ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އިތުރު ރަސޫލު ގެ ޙަދީޘުފުޅުތަކުން އެނގޭ ގޮތުގައި މި ދުނިޔެއަކީ އިމްތިހާނުގެ ގޮވައްޗެކެވެ. އެހެންކަމުން، މުޞީބާތާާއި، ކާރިސާއާއި، ހިތާމައާ ކުރިމަތިލާން ޖެހުމަކީ މާތް ﷲގެ ސުންނަތެވެ. އެބަހީ، އެކަލާނގެ މި ދުނިޔޭގައި ކަންކަން ހިންގަވާ އާދައެެވެ.
ވީއިރު، މާތް ﷲއަށް ޙައްޤުގޮތުގައި އީމާންވާ މުއުމިނުން ވާން ޖެހޭނީ މުޞީބާތަަކީ އެކަލާނގެ މިންވަރުކުރެއްވި އިމްތިހާނެއްކަން ހިތުގެ އަޑިން ގަބޫލުކޮށް ކެތްތެރިވުމެވެ. މުޞީބާތުގެ ވަގުތު ކެތްތެރިވާ މުއުމިނުންނަށް އުފާވެރިކަމުގެ ޚަަބަރުދެއްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ * ٱلَّذِينَ إِذَآ أَصَـٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ * أُو۟لَـٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُهْتَدُونَ﴾ (ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! * އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. * އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ.) (އަލްބަޤަރާ: 155-157)
މުޞީބާތުގެ ވަގުތު ޝަކުވާ އިތުރުކޮށް، ދުލުންނާއި، އަތްފައިން ގޯސް ހަދައި، ހަމަބުއްުދި ފިލައިގޮސް، ޝައިޠާނާގެ މަޅީގައި ޖެހުމުން މުއުމިނާ ދުުރުކުރާ ބާރަކީ ކެތްތެރިކަމެވެ. އެފަދަ ދަތި އުނަދަގޫ ވަގުތުގައި ކެތްތެރިކަމުން ބާރުލިބިގަތުމަށް މުއުމިނުންނަށް ކުރެވިދާނެ ކަންތައްތަކެއް ވެއެވެ.
ފުރަތަމަ ކަމަކީ، މާތް ﷲ އަބަދުވެސް އެންެމެ ގާތުގައި ވޮޑިގެންވާކަން އިހުސާސުކޮށް، އެކަލާނގެ ތިމާގެ ހާލު ދެކެ ދެނެވޮޑިގެންވާކަން ގަބޫލުކުރުމެވެ. މިގަބޫލުކުރުމާއެކު، މާތް ﷲ އޭނާ މުޞީބާތުގެ ތެރޭގައި ދޫނުކުރައްވައި، އެކަމުން އަރައިގަންނާނެ މަގު އޭނާއަށް ދައްވާނެކަމުގެ ޔަގީންކަމާއެކު، މުއުމިން އަޅާއަށް ކެތްތެރިކަމުގެ ބާރު ލިބިގެންދާނެއެވެ.
ދެވަނަ ކަމަކީ، އިމްތިޙާނެއްގެ ގޮތުގައި އޭނާއަށް ކުރިމަތިވި މުޞީބާތާމެދު ރަނގަޅަށް ވިސްނައި ފިކުރު ކުރުމެވެ. މުޞީބާތް މެދުވެރިވާންވީ ސަބަބަކީ ކޮބައިތޯ ވިސްނައި، އެކަމުން އަރައިގަތުމަށްޓަކައި، އެ ސަބަބުތައް ނައްތާލާނީ ކިހިނެއްތޯ ހޯދައި ބެލުމެވެ. ހަނގުރާމައިން ބަލިވުމާއި، ކުރެވޭ ގޯސް ޢަމަލުތަކުގެ ސަބަބުން މުޞީބާތްތައް ދިމާވުމުން، މިފަަަދައިން ވިސްނައި ހޯދުމަކީ އެކަމުގެ މައްޗަށް ކެތްތެރިވުމަށް ލިބޭ ބާރަކަށް ވާނެއެވެ.
ތިންވަނަ ކަމަކީ، ކުރީގެ މަޒުމޫނުގައި ބަޔާންވެދިޔަ ފަދައިން، މުޞީބާތަކީ މާތް ﷲގެ މިންވަރުފުޅުކަން ހިތުގެ އަޑިން ގަބޫލުކުރުމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَـٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ * لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ ﴾ (އެއްވެސް مصيبة އެއް، ތިމަންރަސްކަލާނގެ އެ مصيبة އެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ حال ގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ اللَّه އަށް ދާދިފަސޭހަ ކަމެކެވެ. * (އެއީ) ތިޔަބައިމީހުންގެ ކިބައިން ފާއިތުވެހިނގައްޖެ ކަމެއްގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުޅައުމަށާއި، އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށްޓަކައެވެ. (އަލްޙަދީދު: 22، 23)
ހަތަރުވަނަ ކަމަކީ، މާތް ﷲއާ ތިމާއާ އޮތް ގުޅުން ވަރުގަދަކޮށް، އެކަލާނގެ ޙަޟްރަތުން މަދަދު ލިބޭނެކަން ޔަގީންކުރުމެވެ. އެހެންކަމުން މުޞީބާތުގެ ވަގުތު މުއުމިނުންގެ ސިފައަކަށް ވާން ވާނީ، ޝައިޠާނާގެ ވަސްވާސްތަކާއި، އެ ސޮރުގެ ނުބައިކަމުުން މާތް ﷲގެ ރައްކާތެރިކަމަށް އެދި، ތިމާއަކީ މާތް ﷲގެ އަޅެއްކަމާއި، ތިމާގެ ނިމުން އޮތީ އެކަލާނގެ ޙަޟްރަތަށް ކަމުގައި ގަބޫލުކުރުމެވެ. މިފަދައިން ގަބޫލުކުރެވޭ ހިނދު މުއުމިނުންނަށް ކެތްތެރިވުމުގެ ބާރު ލިބިގެންދާނެއެވެ.
މުޞީބާތުގެ ވަގުތުގައި ކެތްތެރިވާ މީހުންނަށް ހުރި މަތިވެރި ދަރުމަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾ (ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.) (އައްޒުމަރު: 10)
يَا أَيُّهَا الَّذِينَ آمَنُواْ اسْتَعِينُواْ بِالصَّبْرِ وَالصَّلاَةِ إِنَّ اللّهَ مَعَ الصَّابِرِينَ
“O believers, make patience and salat as your helper, indeed, Allah is with people who are patient.” (QS. Al-Baqarah [2]: 153)