އާބާދީގައި 600 އެއްހާ މިހުން ދިރިއުޅޭ ށ. ނަރުދުއިން ކޮވީޑަށް ޝައްކު ކުރެވޭ މީހަކު އުޅޭކަމުގެ ޚަބަރާއެކު ރަށުތެރެއަށް ބިރުވެރިކަން ފެތުރި ހަމަ ހިމޭންކަން ގެނުވިއެވެ. ޞިއްހީ ޚިދުމަތާއި އެނޫންވެސް އެފަދަ ވަޞީލަތްތައް ނިކަމެތި، ކުޑަކުޑަ އާބާދީއަކަށް ވެފައި އެބަލި ފެތުރުގެންފިނަމަ ވެދާނެ ގޮތަކާމެދު ކަންބޮޑުވުން އޮތުމުންނެވެ. އާއިލާއާއި ރައްޓެހިން އެކަހެރިކޮށް ދުރުކޮށްލާ ނުރައްކާތެރި ބިރުވެރި ބައްޔަކަށް ވާތީއެވެ.
މިހާތަނަށް ރާއްޖޭގެ ރަށަކުން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު ޕޮޒިޓިވް ވި ރެކޯޑާއެކު، ނަރުދުއިން އަށް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ އެރަށުގައި ދުއްވާ "އަމާޒު" ބޯޓްގެ ކެޕްޓަނާއި އެކު އެ އާއިލާގެ ހަ މީހުންގެ އިތުރުން ބޯޓްގެ ދެ ފަޅުވެރިންނެވެ. ކެޕްޓަންގެ ގެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނެއެވެ. އެގެއިން ނެގެޓިވް ވީ ކުޑަ އަންހެން ކުއްޖަކާއި ބޮޑު ފިރިހެން ކުއްޖެކެވެ. އެ ދެކުދިން އުޅެމުންދަނީ އެކަންޏެވެ. އެކުދިންގެ ކަންތައް ބަލަހައްޓަމުން ދަނީ ރަށުގެ ކައުންސިލުން ކަމަށްމަޢުލޫމާތު ލިބެއެވެ. ނަރުދުއިން ޕޮޒިޓިވް ވި މީހުން މިހާރު ވަނީ ދޮނަކުޅި ރިސޯޓަށް ގެންގޮސްފައެވެ. ނަމަވެސް ޕޮޒިޓިވް ވި މީހުންނާ ދިމާވެ ބަލީގެ އަލާމާތްތައް ފެނިފައިވާ މީހުންގެ ތެރެއިން ބައެއް މީހުން ސާމްޕަލް ނުނެގި ހުރުމާއި ސާމްޕަލްނެގި ބައެއް މީހުންގެ ނަތީޖާތައް އަދިވެސް ނުލިބުމަކީ ރަށުގައި އިންތިހާއަށް ބިރުވެރިކަން އޮތް ކަމެކެވެ. ރަށުގެ މަގުތައް ވަނީ ފަޅުވެފައެވެ. ރަށު ތެރެއަށް ފެތުރިފައި ވަނީ ހަމަހިމޭންކަމެވެ. މަގުމައްޗަށް ނުކުންނަނީ ހަމަ އެކަނި ގޭގައަށް ޑެލިވަރީ ކޮށްދިނުމަށް އަމިއްލަ އަށް އިސްނަގައިގެން އުޅޭ މަދު ޒުވާނުންގެ ބައެކެވެ.
މިފަދަ ޙާލަތެއްގައި ނަރުދޫ އޮތްއިރު އެރަށުގެ ރައްޔިތުން މިއަދު އެންމެ ބޭނުންވާނެ އެކައްޗަކަށް ވާނީ ބަލިން ރައްކާތެރި ވުމަށް ބޭނުންކުރެވޭ އާލާތްތަކެވެ. ސެނިޓައިޒަރ އާއި އަންގި އާއި ފޭސް މާސްކް ފަދަ ތަކެއްޗެވެ. މިފަދަ ތަކެއްޗަށް ރަށުގެ ރައްޔިތުން އެންމެ ބޭނުން ޖެހުނު ހިނދު އެރަށުގެ ހީވާގި އަންހެނަކު މިވަނީ ފޭސްމާސްކް ހަދައި ތައްޔާރު ކޮށްފައެވެ. ބޭނުން ޖެހުނު ކޮންމެ މީހަކަށް އޭނާ ދަނީ މާސްކް ހަދިޔާ ކުރަމުންނެވެ.
