ކޮވިޑް-19 ގެ ބަލި މީހަކު އެންމެ ފުރަތަމަ ރާއްޖެއިން ފެނުނު ކުރެއްދޫ ރިސޯޓުން ނަގަންޖެހޭ ސާމްޕަލް ތަކުގެ ތެރެއިން މިހާތަނަށް 340 ސާމްޕަލް ނަގައިފި ކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާމު މުޙައްމަދު މަބްރޫކް ޢާބްދުލްޢަޒީޒު މިރޭ ވިދާޅުވެއްޖެއެވެ.
އެރިސޯޓުން އެހާ ގިނަ ސާމްޕަލްތައް ނަގަނީ 28 ދުވަހަށް އެރަށް ބަންދުކޮށްފައި ބޭއްވުމަށްފަހު އެރަށުގައި ތިބި މީހުން ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ގޮތުންނެވެ. އެއީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެޗުޕީއޭއިން ކުރައްވާ ކަމެކެވެ.
މަބްރޫކް ވިދާޅުވީ ވަރަށްގިނަ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ. އެގޮތުން ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލުމަށް 8 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ގްރޭންޑް ޕާކް ކޮށްދިއްޕަރު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވުނު ބިދޭސީ މީހާގެ ދެ ސާމްޕަލް ނެގެޓިވް ވުމުން މިހާރުވަނީ އެރަށް ވެސް މޮނިޓަރިންގެ ހާލަތުން ނެގިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިއަދު ހެނދުނާ ހަމައަށް ވަނީ ޖުމަލް 2899 މީހެއްގެ ސާމްޕަލް ނެގިފައެވެ. އޭގެ ތެރޭގައި ކުރެއްދޫ އިން ނެގި ސާމްޕަލްތައް ނުހިމެނެއެވެ. މިހާތަނަށް ރާއްޖެއިން ވަނީ 20 މީހަކު ޕޮޒިޓިވް ވެފައެވެ. 2696 މީހުން ނެގެޓިވްވެފައިވެއެވެ. ނަތީޖާ ނުލިބި އަދި 183 ސާމްޕަލް ލެބްގައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އައިސޯލޭޝަން ފެސިލިޓީތަކުގައި 11 މީހުން އެބަތިބި ކަމަށާއި، ކަރަންޓީން ފެސިލިޓީތަކުގައި 962 މީހުން އެބަތިބި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. މިއަދު 9 މީހަކު ވަނީ ކަރަންޓީން ފެސިލީޓީ ތަކުން ދޫކޮށްލައިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމީހުންނާއެކު ޖުމްލަ މިހާތަނަށް 853 މީހަކު ވަނީ ކަރަންޓީން ފެސިލިޓީތަކުން ދޫކުރެވިފައެވެ.