1.3 ބިލިއަން ރުފިޔާގެ ލޯނަށް އެދި އެސްއެމްއީ ބޭންކަށް ހުށަހަޅައިފައިވޭ: ރައީސް

ފަންނުއެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް

އެސް.އެމް.އީ ބޭންކެއް ޤާއިމުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށިފަހުން މިހާތަނަށް 1.3 ބިލިއަން ރުފިޔާގެ ލޯނަށް އެދި އެ ބޭންކަށް އެކިފަރާތްތަކުން ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ފަންނު އެކްސްޕޯ" ހުޅުވި ރަސްމިއްޔާތު މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެ 1.3 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް، އެ ބޭންކުން ނިންމައި، ބައެއް ފަރާތްތަކަށް މިހާރު ވަނީ އެ ފައިސާ ދޫކުރައްވާފައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިއިން އެނގެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ޙަޤީޤަތުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވެފައިވާކަން. އެފަދަ ވިޔަފާރިތައް ހިންދެމިލުމަށް އިޤްތިޞާދީ ދާއިރާގެ ތަރައްޤީގެ ތެރެއިން ޖާގަ ހޯދައިދޭން އެބަޖެހޭ. އެކަމަށްޓަކައި ސަރުކާރުންވެސް މި އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، އެފަދަ ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް، ސަރުކާރު ކަމާގުޅޭ އިދާރާތަކުން ވަރަށް ބާރަށް ކުރަމުން އެބަގެންދޭ،" ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތްތަކުގެ ތެރެއިން މި ދެންނެވި މަސައްކަތުގެ ތެރެއިން، އަންނައަހަރު ތެރޭގައި އެސް.އެމް.އީ ބޭންކް މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިދޭ އެހީތެރިކަމުގެ ފައިދާ އަޅުގަނޑުމެންނަށް އިޤްތިޞާދުން ވަރަށް އަވަހަށް ފެނިގެންދާނެ. އަދި މިފަދަ މައުރަޒުތައް ބާއްވައިގެން، އެފަދަ ވިޔަފާރިތަކަށް ރަނގަޅު މާކެޓެއް ހޯދައިދެވިއްޖެއްޔާ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ފައިދާކުރާނެކަން ޔަޤީން. މިފަދަ މައުރަޒުތަކުން، ރާއްޖޭގައި ތިބި ހުނަރުވެރި މަސައްކަތްތެރީންގެ މަސައްކަތްތައް، އާންމުކޮށް އެއް ތަނަކުން ފެނި، އެފަދަ އުފެއްދުންތަކަށް ހަމަ އަގު ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ގާތްގަނޑަކަށް 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކަމަށެވެ. ނަމަވެސް، އެ ބާވަތުގެ ވިޔަފާރިތައް، ރާއްޖޭގެ އިޤްތިޞާދުގައި އެކަށީގެންވާ ގޮތެއްގައި، އަދިވެސް ޝާމިލް ނުކުރެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވުރެ، ރަޖިސްޓްރީ ނުކޮށް ހިންގާ އެ ބާވަތުގެ ވިޔަފާރިތައް މާގިނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިދެންނެވި ބާވަތުގެ ވިޔަފާރިތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި އެބަ ހިނގާ. އަދި ފަރުދުންގެ ޖީބަށް ސީދާގޮތެއްގައި ފައިސާ ވަންނަ، އެންމެ ފުޅާ ދޮރާއްޓަކީވެސް، މި ދެންނެވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް. އެ ބާވަތުގެ ވިޔަފާރިތައް ކިތަންމެ ގިނަޔަސް، އެފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމުގައި ވަރަށް ގިނަ ހުރަސްތަކެއް އެބަ ކުރިމަތިވޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެޒާތުގެ ވިޔަފާރިތަކުގެ ނާޒުކުކަމުންނާއި، ހަރުދަނާ އެކައުންޓިން ނިޒާމުތަކެއް ނެތުމުން، ބޭންކުތަކުން ލޯނުދޭން ފަސްޖެހުމަކީ، އެފަދަ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އޭގެއިތުރަށް އަމިއްލަ އުފެއްދުންތައް ރާއްޖެއާއި ބޭރު ޤައުމުތަކުގެ ބާޒާރަށް ރަނގަޅަށް މާކެޓްކުރާނެ ފުރުޞަތު ވެސް ނެތްކަމަށާއި އެއީ ވެސް ޙައްލުކުރަން ޖެހިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ އެތައް ހުރަސްތަކާހެދި އަމިއްލަ އުފެއްދުންތެރިކަމުގެ އިތުރަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވޭނެ ރަނގަޅު އޮނިގަނޑެއް ވެސް ނެތުމުގެ ސަބަބުން، އިޤްތިޞާދަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށެވެ. ރަނގަޅު ނަފާ ލިބި އަދި ދެމެހެއްޓެނިވި ގޮތެއްގައި، އެފަދަ ވިޔަފާރިތައް ނުހިންގެނީ އެތައް ސަބަބުތަކެއް ހުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.