ކީރިތި ޤުރްއާން - އަޖައިބުކުރުވަނިވި ފޮތެއް (5)

ގެރީ މިލަރ (މިހާރު ޢަބްދުލްއަޙަދް ޢުމަރު)

(20 މާރިޗު 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މީހަކާ ދިމާއަށް މިފަދަ ވާހަކަފުޅެއް ވިދާޅުވުމުގެ ޔަގީންކަމާއި އިތުބާރު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ލިބިވަޑައިގަތީ ކިހިނެއްތޯއެވެ؟ އަބޫ ލަހަބް އިސްލާން ނުވާނޭކަން އެހައި ކަށަވަރުކޮށް އެކަލޭގެފާނަށް އެނގިވަޑައިގަތީ ކިހިނެއްތޯއެވެ؟ އެކަލޭގެފާނަކީ ހަމަ ހަގީގަތުގައިވެސް ރަސޫލުބޭކަލެއްކަމުގައި ނުވަނީނަމަ، ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ އެވާ ގޮތަށް އަބޫ ލަހަބްގެ ކަންތައް ހިނގާނޭ ކަމުގެ ޔަގީންކަން އެކަލޭގެފާނަށް ލިބިވަޑައިގަތީ ކިހިނެއްތޯއެވެ؟ އެކަލޭގެފާނަކީ ދޮގުވެރިއެއް ކަމަށް ސާބިތުކޮށް ދިނުުމުގެ ފުރުސަތު ދިގު ދިހަ އަހަރު ދުވަހަށް މީހަކަށް ދެއްވާން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ކެރިވަޑައިގަތީ ކިހިނެއްތޯއެވެ؟ މި ސުވާލުތަކަށް އޮތީ އެންމެ ޖަވާބެކެވެ. ޖަވާބަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ﷲ ގެ ރަސޫލެކެވެ. އެކަލޭގެފާނު އެވާހަކަފުޅު އެހައި ބޮޑު ޔަގީން ކަމަކާއެކު އެ ދެއްކެވީ އެއީ ﷲ ގެ ވަޙީބަސްފުޅުކަން ޔަގީންވެ ވަޑައިގަންނަވާތީއެވެ. މި ނޫން އެހެން އެއްވެސް ޖަވާބެއް ނެތެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ނަބީކަމާއި ވަޙީގެ ތެދުކަން ގަބޫލުފުޅު ކުރައްވާ މިންވަރު ސާބިތުވާ  އެހެން ހާދިސާއެއްގެ ވާހަކަވެސް ދަންނަވައިލާނަމެވެ. އިތުރުއެކަލޭގެފާނާއި އަބޫބަކުރުގެފާނާއި ދެބޭކަލުން މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅުގެ މަތީން ހަނދުމަފުޅު ކުރައްވާށެވެ. ދެބޭކަލުން ތިއްބެވީ ހޮހަޅައެއްގައި ފިއްލަވައެވެ. ހޮހަޅައިގެ އަނގަމަތީގައި އިތުރު ރަސޫލާ އަވަހާރަކޮށްލުމަށްޓަކައި ހޯދަމުން އައި މުޝްރިކުންގެ މީހުން ތިއްބެވެ. މުޝްރިކުން ހޮހަޅައިގެ އަނގަމަތީގައި ތިއްބާ ފެނިވަޑައިގަތީމާ އަބޫބަކުރުގެފާނު ހުންނެވީ ބިރުފުޅުންނެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ ދޮގުވެރިއެއްނަމަ ނުވަތަ ތިމަންކަލޭގެފާނަކީ ރަސޫލަކީމޭ ވިދާޅުވެ މީހުންނަށް އޮޅުވައިލައްވަމުން ހިންގަވާ ބޭކަލަކު ކަމުގައި ވީނަމަ އެ ވަގުތު ހަދީސުކުރައްވާނީ މިހެންނެވެ. "އޭ އަބޫބަކުރުގެފާނެވެ. މި ހޮހަޅައިގެން ފުރަގަހުން ނުކުމެވޭނޭ ގޮތެއް ހުރިތޯ ނިކަން ބައްލަވައި ބައްލަވާށެވެ." އެހެން ނޫނީ "އެހެރަ ހިލައިގެ ފުރަގަހަށް ވެދެވަޑައިގެން އަޑުފުޅެއް ނީއްވަވައި އޮންނަވާށެވެ." މިފަދައަކުން ނޫންތޯއެވެ؟ އެކަމަކު އިތުރުއެކަލޭގެފާނު ހަދީސު ކުރެއްވީ އެހެންނެއް ނޫނެވެ. "ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. ﷲ ވޮޑިގެން ވަނީ އަޅުގަނޑުމެންނާ އެކީގައެވެ. އެކަލާނގެ އަޅުގަނޑުމެން ރައްކާތެރި ކުރައްވާނެއެވެ." މިއީ ޝައްކެއްގެ މަތީގައި ހުންނަ މީހަކު ދައްކާނޭ ކަހަލަ ވާހަކައެއް ނޫނެވެ. މި ވާހަކަފުޅުން އެނގިގެން ދަނީ އެކަލޭގެފާނުގެ ހިތްޕުޅުގައި އޮތް ވަރުގަދަ އީމާނާއ އިތުބާރާއި ޔަގީންކަމެވެ. އެކި ކަހަލަ ވާހަަކަތައް ދައްކައިގެން މީސްތަކުން އޮޅުވައި ވައުވައްދަމުން ހިނގާ މީހަކަށް މިފަދަ ބޮޑު އިތުބާރަކާއި ޔަގީން ކަމެއް ލިބޭނެތޯއެވެ؟ މިއީ ދޮގުހަދާ މީހަކަށް ނުވަތަ މަކަރުވެރިއަކަށް ލިބޭނޭ ޔަގީންކަމެއް ނޫނެވެ.

