ފައިސާތަކެއް ޗާޕްކޮށްގެން ނެރުމަކީ ނުރައްކާތެރިކަމެއްކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކުރުރާސްތާގައި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް މަރުކަޒީ ބޭންކުން ނެގޭނޭ ފައިސާގެ މިންވަރު އިތުރުކޮށް ދީ އެކަމަށް މަގު ފަހިކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފިނޭން މިނިސްޓަރ ހުށަހެޅި މައްސަލައާ މެދު ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން އަޅަން އުޅޭ ފިޔަވަޅުގެ ސަބަބުން މިހާތަނަށް ޓެކްސް ދައްކަމުން އައި ރައްޔިތުން، އިތުރަށް ނިކަމެތިވެ އަޑިއަށް ދާނެކަމަށެވެ.
ފިނޭންސް މިނިސްޓަރ އެދިވަޑައިގެންފައި ވަނީ 4.4 ބިލިއަނާ ހަމައަށް އިންޓަރެސްޓަކާ ނުލާ އެއް އަހަރު ދުވަހަށް ފައިސާ ނެގޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށެވެ.
"ދިވެހި ފައިސާގެ އަގު ވެއްޓިގެންދާނީ އޭގެ ސަބަބުން. އަޅުގަނޑުމެންގެ ފެއިލްވެފައިވާ އިކޮނޮމީ އެއްކޮށް ކޮލެޕްސް ވާތަން ފެންނާނީ. ދިވެހި ރައްޔިތުން އިތުރަށް ނިކަމެތިވާތަން ފެންނާނީ. ތަކެތީ އަގު މައްޗަށް ދާތަން ފެންނާނީ. އިންފޭލޭޝަން މައްޗަށް ހަބޭހަށް ދާތަން ފެންނާނީ. މިވަރުގެ ބޮޑު އަނދަވަޅަކަށް ވައްޓާލަން މަޖިލީހަށް މައްސަލައެއް ގެނެސް، ފާސްކޮށްލާށޭ ބުންޏަސް، އެގޮތަށް އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން އެކަމާ ދެކޮޅު. " ނައިފަރު ދާއިރާގެ މެމްބަރ ވިދާޅުވިއެވެ.
މިސަރުން ގެންދަނީ ދަރަނި ނަގާ ދަރަނި ދައްކަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އިންޓަރެސްޓެއް ނެތި އެމްއެމްއޭ އިން ފައިސާ ނެގުމަކީ ކިތަންމެ ރީތިނަމެއް ކިޔަސް ފައިސާ ޖެހުން ނުން ކަމަކަށް ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.
ދޮޅު އަހަރު ތެރޭގައި ރާއްޖޭގެ އިޤްތިޞާދު މެނޭޖް ނުކުރެވި، ދައުލަތަށް ގެއްލުންވާ ގޮތަށް އެތައްކަމެއް ކޮށްފައިވާކަން ފެންނަމުންދާކަމަށް ވެސް ނައިފަރު ދާއިރާގެ މެމްބަރ ވިދާޅުވިއެވެ. ޕޮރޮޖެޓްތައް ދިނުމުގައި އަމިއްލަ މަސްލަޙަތު ހިމެނޭ ކުންފުނިތައް އިސްކޮށް ދެމުންދާތަން ފެންނަކަމަށް ވިދާޅުވިއެވެ. ފިނޭންސް މިނިސްޓްރގެ މަސްލަޙަތު އޮންނަ ކުން ފުންޏަކަށް ވެސް އެފަދަ މަސައްކަތްތައް ދީފައިވާކަން ފާހަގަ ކުރެއްވިއެވެ.
އޭޕްރީމް މަހާ ހަމައަށް ބަރާރަށް ދައުލަތަށް ފައިސާ ލިބެމުން ދިޔަކަމަށާއި ނަމަވެސް އެޕްރީން މަހަށް ފަހު މުސާރަ ދެވޭނެ ވަރުވެސް ނެތްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވުމަކީ ކުއްލި އަކަށް ޝޮކެއް ގެނުވިކަމެއްކަމަށް މެމްބަރ ޝިޔާމް ވިދާޅުވިއެވެ.
މަޖިލީހުގެ ކޮމެޓީއެއްގައި އެމްއެމްއޭގެ ގަވަރުނަރާ ސުވާލު ކުރެއްވުމުން ފައިސާ ޗާޕްކުރެއްވުމަކީ އެމަނިކުފާނު ނުކުރައްވާނެ ކަމެއްކަމަށް ވިދާޅުވެފައި ވުމުން އެމައްސަލައި އެމްއެމްއޭގެ ގަވަރ ނަރވެސް އިސްތިއުފާ ދެއްވަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ފިނޭންމިނިސްޓަރާއި ޓޫރިޒަމް މިނިސްޓްރާ ފޮރިން މިނިސްޓަރ ވެސް އިސްތިއުފާ ދެއްވަން ޖެހޭ ލިސްޓްގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރ ހިމެނުއްވިއެވެ.
ރައީސާއި ނާއިބްރައީސް އިސްތިއުފާ ދެއްވުމަށްފަހު މަޖިލީހާ މަސައްކަތް ޙަވާލުކުރުމަށް ވެސް ނާފައިރު ދާއިރާގެ މެމްބަރ ގޮވާލެއްވިއެވެ.
ނާއިފަރު ދާއިރާގެ މެމްބަރާއި މާވަށު ދާއިރާގެ މެމްބަރ ވާހަކަ ދައްކަވަމުން ދިޔައިރު ނިޒާމީ ނުކުތާ ނަންގަވައިގެން ބައެއް މެމްބަރުން ވިދާޅުވީ އެމެމްބަރުން މަސައްކަތް ކުރައްވަނީ ރައްޔިތުން ބަޑަށް ޖައްސަން ކަމަށެވެ.
ސަރުކާރުން ބޭނުންވާ ގޮތަށް އެމްއެމްއޭ އިން ފައިސާ ނެގުމަށް މަޖިލީހުން ގޮތެއް ނިންމަން ޖެހޭނީ ވަރަށް ބޮޑަށް ވިސްނައިފައި ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވިދާޅުވިއެވެ. އެގޮތުން އެދިފައިވާ ޢަދަދާއި މުއްދަތާމެދު ވެސް ވިސްނަން ޖެހޭކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވިދާޅުވިއެވެ. ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިލްޔާސް ލަބީބް ވިދާޅުވީ އެއް އަހަރުގެ ބަދަލުގައި ހަމަސް ދުވަސް ދެއްވުމަށެވެ. އެ ހުށަހެޅުމަށް ބައެއް މެމްބަރުން ވަނީ ތާއީދުވެސް ކުރައްވައިފައެވެ.