ކޮވިޑް 19 އިން ރައްކާތެރިވުމަށް ކުރަންއޮތް ކަމަކީ ފަރުދީ ޒިންމާ އަދާކުރުން: ރައީސް

ކޮވިޑް 19 އިން ރައްކާތެރިވުމަށް ކުރެވެންއޮތް އެންމެ މުހިންމު ކަމަކީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރުން ކަމަށް ރައީސް އިބްރާހީމުޙައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގައުމާ މުޚާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. "މި ބަލިން ރައްކާތެރިވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ، ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ އަދާކުރެއްވުން. އެގޮތުން ސިއްޙީ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައި، ޢާންމު ސާފުތާހިރުކަމަށް މިދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދެއްވުމަކީ ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އޭގެ އިތުރުން އެބައްޔަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެ ކަމަށްވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ގުޅައި ރިޕޯޓު ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އޭގެ އިތުރަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިގެން އެކަހެރި ކުރެވޭ މީހުންނަށް ދޭ އިރުޝާދުތައް ތަންފީޒުކުރުމަކީވެސް މުހިންމުކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެގޮތަށް ހިނގާތޯ، ކަމާގުޅޭ އިދާރާތަކުން ބަލަމުންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އޭގެ އިތުރުން، މި ބަލި ބޮޑަށް ފެތުރެމުންދާ ގައުމުތަކަށް ދިޔުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މިހާރުވާނީ އިއުލާނުކޮށްފައި. އަދި މި ބަލި ބޮޑަށް ފެތުރެމުންދާ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަގުތީގޮތުން މިދަނީ މަނާކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައިވާ 8 މީހަކު ފެނިފައެވެ. އިތުރަށް މިބަލި ފެތުރުނަ ނުދިނުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އަޅަންޖެހޭ ފިޔަވަޅު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ގެދަވަނީ އަޅުއްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.