ދެ މީހުންނާއެކު ރާއްޖެ އައި ޔޮޓެއް ކަރަންޓީން ކޮށްފި

ރާއްޖެއަށް ބޭރުގެ އުޅަނދުފަހަރު އައުން މަނާކުރި ފަހުން ރާއްޖެއަށް އައި ޔޮޓެއް ކަރަންޓީން ކޮށްފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ކޮވިޑާ ބެހޭ މައުލޫމާތު ހާމަކުރުމަށް ރައީސް އައްޔަން ކުރައްވާފައިވާ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ އެ އުޅަނދު ރާއްޖޭގައި ބަނދަރު ކުރުމަށް ހުއްދަ ދެއްވީ އެއިން ތެޔޮ ހުސްވާތީ ތެޔޮ އެޅުމަށް އެދުމުން ކަމަށެވެ. އަދި ވައި ބަދަލުވަން ވަންދެން ހަފްތާއަކަށް ރާއްޖޭގައި މަޑުކުރުމަށް ވެސް އެމީހުން އެދުނު ކަމަށެވެ. އެހެންނަމަވެސް މިހާރު ރާއްޖެއިން އަމަލުކުރާ އުސޫލުގެ ދަށުން އެ ޔޮޓްވަނީ ދެ ހަފްތާއަށް ކަރަންޓީން ކޮށްފައި ކަމަށެވެ. އޭގައި ތިބި ދެމީހުން ކަރަންޓީން ކުރީ ޔޮޓްގައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކަރަންޓީން މުއްދަތު ހަމަނުކޮށް އެޔޮޓަށް ނުފުރޭނެ ކަމަށެވެ.

މިއީ ސައިޒް ސްޓަރ 2 ނަމަކަށް ކިޔާ ޔޮޓެކެވެ. އެހެންނަމަވެސް އެއީ ކޮންގައުމެއްގެ އުޅަނދެއް ކަމެއް މަބްރޫކް ހާމައެއް ނުކުރައްވައެވެ.

ކޮވިޑް-19 އާ ގުޅިގެން ގާއިމް ކޮށްފައިވާ ފެސިލިޓީޒްތަކަށް ބަލާއިރު ވެލިދޫ އައިސޮލޭޝަންގައި 18 މީހަކާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި 3 މީހު އެބަތިއްބެވެ. އެއީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހަކާއި ބަލިން ފަސޭހަވެ އިތުރަށް ބަލަމުންދާ މީހުންނެވެ. ކަރަންޓީން ފެސިލިޓީޒް ތަކުގައި ތިބި މީހުންގެ އަދަދަކީ 737 އެވެ.

މަބްރޫކު ވިދާޅުވީ މިހާތަނަށް 798 ސާމްޕަލް ނަގައިފައިވާ ކަމަށެވެ. އޭގެ ތެރެއިން 781 ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.