަންދުކޮށްފައިވާ ސާމާނު ފެނިފައިވެއެވެ. މި އުޅަނދުގެ މައްސަލަ ތަހުޤީޤުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ކުރަމުންނެވެ.
މި ދެ އުޅަނދު މާލެ ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.