(6 މާރިޗު 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާާ ރިޔާޟްގައި ހުންނެވި ދުވަސްވަރު ކީރިތި ޤުރްއާނުގެ އާޔަތްްތައް ތަރުޖަމާ ކުރުމުގައްޔާއި އެހެނިހެން މަސައްކަތްތަކުގައި އޭނާ ބޭނުންވެލެއްވިހައި އެހީތެރިކަމެއް އެމީހުން ފޯރުކޮށް ދިނެވެ. ހޯދުންތަކުން އޭނާއަށް ލިބިލެއްވި މައުލޫމާތުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ހައިރާންވެލެއްވިއެވެ. އެންމެ ފަހުން އޭނާގެ ފޮތްތަކަށްވެސް ބަދަލު ގެންނެވިއެވެ. އޭނާ ލިޔުއްވައިފައިވާާ ފޮތް "ބިފޯރ ވީ އާރ ބޯރން" (އަހަރެމެން އުފަން ވުމުގެ ކުރީން) ގެ ދެވަނަ އިސްދާރު ނުކުތްއިރު އެ ފޮތުގައި އެމްބްރިޔޯލޮޖީގެ ތާރީޚާ ބެހޭ ގޮތުން ހުރި ވާހަކަތަކަށް އޭނާ ވަނީ އެތައް މައުލޫމާތެއް އިތުރު ކުރައްވައިފައެވެ. އެއީ ކީރިތި ޤުރްއާނުގެ އެހީގައި އޭނާއަށް ލިބިލެއްވި މައުލޫމާތެވެ. މިކަމުން ދޭހަ ވަނީ ކީރިތި ޤުރްއާނުގައިވާ މައުލޫމާތަކީ ފޮތް ބާވައިލެއްވި ޒަމާނަށް ވުރެ މާ ފަހުގެ މައުލޫމާތުކަމެވެ. ވުމާއެކު ކީރިތި ޤުރްއާނަށް އީމާންނުވާ މީހަކު ދަންނަ ވަރަށްވުރެ މާ ގިނަ އެއްޗެހި އެ ފޮތަށް ފުރިހަމައަށް އީމާންވާ މީހަކު ދަނެއެވެ.
ޑޮކްޓަރ ކީތު މުއަރ އާ ޓީވީ އިންޓަވިއުއެއް ކުރުމުގެ ޝަރަފު ވަނީ އަޅުގަނޑަށް ލިބިފައެވެ. އެ އިންޓަވިއުގައި އަޅުގަނޑުމެން ދެއްކި އެއް ވާހަކައަކީ މަތީގައި މި ދެންނެވުނު ވާހަކައެވެ. ވާހަކައިގެ ތެރޭގައި ކުރެހުމާއި ފޮޓޯ އެކުލެވޭ ސްލައިޑްވެސް ދެއްކުނެވެ. އޭނާ ބުނުއްވި ގޮތުގައި އިންސާނުން އުފެދިގެން އަންނަ ގޮތާ ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ ބައެއް ކަންތައްތައް ދުނިޔެއަށް އެނގިފައި ވަނީ މީގެ ތިރީހަކަށް އަހަރު ކުރީންނެވެ. ޚާއްސަކޮށް އޭނާ ފާހަގަ ކުރެއްވި ގޮތުގައި ރަހިމުގައި އިންސާނާ އަށަގަންނަ ގޮތް ބަޔާން ކުރައްވަމުން "ޢަލަޤް"ގެ ސިފައަށް އޮންނަ ގަނޑުލޭކޮޅުގެ ވާހަކަ އައި އައުމަކީ އޭނާއަށް މުޅީން އައު ވާހަކައެކެވެ. (ޢަލަޤް އަކީ ލޭބޯފަނީގެ ސިފައަށް އޮންނަ އެއްޗެކެވެ.) އެއީ ތެދެއްތޯ ބައްލަވާން އޭނާ ބެއްލެވި އިރު ޤުރްއާނުގައި އެވާ ސިފަޔާއި ގަނޑުލޭކޮޅާ އެއްވެސް ތަފާތެއް ނެތެވެ. އޭނާ ފަހުން އޭނާގެ ފޮތަށް އެބައި އިތުރު ކުރެއްވިއެވެ. އޭނާ ބުނުއްވިއެވެ. "އޭގެ ކުރީން އަހަރެން އެކަހަލަ ގޮތަކަށް ނުވެސް ވިސްނަމެވެ." ޤުރްއާނުގައި ސިފަ ކުރައްވައިފައިވާ ގޮތް އެނގިލެއްވީމާ އޭނާ ދުރުވީ ޒޫލޮޖީ ޑިޕާޓްމަންޓަށެވެ. އެތަނުން ލޭބޯފަންޏެއް ހޯއްދަވައިގެން ބެއްލެވިއިރު އޭގެ ސިފަޔާއި އިންސާނީ ދަރިފަންޏަކާ އެއްވެސް ތަފާތެއް ނެތެވެ. އެހެންވީމާ ދަރިފަންޏާއި ލޭބޯފަނީގެ ފޮޓޯ އޭނާގެ ފޮތަށް ލެއްވީއެވެ.
