ޢާއިޝަތު ފިރާޝާ ނުވަތަ ފިރާގެ ގެ ބޭކިންގެ މަސައްކަތް ފެށުނީ މީގެ ހަތަރު އަހަރު ކުރިން ރޯދަމަހެއްގައެވެ. ބަރަކާތްތެރި ރަމަޟާން މަހެއްގައި ފެށި ފިރާގެ ބޭކިންގައި ބަރަކާތް ލެއްވީ ހިވެސް ނުކުރާހާ އަވަހަށެވެ. ގޭގައި ރޯދަ ވީއްލާލަން ތައްޔާރުކުރި ކަނަމަދު ކޭކުން ފެށުނު މަސައްކަތް މިހާރު ވަނީ "ހޯމް ބޭކަރީ" އަކަށް ބަދަލު ވެފައޭ ދެންނެވި ދާނެއެވެ. ދުވާލެއްގެ މައްޗަށް 20 – 30 އާ ދެމެދުގެ ޢަދަދަކަށް ގޭގައި ކޭކު އެޅުމަކީ "ފިސާރި ކަނބަލަކަށް" ނޫނީ ކުރެވޭނެކަމެއް ނޫނެވެ. ފިރާގެ މަސައްކަތުގައި އަތްގާތްކޮށް ހަދާކަށް އިތުރު މުވައްޒަފުންނެއް ނުގެންގުޅެއެވެ. ނަމަވެސް އާއިލާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އޭނާ ފާހަގަ ކުރިއެވެ.
ބޭކަރ އަކަށް ނުވަތަ ޝެފަކަށް ވުމަކީ އެއް އިރެއްގައި ވެސް ފިރާގެ ހުވަފެނެއް ނޫނެވެ. ނަމަވެސް އިތުރު މީހަކަށް ބަރޯސާ ނުވެ ދިރިއުޅުމަކީ މައިންބަފައިންގެ ފަރާތުން އޭނާއަށް ދަސް ވެފައިވާ ފިލާވަޅެވެ. އަދިހަމަ ކުރާ ކޮންމެ ކަމެއްގައިވެސް ގަޔާވެ ކަމަށް ކަމޭ ހިތައިގެން ކުރުމެވެ. ކެއްކުމުގެ ހުނަރަކީ އާއިލާގެ ފާރާތުން ފިރާއަށް ވާރުތަވި ހުނަރެކޭ ބުނެވިދާނެއެވެ. ފިރާގެ ބައްޕައަކީވެސް މަޝްހޫރު ރެސްޓޯރެންޓެއް ހިންގެވި ބޭފުޅެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމަށްފަހު ފިރާ ވަނީ ބޭންކިންގެ ދާއިރާގައިވެސް މަސައްކަތް ކޮށްފައެވެ. ބޭންކިންގެ ދާއިރާއަށްފަހު ބޭކިންނަށް ބަދަލުވީ ކުއްޖަކު ލިބި ގޭގައި ހުންނަން ބޭނުންވުމުންނެވެ. ބޭކިންގެ މަސައްކަތް ފިރާ ފެށީ ވަކި ތަނަކަށް ގޮސް ކޯސްތަކެއް ހަދައިގެނެއް ނޫނެވެ. އިންޓަރނެޓްގެ ޒަރީއާއިން މަޢުލޫމާތު ހޯދާ ޢަމަލީ ގޮތުން ޕްރެކްޓިސް ކޮށްގެނެވެ.
"ފުރަތަ ރޯދަ ވީއްލަން ހެދީ ކަނަމަދު ކޭކެއް. އެއީ ކަނަމަދު ކޭކު މަޝްހޫރުވި ދުވަސްކޮޅު. ގޭ އެންމެންނަށް ވެސް ވަރަށް މީރުވި. ރައްޓެހިން ބުނެގެންވެސް ހަދައިދޭން ފެށީ. އެގޮތަށް ގޮސް ފުޅާވީ." ފިރާ ކިޔައި ދިނެވެ.
ފިރާގެ ބޭކިންގެ ފެށުމަކީ ކަނަމަދު ކޭކެވެ. އޭނާގެ ބޭކިންގެ ވައްތަރުތަކުން އޭނާއަށް އެންމެ ޚާއްޞަ ކޮށްލެވޭ އުފެއްދުމަކީ ވެސް ކަނަމަދު ކޭކެވެ. ފިރާގެ ކަނަމަދު ކޭކުގެ ރަހަ ތަފާތުވާނެއެވެ. ރަހަ އެއް ގޮތެއްގައި ހިފެހެއްޓުމަށާއި އުފެއްދުންތަކުގެ ކޮލިޓީ ހިފެހެއްޓުމަށް ފިރާ ވަރަށް ސަމާލުކަން ދޭކަމެވެ.
