އިންޑިޔާގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިން ކޮވިޑް- 19 އަށް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުން ދާތީ އިންޑިޔާގައި ބަލި އިތުރަށް ފެތުރިދާނެކަމުގެ ކަންބޮޑުވުން އުފެދިއްޖެއެެެވެ.
މުމްބާއީގެ މަޝްހޫރު ހޮސްޕިޓަލެއް ކަމުގައިވާ ޖަސްލޮކް ހޮސްޕިޓަލުގެ 36 ސިއްހީ ޚިދުމަތްތެރިއަކު އިއްޔެ ވަނީ ކޮވިޑް- 19 އަށް ޕޮޒިޓިވް ވެފައެވެ. އެމީހުންގެ ތެރޭގައި ގިނައީ ނަރުހުންނެވެ. މީގެ ކުރިން އެ ހޮސްޕިޓަލުގެ 21 މުވައްޒަފަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
އިންޑިޔާގެ ވިޔަފާރީގެ މަރުކަޒު މުމްބާއީގެ ބޮޑު އެހެން ހޮސްޕިޓަލެއް ކަމުގައިވާ ވޮކްހާޓް ހޮސްޕިޓަލުގެ 26 ސިއްހީ ޚިދުމަތްތެރިއަކު ވަނީ ހޮނިހިރު ދުވަހު ކޮވިޑް- 19 އަށް ޕޮޒިިޓިވް ވެފައެވެ. އެ ހޮސްޕިޓަލުގެ 54 މީހަކު ވަނީ މީގެ ކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއީ މުމްބާއީގައި އެންމެ ގިނަ ސިއްހީ ޚިދުަމަތްތެރިން ޕޮޒިޓިވް ވި ހޮސްޕިޓަލެވެ.
ހޮސްޕިޓަލްތަކުގެ ގިނަ އަދަދެއްގެ މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވް ވާ މައްސަލަ ސިފަކުރައްވަމުން، މުމްބާއީގައި މި ބައްޔާ ހަނގާމަކުރުމުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅަކު ކަމުގައިވާ، ކްލިނިކަލް ނާސިންގ ރިސާޗް ސޮސައިޓީގެ ރައީސު ސްވާތީ ރާނޭ ވިދާޅުވީ މިއީ "އޮޅުން ބޮޅުން ބޮޑު" މައްސަލައެެއް ކަމުަގައެވެ.
"މިހާރު ބަލި ފެތުރެމުން މިދަނީ ކޮވިޑް- 19 ވޯޑްތަކަކުން ނޫން. ކޮވިޑް- 19 ނޫން ވޯޑްތަކުންނާއި، އޮޕަރޭޝަން ތިއޭޓަރުތަކުންނާއި، އެމަޖެންސީ ޑިޕާޓްމަންޓުތަކުން." ރާނޭ ވިދާޅުވިއެވެ.
"އެތަންތަނުގައި މަސައްކަތްކުރާ މީހުން ކޮވިޑް- 19 ވޯޑްތަކުގައި މަސައްކަތްކުރާ މީހުން ފަދަައިން ޒާތީ ޝަޚުސީ ރައްކާތެރިކަމުގެ އާލާތް (ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް- ޕީޕީއީ) ބޭނުން ނުކުރޭ. އެމީހުން ވަނީ ނުރައްކަލަށް ހުށަހެޅިފައި. އެމީހުން އެން-95 މާސްކުވެސް ބޭނުންނުކުރޭ." އޭނާ އިތުރަށް ވިދާޅުވިއެވެ.
މުމްބާއީގައި ކޮވިޑް- 19 އަށް ޕޮޒިޓިވް ވި ސިއްހީ ޚިދުމަތްތެރިންގެ އަދަދު 200 އަށް އަރާފައި ވާއިރު، ކުރިން ބުނެވުނު ދެ ހޮސްޕިޓަލުގެ އިތުރަށް ސިއޮން ހޮސްޕިޓަލާއި، ނައިރް ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުންނާއި، ބޮމްބޭ ހޮސްޕިޓަލުގެ ބައެެއް މުވައްޒަފުންވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
އިންޑިޔާގައި ކޮވިޑް- 19 ހަލުވިކޮށް ފެތުރެމުން ދާއިރު، އެގަމުގައި މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 17 ހާހަށް އަރާފައެވެ. އަދި އެގައުމުން މި ބަލީގައި 550 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ދުނިޔޭގައި މިހާތަނަށް 2.4 މިލިއަނަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، 1 ލައްކަ 65 ހާހަށްވުރެ ގިނަ މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.