ޑޮކްޓަރ މުއަރ ވަނީ ކްލިނިކަލް އެބްރިޔޯލޮޖީއާ ބެހޭ ފޮތެއްވެސް ލިޔުއްވައިފައެވެ. ޓޮރޮންޓޯގައި އޭނާ އަލަށް ހޯއްދެވި މައުލޫމާތު ހާމަ ކުރެއްވީމާ ކެނެޑާގައި އާދަޔާ ޚިލާފު އޮއިވަރެއް ހިނގައިގަތެވެ. ކެނެޑާގެ ބައެއް ނޫސްތަކުގެ ބޭރުގަނޑުގެ އެންމެ ބޮޑު ސުރުޚީއަކަށް މި ވާހަކަ ވެގެން ދިޔައެވެ. ބައެއް ކަހަލަ ހެއްވާ ސުރުޚީތައްވެސް ފެނުނެވެ. އެއް ސުރުޚީއެއްގައި އޮތެވެ. "ގަދީމީ ދުޢާ ފޮތަކުން އާދަޔާ ޚިލާފު އެއްޗެއް ފެނިއްޖެ." ހަގީގީ ވާހަކައަކީ ކޮބައިކަން ގިނަ ބަޔަކަށް ނުވެސް އެނގޭކަން މި ސުރުޚީން ދޭހަވެެއެވެ. ހަމައެކަނި މިވަރުން ފުދުނީއެއް ނޫނެވެ. ނޫހެއްގެ ރިޕޯޓަރަކު ޑޮކްޓަރ މުއަރއާ ސުވާލު ކުރިއެވެ. "ދަރިފަނީގެ ސިފައާއި، އެ އުފެދޭ ގޮތާއި އަށަގަންނަ ގޮތާއި ހެދި ބޮޑުވަމުންދާ ގޮތް އަރަބީންނަށް މާ ކުރީންވެސް އެނގިފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަކަށް ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެ މީހުންނަކީ ސައިންސްވެރިން ކަމުގައި ނުވެދާނެއެވެ. އެކަމަކު އެމީހުން އެމީހުންގެ އަމިއްލަ ގޮތްތަކެއްގެ މައްޗަށް ތަހުގީގުތަކެއް ކުރީ ކަމަށް ވެދާނެއެއް ނޫންތޯއެވެ؟ މިސާލަކަށް މީހަކު ފަޅައިލައިގެން އެތެރެހަށީގެ ބައިތައް މުއާއިނާ ކުރީ ކަމަކަށް ނުވާނެތޯއެވެ؟" ޕްރޮފެސަރު ހަމަ ވަގުތުން ވަރަށް މުހިއްމު ނުކުތާއެއް ފާހަގަ ކުރެއްވިއެވެ. ރިޕޯޓަރަށް ވަރަށް ޚާއްސަ ކަމެއް ރަނގަޅަށް އޮޅުންފިލައިފައި ނެތް ކަމަށް ބުނުއްވިއެވެ. އޭނާ ތަފުސީލު ދެއްވިއެވެ. ކަލެއަށް އެނގޭ ހެއްޔެވެ؟ އަހަރެން ދެންމެއަކު މި ދެއްކި ދަރިފަނީގެ ސްލައިޑުތަކުގައިވާ ފޮޓޯތަކަކީ ހަމަލޮލަށް ފެންނަ އެއްޗެއްގެ ފޮޓޯއެއް ނޫނެވެ. އެ ހުރިހައި ފޮޓޯއެއް ނަގައިފައި ވަނީ މައިކްރޮސްކޯޕުގެ އެހީގައެވެ. "އެހެންވީމާ މީގެ ސާދަ ސަތޭކަ އަހަރު ކުރީން މީހަކު އެމްބްރިޔޯލޮޖީގެ ދާއިރާއިން ކަންތައްތަކެއް ހޯދާން މަސައްކަތް ކުރި ކަމުގައި ވިޔަސް އެމީހަކަށް މި ފަންޏެއް ނުފެންނާނެއެވެ."
ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިގެންވާ ދަރިފަނީގެ ވާހަކައަކީ އެ ފަނި މީހެއްގެ ލޮލަށް ފެންނަ ވަރަށްވުރެ މާ ކުޑަ ފަންޏެކެވެ. ބަޔާން ކުރެވިފައިވާ ދުވަސްވަރު ހަމަ ލޮލަކަށް އެ ފަންޏެއް ނުފެންނާނެއެވެ. އެ ފަނި ފެންނާނީ މައިކްރޮސްކޯޕެއްގެ ތެރެއިން ބެލީމައެވެ. އެފަދަ އާލަތެއް ދުނިޔެއަށް އުފަންވީތާ އަދި ވާނީ ދުއިސައްތައެއްހައި އަހަރެވެ. ޑޮކްޓްރ މުއަރ ބުނުއްވިއެވެ. "މީގެ ސާދަ ސަތޭކަ އަހަރު ކުރީން މީހަކު މައިކްރޮސްކޯޕެއް ފޮރުވައިގެން ގެންގުޅު ކަމަށް ބަލަމާ ހިނގާށެވެ. އެ އާލަތުގެ ބޭނުން ކޮށްގެން ތަހުލީލުތަކެއް ކުރި ކަމަށް ބަލަމާ ހިނގާށެވެ. އެ ތަހުލީލުގެ ނަތީޖާގައި އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް ބަަލަމާ ހިނގާށެވެ. ދެން އޭނާާ އޭނާ ހޯދި ހޯދުމުގެ ވާހަކަ މުޙައްމަދުގެފާނާ ހިއްސާ ކުރީޔޯލައެވެ. އަދި އެކަލޭގެފާނު ލިޔުއްވި ފޮތެއްގައި ހިމަނުއްވަން ދެންނެވީޔޯލައެވެ. މި ހުރިހައި ކަމެއް ކޮށްފައި އެއްކަލަ މީހާ ގެންގުޅުނު މައިކްރޮސްކޯޕު ހަލާކުކޮށްލީއެވެ. މީހަކަށް އޭގެ އަސަރެއްވެސް ނުފެންނަ ފަދަ ތަނަކަށް އެއްލައިލީއެވެ. މިއީ ކަލޭ ގަބޫލު ކުރާނޭ ވާހަކައެއް ހެއްޔެވެ؟ އެކަށީގެންވާ ހެކިތަކެއް ނުދައްކަނީސް މި ވާހަކަ ގަބޫލު ކޮށްގެން ނުވާނެއެވެ. އެހެނީ މިއީ އެހައިވެސް މޮޔަ، ތާކުންތާކު ނުޖެހޭ ވާހަކައެކެވެ." އެހެން މީހަކު އޭނާއަށް ދެންނެވިއެވެ. "އެހެން ވެއްޖެއްޔާ ޤުރްއާނުގައި އެވާ މައުލޫމާތު އައި ގޮތަކާ މެދު ވިދާޅުވަނީ ކީކޭތޯއެވެ؟" ޖަވާބުގައި އޭނާ ބުނުއްވިއެވެ. "އެ މައުލޫމާތު އައި ހަމައެކަނި ގޮތަކަށް ވާނީ އިލާހީ ޒަރީއާއެވެ. ވަޙީއެވެ."
