
އައްޑޫސިޓީން ކޮވިޑް-19 އަށް ޓެސްޓްކުރި މީހާ އެބައްޔަށް ނެގެޓިވް ވެއްޖެ އެވެ. އެހެންނަމަވެސް އޭނާގެ އިތުރު ޓެސްޓެއް އަދި ހަދާނެ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވިއެވެ.
ޝަރަފް ވިދާޅުވީ އެ ސާމްޕަލް މިރޭ ނަގާނެ ކަމަށެވެ. އޭގެ އިތުރަށް ޝައްކު ކުރެވޭ އެހެން މީހެއްގެ ސާމްޕަލް ވެސް މިރޭ ނެގުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫއިން ޓެސްޓްކުރި މީހަކީ މާލެއިން އެބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓުވެފައިވާ މީހެކެވެ. އެމީހާ އައްޑުއަށް އައިސްފައިވަނީ މާލެއިންނެވެ. އޭނާ އައި ފުލައިޓުން ދަތުރުކުރި މީހުން ވެސް ތިބީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.
ޝަރަފް ވިދާޅުވީ އައްޑޫން ނެގި ސާމްޕަލް ނެގެޓިވް ވިޔަސް އެއީ ހިތްހަމަ ޖައްސާލަންޖެހޭ ކަމެއް ނޫންކަމަށާއި އެންމެވެސް މި ބަލިން ރައްކާތެރިވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދިއުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.