
ކޮވިޑް-19 ޝައްކު ކުރެވިގެން ހުޅުމާލެއިން ފަރުކޮޅު ފެސިލިޓީއަށް ގެންދިޔަ ދިވެހި މީހާގެ އެބައްޔަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެމީހާގެ ޓެސްޓް ހަދައި އޭގެނަތީޖާ އެޗުޕީއޭ އިން ހާމަކުރެއްވީ ދެންމެއެވެ. "ހުޅުމާލެއިން ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރި ކުރެވުނު ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ވަނީ ކޮވިޑް 19 އަށް "ނެގެޓިވް" ވެފައި،" އެތަނުން ކުރައްވާފައިވާ ޓުވީޓުގައި ވެއެވެ.
މި ދިވެހި މީހާ އަކީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީ މީހާގެ "ކްލޯސް ކޮންޓެކްޓް" އެއްގެ ގޮތުގައި ފާހަގަކުރެވިގެން ޓެސްޓްތައް ހަދައި މޮނިޓަރ ކުރުމަށް އެކަހެރި ކުރި މީހެއްކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ވަނީ އެބަލީގެ 13 މީހުން ފެނިއެވެ. އިތުރު މީހުން ޓެސްޓްކުރުމާއި މޮނިޓަރ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުންދަނީ ކުރަމުންވެ.