މަތީގައި ދެންނެވުނު މައުލޫމާތު ހޯއްދަވައި ތަހުގީގުކުރައްވައި، ނަތީޖާ އާއްމު ކުރެއްވީ ޣައިރު މުސްލިމަކު ކަމުގައި ވިޔަސް އެއީ ސައްހަ މައުލޫމާތު ކަމަށް ގަބޫލު ކުރާން ޖެހެއެވެ. ސަބަބަކީ އެ ބޭކަލަކީ އެ ދާއިރާއިން ކިޔަވައިގެން ހުންނެވި ތަޖުރިބާކާރު އިލްމުވެރި ބޭކަލަކަށް ވުމެވެ. އެ ނަތީޖާ ހާމަކުރީ އާދައިގެ ސޮރަކު ކަމުގައި ވީނަމަ ނަތީޖާ ގަބޫލު ކުރުމަކީ އަޅުގަނޑުމެންގެ މައްޗަކަށް ލާޒިމު ކަމަކަށް ނުވީހެވެ. އިންސާނާއަކީ ޠަބީޢީ ގޮތުން އިލްްމުވެރިންނަށް ވަކި ޚާއްސަ އިސްކަމަކާއި ގަދަރެއް ދީގެން އުޅޭ ބައެކެވެ. އިލްމުވެރިއަކު ވަކި ކަމަކާ ބެހޭ ގޮތުން ވާހަކަފުޅެއް ދައްކަވައިފިނަމަ ނުވަތަ ވަކި ހަގީގަތެއް ހާމަ ކުރައްވައިފިނަމަ އެއީ ތެދު ކަމަށް ގަބޫލު ކުޅައުމަކީ އިންސާނީ ޠަބީޢަތެވެ.
މާރޝަލްް ޖޯންސަންއަކީ ޕްރޮފެސަރ މުއަރއާއެކު އެއް ތަނެއްގައި މަސައްކަތް ކުރައްވާ ބޭކަލެކެވެ. އޭނާ އުޅުއްވަނީ ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގައި ޖިއޯލޮޖީގެ ދާއިރާއިން ދިރާސާ ކުރައްވާށެވެ. ކީރިތި ޤުރްއާނުގައި އެމްބްރިޔޯލޮޖީއާ ބެހޭ ގޮތުން ބަޔާން ކުރެވިފައި ހުރި ވާހަކަތަކުގެ ސައްހަކަން އެނގިލެއްވީމާ އޭނާ އެދިލެއްވީ އޭނާގެ ދާއިރާއާ ބެހޭ މައުލޫމާތު އެ ފޮތުގައި ހުރިތޯ ބަލައިދޭށެވެ. މި ފަަހަރުވެސް ފެނުނީ ހައިރާންވާ ފަދަ ނަތީޖާއެކެވެ. އެ މައުލޫމާތުވެސް ކީރިތި ޤުރްއާނުގައި ހުއްޓެވެ. ގިނަ ދާއިރާތަކަކާ ބެހޭ އެތައް މައުލޫމާތެއް ކީރިތި ޤުރްއާނުގައި އެކުލެވިފައި ވުމާއެކު އެ ހުރިހައި މައުލޫމާތު ބަލައި ހޯދައި އެއް ކުރުމަކީ ކުޑަ ކަމަކަށް ނުވާނެއެވެ. އެހެންވީމާ އެ ހުރިހައި ކަމެއްގެ މައްޗަށް އަލިއަޅުވުމަކީވެސް ފަސޭހަ ކަަމެއް ނޫނެވެ. ދެކެވެމުން މިދާ ވާހަކައަށް ބާރު ހޯދުމުގެ ގޮތުން ދަންނަވައިލާން ބޭނުމެވެ. ކީރިތި ޤުރްއާނުގައި މިފަދަ ޚާއްސަ ދާއިރާތަކުގެ ވާހަކަ ބަޔާން ކުރައްވައިފައި ދެން އަންގަވަނީ އެ ދާއިރާއަކާ ބެހޭ ގޮތުން ދިރާސާ ކުރައްވާ އިލްމުވެރިންނާ ސުވާލުކޮށް އެ ވާހަކަތަކުގެ ތެދުދޮގު ކަށަވަރު ކުރާށެވެ. މިފަދައިން އަމަލު ކުރެވުނު ދެ ދާއިރާ ކަމުގައިވާ އެމްރިޔޯލޮޖީއާއި ޖިއޯލޮޖީގެ ދާއިރާއަށް ބަލާއިރު ކީރިތި ޤުރްއާނުގައިވާ މައުލޫމާތުގެ ސައްހަކަން ވަރަށް ރަނގަޅަށް ސާބިތު ވެއެވެ.
