ކޯވިޑް-19ގެ ވަބާއިން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ވެވެން އޮތް ހުރިހާ ގުރްބާނީ އެއް ދިވެހި ސިފައިން ވަމުން ގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ސިފައިންގެ އަހަރީދ ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވި ގޮތުގައި ރާއްޖެ ވެސް ކޯވިޑް-19ގެ ވަބާއާއި ކުރިމަތިލާން ޖެހިފައިވާ އިރު ސިފައިން ބޮޑެތި ގުރްބާނީތަކެއް ވަމުން ގެންދަވާ ކަމަށެވެ. ރައްޔިތުންނާއި ގައުމަށްޓަކައި އާއިލާ އާއި ދުރުގައި ތިބެ ސިފައިން ކުރަމުން ގެންދާ ގިނަ މަސައްކަތްތަކެއް ޝަމާލް ފާހގަކުރެއްވިއެވެ. އެގޮތުން އެންމެ އިސް ސަފުގައި ތިބެ، ހަޢްޓާއި ފުރާނައަށް ނުރައްކާހުރި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
"ކޯވިޑް 19 އިން މި ވަބާއިން ރައްޔތުން ސަލާމަތް ކުރުމަށްޓަކައި ދިވެހި ސިފައިން ވެވެން އޮތް ހުރިހާ ގުރުބާނީއެއް ދަނީ ވަމުން. އެންމެ ފަހު މީހާއާ ހަމައަށް ވެސް ސިފައިން ދާނީ މަސައްކަތް ކުރަމުން. އެނގިވަޑައިގަންނަވާނެ ފަދައިން އެންމެ ރިސްކީ މަސައްކަތް ތަކުގައި ސިފައިން ދަނީ އެކްޓިވްކޮށް އިންވޯލްވް ވެގެން މަސައްކްތަކުރަމުން. އޭގެ ތެރޭގައި ފީލްޑް ފަސްޓް ރެސްޕޯންޑާރސްގެ ގެގޮތުގައި އާއި އަދި ވަކިން ޚާއްސަކޮށް ބަލި މީހުން ޓްރާންސްޕޯޓޫކުރުމާއި ފެސިލީޓީތައް މެނޭޖް ކުރުމަށާއި ފެސިލިޓީތައް ތައްޔާރުކުރުމަށާއި، މިކަހަލ ކިތަންމެ މަސައްކަތެއްގެ ސިފައިން މި ގެންދަނީ ހަރަކާތްތެރިވަމުން." ޝަމާލް ވިދާޅުވިއެވެ.
އަދި އޮޕަރޭޝަނަލް ލޮޖިސްޓިކްސްގެ އާ ހަވާލުވެ ތިބެ ގިނަ ކަންތައްތަކެއްގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުން ދާކަން ފާހަގަކުރެއްވިއެވެ.
ޝަމާލް ވިދާޅުވިގޮތުގައި ސިފައިންގެ 128ވަނަ އަހަރީ ދުވަސް ފާހަގަކުރާ މި ދަނޑިވަޅަކީ މުޅި ދުނިޔެއަށް ވެސް އަދި ރާއްޖެއަށް ވެސް ވަރަށް ހިތާމަވެރި ވަގުތެއް ކަމަށެވެ. ރާއްޖެވެސް އެވަބާ އާ ކުރިމަތިލާން ޖެހިފައިވާ ކަން ފާހަގަކުރައްވައި، އެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ އެންމެހައި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ޝުކުރު އަދާކުރެއްވިއެވެ.