ބޭކިންއަކީ މިހާރު ރާއްޖޭގައިވެސް ވާދަވެރި މަސައްކަތެކެވެ. އެހެންކަމުން މި ވާދަވެރިކަމުގައި ފިރާ ބޭނުންވީ އޭނާގެ ބޭކިންގެ ތަފާތު ދައްކާށެވެ. ފިރާގެ ބޭކިންގެ ޚިދުމަތް ހޯދަން ބޭނުންވާ މީހުންގެ އަތުގައި އޮންނަ ސްމާރޓް ފޯނާ ހިސާބަށް ޚިދުމަތް ފޯރުކޮށް ދިނުމަށެވެ. ކޮންމެ ތަނެއްގައި ހުރެގެން ވެސް މީސް މީޑިއާއިން ފިރާގެ ބޭކިންގެ އަޕްޑޭޓްސް ބަލާލެވޭނެއެވެ. އަދި އެޚިދުމަތަށް އެދެވޭނެއެވެ. އިންސްޓަގްރާމާއި ފޭސްބުކުން "ބޭކްސް ބައި ފިރާ" ބަލާލުމުން ފިރާގެ ތަފާތު ރަހަތަކުގެ ރީތި ނަލަ ކޭކުތަކާއި ބްރައުނީސްއާއި ޓޮފީވެސް ފެންނާނެއެވެ. ބޭކިންގެ ތަފާތު ބާވަތްތަކުގެ ތެރޭގައި ތަފާތު ހަފުލާ ތަކަށް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ތައްޔާރުކޮށްފައިވާ ބާވަތްތަކުގެ ފޮޓޯތައް ހުއްޓެވެ. ކުޑަކުދިނަށް އެންމެ ކަމުދާކަމަށް ވަނީ ތަފާތު ބާވަތްތަކުގެ ޓަވަރ ތަކެވެ. ބްރައުނީސް ޓަވަރެވެ. ޓޮބްލަރޯން ޓަވަރެވެ. ޓޮފީ ޓަވަރެވެ.
ފިރާގެ އުފެއްދުންތަކުގެ ތެރޭގައި ކަށިކެޔޮ ކޭކުވެސް ފާހަގަ ކޮށްލެވެއެވެ. އެންމެ މަސައްކަތް ބުރައީ ކަށިކެޔޮ ކޭކުކަން ފިރާ ފާހަގަ ކުރިއެވެ. އެންމެ އުދަނގޫ ކަމަކީ ކަށިކެޔޮ ލިޔުމެވެ. ކުރީއްސުރެ ދިވެހިން ކަށިކެޔޮ ލިޔާނީ އެކަމަށް ޚާއްޞަ ކޮށްފައިވާ ވަކި ކަހަލަ ވަޅިއަކުންނެވެ. ވަޅިއެއް އޮތަސް އެހުނަރު ނެތިއްޔާ ކަށިކެޔޮ ވެސް ލިޔަންވާ ގޮތަކަށް ނުލިޔެވޭނެއެވެ.
ފިރާގެ ބޭކިންގައި އެއިރެއްގެ ޓްރެންޑާ އެއްގޮތަށް އުފެއްދުންތައް ބަދަލު ކޮށްލައެވެ. ބަނާނާ ބްރެޑަކީވެސް މީހުންނަށް ވަރަށް ކަމުދާ އެއްޗެކެވެ. ފަހުގެ އުފެއްދުންތަކުގެ ތެރެއިން ކޮފީކޭކައި ވަޅޯމަސް ސްޕެގެޓީއަކީ ވެސް ކަސްޓަމަރުންނަށް ވަރަށް ކަމުދާ ވަރަށް އޯޑަރު ލިބޭ އެއްޗެއްކަން ފިރާ ފާހަގަ ކުރިއެވެ. ކަސްޓަމަރުންނަށް އޮތް އުފާވެރި ޚަބަރަކީ ބޭކަރީއަކާއެކު ކެފޭއެއް ހިންގުމަކީ ފިރާގެ މުސްތަޤްބަލުގެ ހުވަފެނެއް ކަމެވެ. އެ ހުވަފެން ހަޤީޤަތަކަށްވުމަކީ ކަސްޓަމްރުންގެ ވެސް އުއްމީދަކަށް ވާނެއެވެ.
ކޮވިޑާ ގުޅިގެން ގެނައި ލޮކްޑައުންއާއެކު ފިރާވެސް ވަނީ އޯޑަރު ނެގުން ހުއްޓާލައިފައެވެ. ރޯދަ މަހަކީ ފިރާގެ އުފެއްދުންތަކަށް އެންމެ ޑިމާންޑިން އެއް ދުވަސް ވަރެވެ. ނަމަވެސް މި ރޯދަމަހު ލޮކްޑައުންގެ ހިޔަނި މިވަނީ ފިރާގެ ބޭކިންއަށް ވެސް އެޅިފައެވެ.