ކޮވިޑް- 19: ކޮރޯނާ ވައިރަސްގެ މައްސަލަ ސިޔާސީ ނުކުރައްވާ: ގެބްރަޔޭސަސް

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ގ

ކޮވިޑް- 19 ޖައްސާ ނޮވެލް ކޮރޯނާ ވައިރަސްއާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަކުރަމުން ދާއިރު، އެކަން ސިޔާސީނުކުރެއްވުމަށް ދުނިޔޭގެ ލީޑަރުންނަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ އެ ބަލީގައި މަރުވާ މީހުން ގިނަވުން ނޫންކަމެއް އެކަމުން ނުވާނެ ކަމުގައެެެވެ.

ގެބްރަޔޭސަސް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ޑަބްލިޔުއެޗްއޯއަށް ފާޑުވިދާޅުވެފައިވާތީ، އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުވުމަށް އިއްޔެ ޑަބްލިޔުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެދުމުންނެވެ.

"ހަގީގަތަށް ބަލާއިރު، އާއްމުންނަކީ ހުރިހާ ސިޔާސީ ޕާޓީއަކަށް. ހުރިހާ ސިޔާސީ ޕާޓީއެއްގެ އަމާޒަކަށް ވާން ވާނީ އެމީހުންގެ އާއްމުން ސަލާމަތްކުރުން. މި ވައިރަސް ސިޔާސީ ނުކުރައްވާ..... މީހުން އިތުރަށް މަރުވާން ބޭނުންފުޅު ނޫންނަމަ، މިކަން ސިޔާސީ ކުރެއްވުމުން ދުރުހެލިވެވަޑައިގަންނަވާ." ނުސީދާގޮތުން ރައީސު ޓްރަމްޕްއަށް އިޝާރާތްކުރައްވަމުން ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

ޑިރެކްޓަރ ޖެނެރަލް ވަނީ ޑަބްލިޔުއެޗްއޯއިން ކޮރޯނާ ވައިރަސްއާ ކޮށްފައިވާ މަސައްކަތްތައް ވެސް ފާހަގަކުރައްވާފައެވެ.

"އަހަރުމެން މިދަނީ އަަހުރުމެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރަމުން. އަހަރުމެން ކުރިންވެސް ކުރަމުން އައި ގޮތަށް ރެއާ ދުވާލު މަސައްކަތްކުރަމުން ގެންދާނަން."ގެބްރައޭސަސް ވިދާޅުވިއެވެ.

'މިއީ އެެއްބަޔަކު އެނެއް ބަޔަކަށް އިނގިލި ދިއްކުރަންވީ ވަގުތެއް ނޫން. އަހަރުމެން އެކުވެރިވާންވީ ވަގުތު." ކޮރޯނާ ވައިރަސްއާ ދެކޮޅަށް އެމެރިކާއާއި ޗައިނާ ގުޅިގެން މަސައްކަތްކުރުމަށް ގޮވައިލައްވަމުން އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.