ދުނިޔޭގެ އެހެން އެއްވެސް ތަނަަކުން ނުފެންނަ ފަދަ ކަމެއް ކީރިތި ޤުރްއާނުން ފާހަގަ ކުރެވޭ ކަމީ ދެކޮޅު ހެދޭން ނެތް ހަގީގަތެކެވެ. ވަކި ކަމަކާ ބެހޭ ގޮތުން ނުވަތަ ވަކި އެއްޗަކާ ބެހޭ ގޮތުން މައުލޫމާތު ހާމަ ކުރެއްވުމަށް ފަހު ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައި ވެއެވެ. "މިއީ ކަލޭމެންނަށް މީގެ ކުރީން އެނގިފައި ނެތް ކަމެކެވެ." މިފަދަ ދައުވާއެއް ކޮށްފައިވާ އެހެން އެއްވެސް ދީނީ ފޮތެއް މި ދުނިޔެ މައްޗަކު ނެތެވެ. ދީނީ އެހެން ފޮތްފޮތުގައިވެސް ވަރަށް ގިނަ މައުލޫމާތު އެބަހުއްޓެވެ. އެކަމަކު އެ މައުލޫމާތު ހާމަ ކުރުމާއެކު މައުލޫމާތު ލިބުނު ގޮތްވެސް ހާމަ ކޮށްފައި ހުރެއެވެ. މިސާލަކަށް ގަދީމީ ތާރީޚާ ބެހޭ މައުލޫމާތު ބައިބްްލްގައި އެބަހުއްޓެވެ. މިވެނި ރަސްކަލަކު ދިރިއުޅުއްވީ އެވެނި ދުވަސްވަރަކު މިވެނި ތަނެއްގައޭ، އެވެނި ރަސްކަލަކަށް މިވެނި ވަރަކަށް ބޭފުޅުން ލިބިވަޑައިގަތޭ ކިޔައިގެން ދައްކައިފައި ހުންނަ ވާހަކަތައް ވަރަށް ގިނައެވެ. އެކަމަކު މިއިން ކޮންމެ ވާހަކަޔަކާ ގުޅިގެން، މި ކަމާ ބެހޭ އިތުރު މައުލޫމާތު ބޭނުމިއްޔާ މިވެނި ފޮތެއް ކިޔާށޭ އޮވެއެވެ. ސަބަބަކީ އެ މައުލޫމާތު ނެގީ އެ ބުނާ ފޮތަކުން ކަމަށް ވުމެވެ. މިޔާ ޚިލާފަށް ކީރިތި ޤުރްއާނުގައި މައުލޫމާތެއް ހާމަ ކުރެއްވުމަށް ފަހު ބަޔާން ކުރައްވައިފައި ވަނީ އެއީ އަޅުގަނޑުމެންނަށް މީގެ ކުރީން އެނގިފައި ނެތް އައު މައުލޫމާތު ކަމުގައެވެ. އެކަމަކުވެސް އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދައި ދިރާސާ ކުރާންވެސް އަންގަވައިފައި ވެއެވެ. ކުރީން އެނގިފައި