ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ދޫފަރިތަ ވާހަކަދެއްކުންތެރިއެކެވެ.
އޭނާ ޝާކިރުގެ ޝުޢޫރުގެ މައިގަނޑު ސުރުޚީގެ ދަށުން ހެއްދެވި ޅެންތަކަކީ ވަރަށް ބޮޑަށް މަގުބޫލު ވެގެން ދިޔަ ޅެންތެކެވެ. ސިޔާސީ ބައެއް ކުލަވަރު ހުންނަ ކަމަށް ފެނުނު ބައެއް ޅެންތަކާ ހެދި ދައުލަތުގެ ކޮއްތު ފަރީއްކުޅުއްވާންވެސް ޖެހިވަޑައިގެންފައިވެއެވެ.
ޝާކިރު ކޮންމެ ދުވަހަކު "ބާއްޖަވެރި ހެނދުނެއް" ގެ ނަމުގައި ޅެން ބައިތެއް ހައްދަވައި ފޮޓޯއަކާއެކު މީސްމީޑިއާ އާ ހިއްސާ ކުރައްވާތާ އެތައް އަހަރެއް ވެއްޖެއެވެ. މި ޅެންބައިތު ކޮންމެ ދުވަހަކު ހަތްސަތޭކައެއްހައި ބޭފުޅުންނަށް ޝާކިރު ފޮނުއްވައެވެ. ފޮނުއްވާ ޅެންބައިތުތަކުން ސަތޭކަ ބައިތު އެއްކުރައްވައި "ދުވަހުގެ ޝުޢޫރު 1" ގެ ނަމުގައި ވަނީ ނެރުއްވައިފައެވެ.
ޝާކިރު ކޮންމެ ރޯދަ މަހަކު ކުރައްވާ އެހެން ކަމެއްވެސް އޮވެއެވެ. އެއީ އާއިލާގެ މެންބަރުން ހިމެނޭ ގޮތަށް ހަދައިފައި އޮންނަ މީސްމީޑިއާ ގްރޫޕެއްގައި ސުވާލާއި އަރަތުގެ މުބާރާތެއް ހިންގެވުމެވެ. މިއީވެސް ފާއިތުވީ ދެތިން އަހަރެއްގެ ތެރޭގައި މެދުނުކެނޑި ކުރައްވާ ކަމެކެވެ. ރޯދަމަސް ނިމުނީމާ އެންމެ ގިނަ ސުވާލު ރަނގަޅު ކުރާ މީހަކަށް އެކަށީގެންވާ އިނާމެއްވެސް ދެއްވައެވެ. މީގެ އިތުރުން ކޮންމެ ހުކުރު ދުވަހަކު އާއިލީ ސުވާލު މުބާރާތް ބާއްވަވާތާ ވެސް އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
"ބޭނުމަކީ އާއިލާގެ މެންބަރުންގެ މެދުގައި އެކުވެރިކަމާއި ގާތްކަން ދެމެހެއްޓުން. އަޅުގަނޑުމެންނަކީ އަބަދުވެސް ވަރަށް އެކީގައި އުޅޭ ބައެއް. އެހެންވީމާ ގާތްކަން ކެނޑިގެން ނުގޮސް އޮންނާނޭ ގޮތް ހަދާން ބޭނުންވާތީއާއި ފޫހިފިލުވައިލުމުގެ ބޭނުމާވެސް އެކު އަޅުގަނޑު ކޮންމެ އަހަރަކު ރޯދަ މަހު މިފަދަ މުބާރާތެއް ބާއްވަން. މިއީ ޚާއްސަކޮށް މި ރޯދަމަހު ކޮންމެ އާއިލާއަކުންވެސް ކުރަން ރަނގަޅު ކަމެއް ކަމަށް ފެނޭ. އެންމެން ގޭގައި ބަންދު ވެގެން ތިބޭއިރު ހިތްހަމަޖައްސައިލުމުގެ ގޮތުން ކުރެވޭ ފައިދާކުރުވަނިވި ކަމަކަށް ވާނެ." ޝާކިރު ވިދާޅުވިއެވެ.
ޙަސަން ޝާކިރަކީ އޭނާ ކުރައްވާ ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއެކު މެދުކަނޑުއްވައި ނުލައްވައި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާއަކީ މިހާރުވެސް ދެ ޖަމްޢިއްޔާއެއްގެ ހިންގާ ކޮމިޓީގައި ހީވާގިކަމާއެކު ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭގެ ތެރެއިން އެއް ޖަމްޢިއްޔާއަކީ ލިޔުންތެރިންގެ ގުޅުމެވެ. ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓް ގަވާއިދުން ކޮންމެ ރެޔަކު އަދާހަމަ ކުރެއްވުމަކީ އޭނާ މެދުނުކެނޑި ކުރައްވާ އެއް މަސައްކަތެކެވެ.
ޝާކިރު ސަރ އަޅުގަނޑާ ދިމާވީ ކޮންމެ ދުވަހަކު ހައްދަވާ މީސްމީޑިޔާއަށް ދޫކުރައްވަން ފެއްޓެވި ޅެންބައިތުގެ ޒަރިއްޔާއިން. އެގުޅުންމިހާރުވަނީ ވަރަށްބޮޑަށް ބަދަހި ވެގެން ގޮސްފައި. އެއީ މިހާރު އަޅުގަނޑުގެ ބޭބެއެއްގެ ގޮތުގައި ދެކެމުން އަންނަ ވަރަށް ޚުލްޤު ހެޔޮ ބޭފުޅެއް. ކޮންމެ ދުވަހެއް ފަށަނީ އެބޭފުޅާގެ ޅެންބައޮތުން ދެއްވާ އަގުހުރި ނަސޭޙަތުގައި ހިފައި ހިތްވަރު ލިބިގެން. ހޭލާ ގޮތަށް އެންމެ ފުރަތަވެސް ބަލާލެވެނީ ސަރ ގެ މެސެޖް ލޮބިފަ އިންތޯ. ޝުކުރިއްޔާ ސަރ