ނަރުދޫ ކެނެރީގެ ފާތުމަތު ޝަފީޤާ އަކީ އާމްދަނީ ހޯދުމަށް ފުޅާ ދާއިރާއެއްގައި ރަށުގައި ފެހުމުގެ މަސައްކަތް ކުރާ އަންހެނެކެވެ. ނަމަވެސް ކޮވީޑާ ގުޅިގެން މީހުންނަށް އާމްދަނީ ލިބޭ މިންވަރުދަށްވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނައި ބަދަލާއިއެކު ޝަފީގާގެ މަސައްކަތަށްވެސް ވަނީ ހިޔަނި އެޅިފައެވެ. ފަހަން އެއްޗިހި ނުލިބުމުގެ ސަބަބުންނެވެ. ޝަފީޤާ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ފެހުން ކަމުގައި ވިއަސް އޭނާއަކީ ކެފޭއެއްގައި ވެސް މަސައްކަތްކުރާ ހީވާގި މީހެކެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ޝަފީޤާ މަސައްކަތް ކުރަމުންދިޔަ ކެފޭ ވެސް ބަންދު ކުރިއެވެ. ޝަފީޤާއަކީ ޢުމުރުން 11 އަހަރުގެ އަންހެން ދަރިފުޅަކާއެކު އެކަނި ދިރިއުޅޭ އެކަނިވެރި މައެކެވެ. އެހެންކަމުން ދަރިފުޅާއި އޭނާގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ޝަފީޤާ އައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ޝަފީޤާއަށް އާމްދަނީ ލިބެން އޮތް ހުރިހާ މަގަކަށް މިވަނީ ހިޔަނި އެޅި ހުއްޓުމަކަށް އައިސް ފައެވެ. ނަމަވެސް ޝަފީޤާ ހިތްވަރު އެލުވައެއް ނުލައެވެ. ފަހާ މީހަކަށް ވުމުން ހެދުން ކަނޑާފައި ބާކީވެފައިވާ ފޮތި ބޭނުންކޮށްގެން ގޭގައި ފޭސް މާސްކް ހަދަން ފެށިއެވެ. ފޮތިހުސް ވުމުން އަމިއްލައަށް ފޮތިގަނެގެންވެސް ޝަފީގާ ދިޔައީ މާސްކް ފަހަމުންނެވެ. ޝަފީޤާ މާސްކް ފަހަމުން އައީ އެއްގޮތަކަށް ވެސް އެކަމުން އާމްދަނީއެއް ހޯދުމަކަށް ނޫނެވެ. އަދި ރަށުން ގިނަ ޢަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެދާނެކަމަށް ދެކިގެނެއްވެސް ނޫނެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ބޭނުން ކުރެވޭނެ މުހިންމު އެއްޗަކަށް ވާތީ އެވެ. ބޭނުންވާ ބަޔަކަށް ހަދިޔާ ކުރުމަށެވެ. މިހާރު އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް އެންމެ ބޭނުންތެރި، ބޭނުންޖެހިފައިވާ އެންމެ މުހިންމު އެކައްޗަކީ ފޭސް މާސްކެވެ. އެއިން އަޅުގަނޑުމެނާއި އެހެން މީހުން ބަލިން ކޮންމެވެސް މިންވަރަކަށް ރައްކާތެރިކޮށްދެއެވެ. އެހެންކަމުން ފޭސް މާސްކަށް ވުރެ ވަކިން އަގު ހުރި އެހެން ހަދިޔާއެއް އޮންނާނެ ހެއްޔެވެ؟
ޝަފީޤާ ފޭސް މާސްކް ފަހަން ފެށީ މާލެއިން ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނުމާ ހިސާބުންނެވެ. މިހާތަނަށް އޭނާ ވަނީ ގިނަ ޢަދަދެއްގެ މާސްކް ފަހައިފައެވެ. ލިބިފައިވާ ހިތްދަތިކަމުގައި ވެސް ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށް ބޭނުންވާ ފޭސް މާސްކް ފަހައި ދިނުމުގައި ޝަފީޤާ ހިތްވަރު އެލުވައެއް ނުލައެވެ. މިއަދު އޭނާގެ ފަރާތުން އެކުޑަކުޑަ މުޖުތަމައަށް ފޯރުކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ އެއީ ކަމަށް ވާތީއެވެ. ނަމަވެސް ލިބިފައިވާ ހިތްދަތިކަން އިންތިހާއެވެ. ރަށުގެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވް ވެ އެކަހެރި ކުރަން ޖެހުމުންނެވެ. އެމީހުންނަށް ވާނެ ގޮތަކާމެދު ވިސްނޭތީއެވެ. އެ އާއިލާތަކުގެ މެމްބަރުން އެކަހެރި ވުމުންނެވެ. ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުން ވިއަސް އެކަން ކުރެވޭނެ ގޮތެއް ނެތުމުންނެވެ. އަމިއްލަ ރައްކާތެރިކަމާއެކު މުޅި މުޖްތަމަޢުގެ ރައްކާތެރިކަމަށް ގައިދުރުކޮށް އުޅެން ޖެހިފައިވާތީއެވެ.
"ކުރިން ވަރަށް ބިރުގަތް. މިހާރު ބިރަށް ވުރެ ބޮޑަށް ދެރަ ވަނީ އެ އާއިލާ ތަކާ ދޭތެރޭ ވިސްނޭތީވެ. ކެޕްޓަންގެ ގެއިން ބަލި ނުޖެހި ތިބި ދެކުދިންވެސް އެ ތިބެނީ އެކަނި . އެ ކުދިނަށް އެހީތެރިވެދޭން ބޭނުން ވިޔަސް އެކަން ކޮށްދެވޭނެ ގޮތެއް ނެތް. ވަރަށް ބޮޑު ހިތްދަތިކަމެއް މިއީ." ޝަފީޤާގެ އިޙްސާސްތައް ހާމަކުރަމުން ބުނެލިއެވެ.