ނެތް ކަމަށް އަންގަވައިފައިވާ އެއްވެސް ވާހަކަޔަކާ ބެހޭ ގޮތުން ޖަދަލުކޮށް ސުވާލު އުފެއްދުމަކީ ސާދަ ސަތޭކަ އަހަރު ކުރީން އުޅުނު މުޝްރިކުންނާއި ކާފަރުން ކޮށް އުޅުނު ކަމެއް ނޫނެވެ. އެ ދުވަސްވަރު މައްކާގައި އުޅުނު މުޝްރިކުންނަކީ މުސްލިމުންނަށް ނުހަނު ބޮޑަށް ނަފުރަތު ކުރި ބައެކެވެ. މުސްލިމުން އެމީހުންގެ މައްޗަށް ބާވައިލައްވާ ވަޙީގެ ވާހަކަ ދޭތެރެ ދޭތެރެއިން ދައްކައި ހެދީމާ އެމީހުން ޖަދަލުކޮށް މިހެން ބުނެއެއް ނޫޅެއެވެ. "ތިޔައީއަކީ އައު ވާހަކައެއް ނޫނެވެ. މުޙައްމަދުގެފާނަށް ތިޔަ މައުލޫމާތު ލިބިވަޑައިގަތީ ކޮން ތަނަކުންކަން އަހަރެމެންނަށް އެނގެއެވެ. ތިޔައީ އަހަރެމެން މަދަރުސާގައި ކިޔަވައިފައި ހުރި އެއްޗިއްސެވެ." މިފަދަ ޖަދަލެއް އެމީހުން ކޮށްފައި ނެތީ އެއީ ސީދާ ތެދު ކަމުގައި ވާތީއެވެ. ކަނޑައެޅިގެން އައު ވާހަކަތަކެއް ކަމުގައި ވާތީއެވެ.
ދިރާސާ ކުރާން (އެއީ އައު ކަމެއް ކަމުގައި ވީ ނަމަވެސް) ކީރިތި ޤުރްއާނުގައި އަންގަވައިފައިވުމާވެސް އެކު ސައްޔިދުނާ ޢުމަރުގެފާނު އެކަލޭގެފާނުގެ ޚަލީފާ ކަމުގައި، ޖަމާޢަތެއް އެކުލަވައިލެއްވުމަށް ފަހު ޛުލްޤަރްނައިނިން ބިނާ ކުރެއްވި ބޮޑު ފާރު ހޯއްދަވާން އެ ޖަމާޢަތަށް އެންގެވިއެވެ. ކީރިތި ޤުރްއާނުގައި އެ ފާރުގެ ވާހަކަ ބާވައިލެއްވުމުގެ ކުރިއަކުން އަރަބީން އެ ފާރުގެ ނަމެއްވެސް އަޑު އަހައިފައެއް ނެތެވެ. މުސްލިމުންނަށް ބޮޑުފާރު ހޯދޭ ގޮތްވީ ޤުރްއާނުގައި އެ ވާހަކަ ބަޔާން ކުރައްވައިފައި އޮތީމައެވެ. އެ ފާރު އޮތީ ސޯވިއެޓް ޔުނިއަންގެ ޑަރބެންޑް ގައެވެ. މިހާރުވެސް ފާރުގެ އަސަރުތައް ފެންނާން އެބަހުއްޓެވެ.
