އިންތިޚާބީ މަޤާމަކަށް ރައީސް ޞާލިޙް މެމްބަރުން އައްޔަނެއް ނުކުރައްވާނެ: ރައީސް ނަޝީދު

އިންތިޚާބީ މަޤާމަކަށް ރައީސް ޞާލިޙް މެމްބަރުން އައްޔަނެއް ނުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާ ލެއްވުމުގެ ކުރިން ކައުންސިލްތަކުގެ ދައުރު ހަމަވަން ވާއިރަށް ގެންނާނެ ޙައްލަކާ ގުޅޭގޮތުން މަޖިލީހުގައި ކުރެވުނު ބަހުސްގައި މެމްބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދަކަވަމުންނެވެ. ކައުންސިލްތަކުގެ މުއްދަތު ހަމަވުމުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެމްބަރުންގެ ގޮތުގައި އެމެމްބަރުން ނުވަތަ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ބައިތިއްބައިގެންވެސް ކައުންސިލްތައް ހިންގިދާނެ ކަމަށް ބައެއް މެމްބަރުން ވަނީ ޚިޔާލު ފާޅުކުރައްވައިފައެވެ.

"އަޅުގަނޑު ދަންނަ ރައީސުލް ޖުމްހޫރިއްޔާއެއް، އަޅުގަނޑު ދެކޭ ގޮތުގައި އިންތިޚާބީ މަޤާމުތަކަކަށް މީހުނެއް އައްޔަންނެއް ނުކުރާނެ. އިންތިޚާބީ މަޤާމަށް މީހުން އައްޔަން ކުރުމަކީ ވަރަށް އުދަނގޫ ކަމަކަށް ވާނެ. ޚާއްޞަ ގޮތެއްގައި ޑިމޮކްރެޓިކް އެއްވެސް އުޞޫލެއްގައި ޤަބޫލުކުރެވޭނެކަމެއް ނޫން. އަޅުގަނޑު ހިތުގެ އަޑިން ޤަބޫލުކުރަނީ، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަކީ ޑޮމޮކްރަސީގެ ލާމަސީލް މިސާލެކޭ." ރައީސް ޞާލީޙާ ބެހޭގޮތުން، ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ މަޖިލީގައި ކުރެވުނު ބަހުސް ތަކާގުޅިގެން، ކައުސިލްތަކުގެ ދައުރު ހަމަވާއިރަށް މައްސަލައަށް ހައްލެއް ހޯއްދެވުމަށް ހެންވޭރު ހުނޅަގު ދާއިރާގެ މެމްބަރ ޙަސަން ލަޠީފް ހުށަހެޅުއްވި ބިލަކީ ވެސް ޤާނޫނުއަސާސީއާ ޚިލާފު ބިލެއްކަމަށް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެދާނެކަމަށެވެ. ޙަސަންލަތީފަކީ ވެސް ޤާނޫނީ ވަކީލެއްކަމަށާއި އަދި މެމްބަރ ޙަސަންނަކީ ޤާނޫނުއަސާސީ ޑްރާފްޓްކުރުމުގައާއި ލިޔުމުގައާއި ހުރިހާ ކަމެއްގައި "ބޮޑު ކާތިބަކަށް" އުޅުއްވި ބޭފުޅެއްކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތައްއަރާ އެއްޗަކީ، ކޮންވަޑިއެއް ކައިރިއަށްތޯ އަޅުގަނޑު ދާންވީ. ތުނޑު ހުރި އެއްވެސް ވަޑިއެއް އެބަހުރިބާއޭ. އިއްޒަތްތެރި މެމްބަރުންގެ ވަޅީގެ ތުނޑު ހުންނާނެ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކުގެ މުއްދަތު ހަމަވާން ވާއިރަށް ވިސްނުން ތެރިކަމާއެކު އެމައްސަލައަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް ރައީސް ނަޝީދު މެމްބަރުންގެ އަރިއަހުން އެދި ވަޑައިގެންނެވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމައްސަލައިގައި އެމަނިކުފާނު ބޭނުންފުޅުވާ ވަކި ގޮތެއް ނެތްކަމަށެވެ. މެމްބަރުން ނިންމަވާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށެވެ.

ކައުންސިލްގެ ދައުރުގެ މުއްދަތާމެދު ގޮތެއް ނިންމުމަށް އަދި ވަގުތު އެބަ އޮތްކަން ،މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. އޭގެ ކުރިން އިންތިޚާބުގެ މުއްދަތާ މެދު ގޮތެއް ކަނޑައަޅަން ޖެހޭކަން ފާހަގަކުރެއްވިއެވެ. އިންތިޚާބުގެ ވޯޓްލުން ފަސްކުރުމަށް ހުށަހެޅި ބިލްގެ ވެސް ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ. ޤާނޫނުގައި ބުނާ ގޮތުން މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ކައުސިން އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.