ކޮވިޑް 19 ގެ ސަބަބުން ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރައްވަން ގަސްތު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގައުމާ މުޚާތަބު ކުރަވައި މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުގައެވެ.
"މިވަގުތު އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ކޯވިޑް19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައިވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ގަސްތު ނުކުރާ ވާހަކަ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރައްވަން ގަސްތު ނުކުރެއްވިޔަސް ސަރުކާރުގެ ޚަރަދު ކުޑަކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ވަނީ ފަށައިފައި ކަމަށެވެ. އެގޮތުން ސަރުކާރުން ހިންގާ ޕީ.އެސް.އައި.ޕީ.ގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެއިތުރުން ސަރުކާރުން ކުރާ ދަތުރުތަކާއި، މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި، އެފަދަ ބައެއް ޚަރަދުތައްވެސް މިވަގުތަށް ވަނީ ކުޑަކޮށްލާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހިންގާ ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާއެކު، މަރުކަޒީ ބޭންކު އެމްއެމްއޭ އިން އަންނަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ. އޭގެ އިތުރުން، ރާއްޖެއިން ބޭރުން ލޯނު އެހީ އާއި، ހިލޭ އެހީ ހޯދުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މިކަމުގައިވެސް އެކުވެރި ޤައުމުތަކުންނާއި، މާލީ އިދާރާތަކުން އަޅުގަނޑުމެންނަށް ވަނީ ފެހި ސިގްނަލް ލިބިފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން ކިތަންމެ ދަތިތަކެއް ކުރިމަތިވިޔަސް "މާތް ﷲގެ ވާގިފުޅާއެކު" މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަނުދީ ކުރިއަށް ގެންދަވަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، "އިރާދަކުރެއްވިއްޔާ ހުސްނުވާނެ" ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ. އެސްޓީއޯ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.