ކީރިތި ޤުރްއާނުގައި ހުރި މައުލޫމާތުތައް ސައްތައިން ސައްތަ ތެދެވެ. އެކަމަކު ސައްތައިން ސައްތަ ތެދު މައުލޫމާތު ހުންނަ ކޮންމެ ފޮތަކީ އިލާހީ ފޮތަކަށް ވުން ލާޒިމެއް ނޫނެވެ. މިސާލަކަށް ތެލިފޯނު ނަންބަރު ފޮތަކީވެސް ސައްތައިން ސައްތަ ތެދު މައުލޫމާތު ހުންނަ ފޮތެކެވެ. އެކަމަކު އެއީ އިލާހީ ފޮތެއް ނޫނެވެ. އެ ފޮތުގައި ހުރީއަކީ ވަޙީއެއް ނޫނެވެ. ތެދު މައުލޫމާތު ހިމެނޭ ފޮތެއް ކަމުގައި ވިޔަސް އެ ފޮތުގައި ހުރި މައުލޫމާތު އައި ތަނެއް ހޯދުމަކީ ކުރާން ޖެހޭ އެންމެ މުހިއްމު މަަސައްކަތެވެ. ކީރިތި ޤުރްއާނުގައި ހުރި މައުލޫމާތަކީ ކޮން ތަނަކުން ކިހިނެއް އައި މައުލޫމާތެއްތޯ ބަލާން ޖެހެއެވެ. އެކަމަކު ޤުރްއާނަށް ބަލާއިރު ސާބިތު ކުރުމުގެ ޒިންމާ އޮތީ ކިޔާމީހާގެ ކިބައިގައެވެ. ކީރިތި ޤުރްއާނުގެ ސައްހަކަމާއި އިލާހީކަމާ ދެކޮޅު ހެދުމަކީ އެކަށީގެންވާ ހެއްކެއް ނެތި ކުރެވޭނޭ ކަމެއް ނޫނެވެ. އެ ފޮތުން ކުށެއް ފެނިއްޖެ ނަމަ ދެކޮޅު ހެދުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެކެވެ. ކީރިތި ޤުރްއާން ހިތްވަރުދެނީވެސް އެ ފޮތުން ކުށެއް ހޯދާށެވެ. ދެކުނު އެފްރިކާގައި އަޅުގަނޑުގެ ތަގުރީރެއް ނިމުނުތަނާ މީހަކު ތެދުވެފައި އަޅުގަނޑު ދެއްކި ވާހަކަތަކާމެދު ވަރަށް ބޮޑަށް ރުޅި އައިސްފައި ބުންޏެވެ. "އަހަރެން މި ދަނީ ގެއަށެވެ. މިރޭ ޤުރްއާނުން ކުށެއް ހޯދާނަމެވެ." އަޅުގަނޑު ބުނީމެވެ. "މަރުހަބާއެވެ. މިއަދު ކަލޭ ދެއްކި އެންމެ އާރުލާ ވާހަކައަކީ ތިޔައީއެވެ." ކީރިތި ޤުރްއާނާމެދު ޝައްކު އުފައްދާ މީހުނާމެދު މުސްލިމުން އަމަލު ކުރާން ޖެހެނީ އަޅުގަނޑު އަމަލުކުޅަ ގޮތަށެވެ. އެހެނީ ކީރިތި ޤުރްއާން އެދޭ ގޮތަކީ އަދި ގޮވައިލާ ގޮތަކީ އެއީއެވެ. ޤުރްއާނުގެ ގޮވައިލުމަށް އަމަލު ކުރުމަށް ފަހު އެ ފޮތުން ކުށެއް ނުފެނުނީމާ އެމީހުންނަށް ޖެހޭނީ އެއީ ތެދުބަސް ކަމަށް ގަބޫލު ކުރާށެވެ. އެމީހުންނަކަށް އެހެން ގޮތެއް ނޯންނާނެއެވެ. ކީރިތި ޤުރްއާނުން، ކިޔާމީހާގެ ގަދަރު ހޯދަނީ ހިލެއަކު ނޫނެވެ. ކުށެއް ހޯދުމުގެ ފުރުސަތު ކިޔާމީހާއަށް ދީފައެވެ.
(ނުނިމޭ)
ވަރަށް ރަނގަޅު ވާހަކަތަކެއް
ހެޔޮ ބަ ހަކީ ޞަދަގާތެކޭ ހަދީޘްކުރެއްވި ފަދައިން، ތިޔަ ހެން ލިޔުއްވާ ލިޔުއްވުން ވެސް ވާނީ ޞަދަޤާތަކަށް ދޮގެއްތޯ.ދުޢާ އަކީ ނަޢީމުގެެ
މަސައްކަތްޕުޅުގައި ބަރަކާތް ލައްވައި އިތުރު ކުރިއެރުން މިންވަރުކުރެއްވުން
ހިތާއި ސިކުނޑިއަށް ތަސައްލީ ލިބިދޭކަހަލަ ލިޔުންތަކެއް.މިކަހަލަ ގިނަ ލިޔުންތައް ލިޔުމުގެ ހެޔޮ ތައުފީގު ދެއްވާށި