އިހު ދެންނެވުނު ފަދައިން ޣައިރު މުސްލިމުން ދަނީ އުޒުރާއި ތުހުމަތުގެ ވަށްބުރެއްގައި އެނބުރެމުންނެވެ. އެ ބުރު ދުވަހަކުވެސް ކޮޅެއްގައި ޖެހޭ ތަނެއް ނާދެއެވެ. ކީރިތި ޤުރްއާނަކީ މިވެނި ގޮތަކަށް އައި އެއްޗެކޭ އެވެނި ގޮތަކަށް އުފެދުނު އެއްޗެކޭ ކިޔުން ހުއްޓައެއް ނުލައެވެ. އެ ފޮތް ސީދާ އެ ފޮތުގެ ހަގީގީ ވަސީލަތާ ގުޅުވުމުގެ ޚިޔާލެއް އެމީހުންނެއް ނުކުރެއެވެ. މިސާލަކަށް ހޯމަ ދުވަހުއާއި ބުދަ ދުވަހުއާއި ހުކުރު ދުވަހު އެމީހުން ބުނާނެއެވެ. "އޭނާއަކީ ދޮގުވެރިއެކެވެ." އަންގާރަ ދުވަހުއާއި ބުރާސްފަތި ދުވަހުއާއި ހޮނިހިރު ދުވަހު ބުނާނެއެވެ. "އޭނާއަކީ މޮޔައެކެވެ." އެމީހުން ގަބޫލު ކުރާން ބޭނުން ނުވާ ކަމަކީ މި ދެ ސިފަ އެކެއްގެ ކިބައިގައި އެއްފަހަރާ ނުހުންނާނޭ ކަމެވެ. އެކަމަކުވެސް މި ދެ ނަޒަރިއްޔާވެސް އެމީހުން ބޭނުންވެއެވެ. ކީރިތި ޤުރްއާނުގައި ހުރި މައުލޫމާތުތައް ނުވަތަ ވާހަކަތައް ދޮގު ކުރާން މި ދެ ވާހަކައިގެ ބޭނުންވެސް ޖެހެއެވެ.

