ކޮވިޑް 19 އާ ގުޅިގެން ވަޒީފާއިން ވަކިކޮށް މުސާރައާއި އެލަވަންސަށް ބަދަލެއް ގެނަޔަސް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރަށް ރިޕޯރޓް ކުރުމަށް އެމިނިސްޓްރީން އެދިއްޖެއެވެ. އެމިނިސްޓްރީން އެކަމަށް އިޢްލާންކޮށްފައި މިވަނީ ކޮވިޑް 19 އާ ގުޅިގެން މުޅިދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ހީނަރުކަމާ ގުޅިހެން އަޅާފިޔަވަޅެއްގެ ގޮތުން ބައެއް ކުންފުނިތަކުން މުވައްޒަފުންގެ ޢަދަދު މަދުކޮށް މުސާރައިގެ އުނިކަމެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ.
ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާ އިކޮނިމިކް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދީ އެހެން މަސައްކަތްތަކަށް ވެސް ހީނަރުކަން އައިސްފާކަން ވަނީ ފާހަގަ ކުރައްވައިފައެވެ. ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އިޢުލާން ކިރެއްވި 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖަށް އިޝާރާތްކުރައްވައި އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ ވިޔަފާރިތަކަށް ކޭޝް-ފްލޯ ފައިނޭސިން ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން އަޅަމުންދަނީ ވަޒީފާތައް ދެމެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.
ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާކަމަށްބުނެ ބައެއް އަމިއްލަ ފަރާތްތަކުން ހުށަހަޅައިފައިވާ މައްސަލަތައް ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ވަނީ ތަހްޤީޤްކުރަން ފަށައިފިއެވެ. މުވައްފުން ވަޒީފާއިން ވަކި ކުރުމުގެ އިތުރުން މުސާރަ ނުލިބޭގޮތަށް ގޭގައި ހުރުމަށް ވެސް ބައެއް މުވައްޒަފުންނަށް އަންގަމުންދާކަމުގެ މައްސަލަތައް ވެސް ބައެއް އަމިއްލަ ފަރާތްތަކުން އެ ކޮމިޝަނަށް ވަނީ ހުށަހަޅައިފައެވެ. އެމައްސަލަތައްވެސް ގެންދަނީ އެޗްއާރުސީއެމް އިން ތަޙްޤީޤްކުރަމުންނެވެ.
ކޮވިޑް 19 ގެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ތަޢާރަފްކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނިމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރީތަކަށް ވާރކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތައް ބައެއް ބޭންކްތައް މެދުވެރިކޮށް ހޯދައި ދިނުމަށް ވަނީ ނިންމާފައެވެ. ލޯނުދޫކުރުމަށް ނިންމަވައިފައި ވަނީ ހަ ޕަސަންޓް ގެ އިންޓަރެސްޓާއެކު ތިން އަހަރުން އަނބުރާ ދައްކާގޮތަށް ހަމަމަހުގެ ގްރޭސް ޕީރިއެޑަކާއެކުގައެވެ. މި ޕެކޭޖްގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާރިތައް ހީނަރުވުމުގެ ސަބަބުން ދިވެހިންގެ ވަޒިފާ ގެއްލުމުގެ ފުރުޞަތާއި ޕްރައިވެޓް ސެކްޓަރގެ މުސާރަތައް ކުޑަކުރުމަށް އޮވެދާނެ ފުރުޞަތުތައް ކުޑަކުރުންކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެ ފައެވެ. ލޯނު ނަގާ ވިޔަފާރިތަކުން އެކަން ކަށަވަރު ކުރަންޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ނަގައިފައިވާ ލޯނުތައް އަދާކުރުމަށް ހަމަސް ދުވަހުގެ ލުޔެއް ފޯރުކޯށް ދެއްވުމަށްވެސް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ލޯންތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ރޭޓް ހަމަސް ދުވަހަށް ލަސްކޮށް ދިނުންހިމެނެއެވެ.
ސަރުކާރުގެ މާލީ އެހީތެރިކަން ނުހޯދާ ވިޔަފާރިތަކުން ވަޒީފާގެ ފުރުޞަތު ގެއްލޭ ދިވެހިންނަށް ވެސް ސަރުކާރުން ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން އިކޮނިމިކް މިނިސްޓަރ ވަނީ ދެއްވައިފައެވެ.