ހުޅުމާލޭގައި ގާއިމް ކުރަމުންދާ މެޑިކަލް ފެސިލިޓީގެ މަސައްކަތުގައި ފެނަކައިގެ 100 އަށްވުރެ ގިނަ މުވައްޒަފުން

ހުޅުމާލޭގައި ސަރުކާރުން ގާއިމް ކުރަމުންދާ 200 އެނދުގެ މެޑިކަލް ފެސިލިޓީގެ މަސައްކަތުގައި ފެނަކަ ކޯޕަރޭޝަންގެ 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވަމުން ގެންދާ ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މިއީ އެކުންފުނީގެ މުވައްޒަފުން ގައުމީ ކަންކަމަށް އިސްކަންދެއްވާ ކަމުގެ މުހިންމު ނަމޫނާއެއް ކަމަށެވެ. ގައުމަށްދިމާވާ ހާދިސާތަކާއި ކާރިސާ ތަކުގައި އެކުންފުނީގެ މުވައްޒަފުން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ އެކަމެއްގައި ވެދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މިމަސައްކަތަށް އެންމެ ފުރަތަމަ ނުކުތީ ވެސް ފެނަކައިގެ މުވައްޒަފުންނެވެ.

މީގެ އިތުރުން ފަރުކޮޅުފުށީގެ ކަރަންޓީން ފެސިލިޓީ އަލުން މަރާމާތުކޮށް ހުޅުވުމަށްކުރި މަސައްކަތުގައި ވެސް ފެނަކައިގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އަދި އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ޓްރީޓޮޕް ހޮސްޕިޓަލްގެ ސަރަހައްދުގައި ހަދަމުން ގެންދާ 10 ފާޚާނާގެ ހުރިހާ މަސައްކަތެއް ކުރަމުން ގެންދަނީ ވެސް ފެނަކަ ކުންފުނޫގެ މުވައްޒަފުން ކަމަށް ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކ. ވިލިވަރާއި، އއ. ވެލިދޫ ކަރަންޓީން ފެސިލިޓީތަކަށް ބޭނުންވާ ފެނާއި ކަރަންޓު ދެމުން ގެންދަނީ ވެސް ފެނައިންނެވެ. އެ ދެރަށުގައި ވެސް އެކުންފުނީގެ މުވައްޒަފުން ގެންދަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް ކޮވިޑް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ގެންދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި ދަމަހައްޓަމުންނެވެ. މިހާތަނަށް ރާއްޖެއިން ވަނީ އެބަލިޖެހިފައިވާ 19 މީހުން ފެނިފައެވެ. އޭގެ ތެރެއިން 13 މީހުންނަށް ވަނީ ރަނގަޅުވެފައެވެ. ދެ މީހަކު ވަނީ އަމިއްލަ ގައުމު ކަމަށްވާ އިޓަލީއަށް ގޮސްފައިވެއެވެ. މިހާރު ފަރުވާ ދެމުން ގެންދަނީ 4 މީހަކަށެވެ. އެއީ  ދިވެހީންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.