ދެ ސަފީރަކަށް ރުހުން ނުދޭން ކޮމިޓީން ނިންމަވައިފި

ރާއްޖެއިން ތިން ޤައުމަކަށް ސަފީރުންގެ ގޮތުގައި ކަނޑައެޅުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވި ތިން ބޭފުޅެއްގެ ތެރެއިން ދޭބޭފުޅަކަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީން މިއަދު ފާސްކުރައްވައިފިއެވެ.

މަޖިލީހުން ރުހުން ނުދިނުމަށް އެކޮމިޓީން ފާސް ކުރައްވައިފައިވާ ދެބޭފުޅުންނަކީ ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް މއ. ތިބްރޯޒުގޭ، މުޙައްމަދު ޖިނާޙާއި، ސަޢުދީ ޢަރަބިއްޔާގައި އަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް ގ.އުތުރުއާގެ، މުޙައްމަދު ޚަލީލެވެ.

ރުހުން ދިނުމަށް ކޮމިޓީން ފާސް ކުރައްވައިފައިވަނީ ޗައިނާ ކަނޑައެޅުއްވުމަށް ރައީސް ހުށަހެޅުއްވި މ.ބީނާފުށި، ޢައިޝަތު ޢަޒީމާ އެވެ. ޤައުމީ ސަލާމަތުގެ ކޮމިޓީއަކީ ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީއެކެވެ.

ޖިނާޙާއި ޚަލީލަށް ރުހުން ދޭން ނުފެންނަ ކަމަށް ފާސްކުރެއްވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހީމް ޝަރީފާއި، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުޙައްމަދު ނާޒިމުގެ އިތުރަށް ޖޭޕީގެ މެމްބަރު އިބްރާހީމް ޙަސަނާއި، ހޯރަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އިސްމާޢީލްގެ ތާއީދާއެކުގައެވެ.

ކޮމިޓީން މިގޮތަށް ނިންމެވިޔަސް އެނިންމުން ފައިނަލްވާނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށްފަހުގައެވެ. އެކަމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ އަން ހޮނިހިރު ދުވަހުއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.