މީގެ ހަތް އަހަރު ކުރީގެ ވާހަކައެއް ދަންނަވައިލާނަމެވެ. ކްރިސްޓިއަން ދީނުގެ ދާޢީއަކު އަޅުގަނޑުގެ ގެއަށް ދުރުވެއްޖެއެވެ. އަޅުގަނޑުމެން ވާހަކަދައްކާން ތިބި ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި ކީރިތި ޤުރްއާނުގެ މުސްހަފަކާއި ބައިބަލެއް އޮތެވެ. ދެ ފޮތްވެސް އޮތީ ބަންޑުންނެވެ. އެހެންވީމާ ބަލައިފައި ޤުރްއާނަކީ ކޮބައިކަމެއް ބައިބްލަކީ ކޮބައިކަމެއް ވަކިކުރާކަށް ނޭނގެއެވެ. ވާހަކައިގެ ތެރޭގައި އަޅުގަނޑު ކީރިތި ޤުރްއާނަށް އިޝާރާތް ކޮށްފައި ބުނެފީމެވެ. "އެ ފޮތަށް އަޅުގަނޑު ވަރަށް ބޮޑަށް އިތުބާރު ކުރަމެވެ." އޭނާވެސް އެފޮތާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެކަމަކު އެއީ ޤުރްއާންކަމެއް އެނގިއެއް ނުލައްވައެވެ. އޭނާ ބުނުއްވިއެވެ. "އެއީ ބައިބްލް ނޫން ކަމުގައި ވާނަމަ އެއީ އިންސާނަކު ލިޔުނު ފޮތެކެވެ." އޭނާގެ ވާހަކައަށް ޖަވާބެއް ދިނުމުގެ ގޮތުން އަޅުގަނޑު ނަންގަނެލީމެވެ. "އެ ފޮތުގައި ހުރި ވާހަކަތައް އަޅުގަނޑު ކިޔައިދޭނަމެވެ." އެޔަށް ފަހު ޤުރްއާނުގައި ހުރި ބައެއް ވާހަކަތައް އަޅުގަނޑު ތިން ހަތަރު މިނިޓެއްގެ ތެރޭގައި އޭނާއަށް ކިޔައިދީފީމެވެ. އެ ތިން ހަތަރު މިނިޓު ނިމުމާއެކު އޭނާގެ ވާހަކަ މުޅީން އެހެން ގޮތަކަށް ބަދަލުކޮށްލައްވައިފިއެވެ. އޭނާ ބުނުއްވިއެވެ. "ތިޔަ ދެއްކީ ރަނގަޅު ވާހަކައެކެވެ. އެ ފޮތަކީ އިންސާނަކު ލިޔުނު އެއްޗެއް ނޫނެވެ. އެ ފޮތް ލިޔުނީ ޝައިޠާނާއެވެ." މި ކަހަލަ ޚިޔާލުތައް ބޮލުގައި ރުވައި ހައްދަމުން ގެންދިއުމަކީ ހަމަ ހަގީގަތުގައިވެސް ވަރަށް ދެރަ ކަމެކެވެ. ފުރަތަމަ ކަމަކަށް މިއީ ވަރަށް ދެރަވަރު ކަމީނާ ބަހަނާއެކެވެ. ހިފަހައްޓައި ނުލެވޭފަދަ ކަމެއްގެ ތެރެއިން އަވަސްއަވަހަށް ބަޗައިގެން ނުކުންނާން ބޭނުންކުރާ ވިޔާނުދާ ވާހަކައެކެވެ.

ޢީސާ ޢަލައިހިއްސަލާމް މަރުވެފައި އޮތް މީހަކު (ﷲ ގެ އިޒުނަފުޅާއެކު) ދިރުއްވީމާ ޔަހޫދީން ކަންތައް ކުޅަ ގޮތް ބައިބްލްގައި ބަޔާންވެފައި ވެއެވެ. އެމީހަކު މަރުވެފައި އޮންނަތާ އޭރު ހަތަރު ދުވަސް ވެއްޖެއެވެ. ޢީސާ ޢަލައިހިއްސަލާމް ވަޑައިގެން ތެދުވާށޭ ވިދާޅުވުމާއެކު އެމީހާ ތެދުވެގެން ހިނގައްޖެއެވެ. އެ މަންޒަރު ބަލާން ތިބި ޔަހޫދީންގެ ބައެއް މީހުން ލޮލަށް ފެނުނު ހަގީގަތް ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އެމީހުން ބުންޏެވެ. "ތިޔައީ ޝައިޠާނާގެ ކަމެކެވެ. އެކަލޭގެފާނަށް އެހީތެރިވީ ޝައިޠާނާއެވެ." ހައިރާނެއް ފަހެ ނުވާނެތޯއެވެ؟ މި ދެންނެވުނު އުސޫލު ކަަމުނުދާ ކަމަށް ގަބޫލުކުރާ މީހުން މިހާރު އަމަލު ކުރަނީ އެ ޔަހޫދީން އަމަލުކުޅަ ގޮތަށެވެ. އެންމެ ތިން ހަތަރު މިނިޓެއްހައި އިރުގެ ތެރޭގައި ކިޔައިދެވޭ ފަދަ މަދު ވާހަކަކޮޅެއް ކިޔައިދިނުމާއެކު ކީރިތި ޤުރްއާނާމެދު ކަނޑައެޅި ރައުޔު ނިކަން ދެކިވަޑައިގެން ބައްލަވާށެވެ. "އެ ފޮތް ލިޔުނީ ޝައިޠާނާއެވެ." ހަތަރު ފަރާތުން ރަނގަޅަށް ބެދި، ދޭނޭ ޖަވާބެއް ނޭނގުމާއެކު ފެންނާން އޮތް އެންމެ ވިޔާނުދާ އެންމެ އާދައިގެ އުޒުރާއިގެން ތެދުވީއެވެ.

