ކޮވިޑް-19: ފެލައިނީއާ ދިމާވެފައިވާ ތިން މީހަކު ޑަބަލް ނެގެޓިވް ވުމުން ދޫކޮށްލައިފި

ރާއްޖެއައި މަޝްހޫރޫ ފުޓުބޯޅަ ކުޅުންތެރިއާ ފެލައިނީއާ ކޮންޓެކްޓް ވެފައިވާ ތިން މީހަކު ވެލިދޫ އައިސޮލޭޝަނުން މިއަދު ދޫކޮށްލައިފިއެވެ.

ދަރުބާރު ގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ވިދާޅުވީ އެ ތިން މީހުން ދޫކޮށްލައިފައިވަނީ ކަރަންޓީންގެ މުއްދަތު ހަމަކޮށްފައި ކޮވިޑް-19 އަށް ޓެސްޓްކޮށް ޑަބަލް ނެގެޓިވްވުމުން ކަމަށެވެ.

ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 41 މީހުންގެ ސާމްޕަލް މިހާރުވަނީ ނަގާފައި ކަމަށާއި އެމީހުންގެ ޓެސްޓުތައް ނެގެޓިވް ވެއްޖެ ކަމަށްވާނަމަ އެންމެން މާދަމާ ދޫކޮށްލާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ކަރަންޓީން ކޮށްފައިވާ ރިސޯޓުތަކާއި ސަފާރީތަކުގެ ތެރެއިން އިއްޔެއާއި މިއަދުވަނީ 4 ރިސޯޓާއި 19 ސަފާރީ ދޫކޮށްލައިފައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް އައިސޮލޭޝަން ފެސިލިޓީތަކުގައި 12 މީހުން އެބަތިބި ކަމަށާއި ކަރަންޓީން ފެސިލިޓީތަކުގައި 852 މީހުން އެބަތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިހާތަނަށް ވަނީ 1793 ސާމްޕަލް ނަގައި ޓެސްޓް ކުރެވިފައެވެ. އޭގެތެރެއިން 1774 ސާމްޕަލްވަނީ ނެގެޓިވް ވެފައެވެ. ޕޮޒިޓިވް ވެފައިވަނީ 19 މީހުންނެވެ. އޭގެތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ދެ މީހަކުވަނީ އެމީހުންގެ ގައުމު ކަމަށްވާ އިޓަލީއަށް ގޮސްފައެވެ. ރާއްޖޭގައި މިހާރު ފަރުވާ ދެމުން ގެންދަނީ 4 ދިވެހީންނަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.