މި ދެންނެވުނު އުސޫލު ބޭނުންކުރުމުގެ އަނެއް މިސާލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދުވަސްވަރުގެ މުޝްރިކުން  ދެއްކި ވާހަކައެވެ. އިތުރު އެކަލޭގެފާނު ގެންނެވި ރިސާލަތު އައީ ކޮން ތަނަކުންކަން ސާބިތުކޮށްދޭން އެމީހުން ި އުޅުނެވެ. ""މުޙައްމަދުގެފާނަށް ޤުރްއާން ގެނެސްދިނީ ޝައިޠާނާ އެވެ." މުޝްރިކުންގެ އެހެން ޒުވާބުތަކަށް ރައްދު ދިންފަދައިން ކީރިތި ޤުރްއާނުން މި ޒުވާބަށްވެސް ރައްދެއް ވަނީ ދީފައެވެ.

وَإِن يَكَادُ ٱلَّذِينَ كَفَرُواْ لَيُزۡلِقُونَكَ بِأَبۡصَٰرِهِمۡ لَمَّا سَمِعُواْ ٱلذِّكۡرَ وَيَقُولُونَ إِنَّهُۥ لَمَجۡنُونٌ  (٥١)  وَمَا هُوَ إِلَّا ذِكۡرٌ لِّلۡعَٰلَمِينَ  (٥٢)

"ކާފިރުވި މީހުން ޤުރްއާނުގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ. (އެބަހީ ޖިންނި އަވަލައިފައިވާ ބޭކަލެކެވެ.) ޢާލަމްތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެ ޤުރްއާން ނުވެއެވެ."

މިއީ އިހު ދެންނެވުނު ފަދަ ވާހަކަތަކަށް ﷲ ތަޢާލާ ދެއްވައިފައިވާ ރައްދެކެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ކީރިތި ޤުރްއާން ގެނެސްދެނީ ޝައިޠާނާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް މި ނޫނަސް އެތައް ރައްދެއް ކީރިތި ޤުރްއާނުން ވަނީ ދީފައެވެ.

މިސާލަކަށް އައްޝޫޢްރާ ސޫރަތުގައި ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

وَمَا تَنَزَّلَتۡ بِهِ ٱلشَّيَٰطِينُ  (٢١٠)  وَمَا يَنۢبَغِي لَهُمۡ وَمَا يَسۡتَطِيعُونَ (٢١١)  إِنَّهُمۡ عَنِ ٱلسَّمۡعِ لَمَعۡزُولُونَ  (٢١٢)

"އެ ޤުރްއާން ގެނެސްދިނީ ޝައިޠާނުންނެއް ނޫނެވެ. އަދި އެއީ ޝައިޠާނުންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެ ޝައިޠާނުންނަށް އެކަމަކަށް ކުޅަދާނަވެގެނެއްވެސް ނުވެއެވެ. ހަމަކަށަވަރުން، އެ ޝައިޠާނުން ވަނީ (ވަގަށް) އަޑުއެހުމުން ވަކިކުރައްވާފައިކަން ކަށަވަރެވެ."

އަދި އަންނަޙްލު ސޫރަތުގައިވަޙީ ކުރައްވައިފައި ވެއެވެ.

فَإِذَا قَرَأۡتَ ٱلۡقُرۡءَانَ فَٱسۡتَعِذۡ بِٱللَّهِ مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ  (٩٨)

"ފަހެ، ކަލޭގެފާނު ޤުރްއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަޙްމަތުން ބޭރުކުރައްވާފައިވާ އާޝައިޠާނާގެ ކިބައިން ދުރުކުރެއްވުންއެދި، ﷲގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!"

މިއީ ޝައިޠާނާ ފޮތް ލިޔާ ގޮތްތޯއެވެ؟ އޭނާ އަމިއްލައަށް ފޮތެއް ލިޔާއިރު ކަލޭމެން މި ފޮތް ކިޔާން ފެށުމުގެ ކުރީން އަހަރެންގެ ކިބައިން ސަލާމަތް ކުރައްވާތޯ ދުޢާ ކުރާށޭ ލިޔެފާނެތޯއެވެ؟ މިއީ ހެއްވާވެސް ކަމެކެވެ. އިންސާނަކު ފަހަރެއްގައި މިފަދަ އިބާރާތެއް ލިޔެފާނެއެވެ. އެކަމަކު ޝައިޠާނާ ލިޔެފާނެތޯއެވެ؟ މި ސުވާލަށް އެދެވޭ ޖަވާބެއް ދިނުމަކީ ގިނަ މީހުންނަކަށް ފަސޭހަ ކަމަކަށް ނުވެއެވެ. އެއް ބަޔަކުބުނާ ގޮތުގައި ޝައިޠާނާ މިފަދަ ކަމެއް ނުކުރާނެއެވެ.  އަދި މިސާލަކަށް އެކަލޭގެ މިފަދަ ކަމެއް ކުރާން އުޅުނަސް ﷲ އެކަމެއް ކުރިޔަކަ ނުދެއްވާނެއެވެ. އެކަމަކުވެސް ބައެއް މީހުން ދެކޭ ގޮތުގައި ޝައިޠާނާއާއި ﷲ އާ ދެމެދު (ބާރުގެ ގޮތުން) އޮންނަނީ ވަރަށް ކުޑަކުޑަ ތަފާތެކެވެ. ކުރުކޮށް ދަންނަވާނަމަ މިފަަދަ ވިސްނުމެއްގައި ތިބޭ މީހުން ގަބޫލު ކުރާ ގޮތުގައި ﷲ އަށް ކުރެއްވޭނޭ ކޮންމެ ކަމެއް ޝައިޠާނާއަށްވެސް ކުރެވޭނެއެވެ. އެހެންވީމާ އެމީހުން ކީރިތި ޤުރްއާން ކިޔަވަމުން ދާއިރު ކިތަންމެ ހައިރާން ކުރުވަނިވި ހަގީގަތެއް ދިމާއަށް، ހާމައަށް ފެންނާން އޮންނައިރުވެސް ބުނަމުން ގެންދަނި މިހެންނެވެ. "މިއީ ޝައިޠާނާ ލިޔުނު ފޮތެކެވެ."

ﷲ އަށް ޙަމްދާއި ޝުކުރު ހުއްޓެވެ. މިއީ މުސްލިމުން ގެންގުޅޭ ރަވައްޔާއެއް ނޫނެވެ. ޝައިޠާނާއަށް ވަކި ކަހަލަ ބާރުތަކެއް  ލިބިފައިވީ ނަމަވެސް އެއީ ﷲ އަށް ލިބިވޮޑިގެންވާ (ހައްދެއް ނެތް) ބާރުފުޅުތަކަށްވުރެ މާ ދެރަ ބާރުތަކެކެވެ. ﷲ ގެ ހައްދެއް ނެތް ބާރުފުޅާއި ދެނެވޮޑިގަތުމަށް އީމާންވުމާއެކު ޝައިޠާނާގެ ބާރުތައް ވަނީ ހުދޫދުވެގެން ކަމުގައި ގަބޫލު ނުކުރާ މީހަކު މުސްލިމަކަށް ނުވާނެއެވެ. ޣައިރުމުސްލިމުން ހިމެނޭ ގޮތުން ދުނިޔޭގެ ހުރިހައި އެންމެންމެ ގަބޫލުކުރާ ގޮތުގައި ޝައިޠާނާއަކީ ކަތިފިޔަވަޅު އަޅާ އަދި އަޅާނޭ މަޚްލޫޤެކެވެ. އެ ސޮރު ފޮތެއް ލިޔާނަމަ ލިޔާ ފޮތެއްގައި ނަމަ ފޫނުބެދޭ ވާހަކަތަކާއި ދެކޮޅު ނުޖެހޭ ކަންތައްތައް ހުންނާނޭކަން ކަށަވަރެވެ. ކީރިތި ޤުރްއާނުގެ އައްނިސާއު ސޫރަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.

أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَۚ وَلَوۡ كَانَ مِنۡ عِندِ غَيۡرِ ٱللَّهِ لَوَجَدُواْ فِيهِ ٱخۡتِلَٰفًا كَثِيرًا  (٨٢)

"ފަހެ، ޤުރްއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ ޤުރްއާނަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.