ރިސޯރޓްތަކަށް ކޮށްފައިވާ އިންވެސްޓްމަންޓްތައް އިޤްތިޞާދީ އެހެން މަސައްކަތަކަށް ބޭނުންކުރެވޭނެ ގޮތެއް ހޯދަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ވިސްނުންފުޅަކީ ވެސް ރާއްޖޭގެ އިޤްތިޞާދީ މިސްރާބް އެހެން ދިމާއަކަށް ބަދަލުކޮށްލެއްވުން ކަމަށެވެ. އެކަމުގައި މެމްބަރުން މަސައްކަތް ކުރައްވައި ގޮތްތަކެއް ނިންމެވުމަށްފަހު ސަރުކާރަށް އެކަންކަމާ ބެހޭ ލަފައެއް އަރުވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބައެއް މެމްބަރުންގެ ވިސްނުންހުރީ ސަރުކާރުން ދެއްވާ މާލީ އެހީތެރިކަމަކީ އެ ރިސޯރޓްތަކުގައި ޤާއިމްކޮށްފައިވާ ވަޞީލަތްތައް އާމްދަނީ ލިބޭނެ އެހެން ކަމަކަށް ބަދަލުކުރުމަށް ދެވޭ އެހީއަހަކަށް ހެދުމަށް ސަރުކާރަށް ލަފާ ދެއްވުމަށް ކަމަށެވެ.
ހުރިހާ ރިސޯރޓްތަކަކީ ބޭނުންވާނެ ހުރިހާ ވަޞީލަތްތައް ޤާއިމް ކުރެވި އެހެން ކަމަކަށް ބަދަލު ކޮށްލަން ވިއަސް ދަތިތަކަމެއް ނެތި ބަދަލުކޮށްލެވޭނެ ގޮތަށް ހުރިތަންތަންކަން މަޖިލީހިގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެފަދަ ވަޞީލަތްތަކާއެކު އޮތް 200 ރިސޯރޓް އެބަ އޮތްކަން ފާހަގަ ކުރެއްވިއެވެ.އެންމެ ފުރިހަމަ ބަދިވެސް ޤާއިމް ކުރެވިފައި ހުންނަނީ ރީސޯރޓްތަކުގައި ކަން ފާހަގަ ކުރެއްވިއެވެ. އެތަންތަނަކީ މަސް ކެއްކުމުގެ މަސައްކަތް ކުރަންވިއަސް އެންމެ އެކަށީގެންވާ ތަންތަންކަން ފާހަގަ ކުރެއްވިއެވެ. އަދި ބައެއް ރިސޯރޓްތަކަކީ ކުރިންވެސް ތަރުކާރީއާއި މޭވާފަދަ ދަނޑުވެރިކަމުގެ ބާވަތްތައް ހައްދަމުން އައި ތަންތަން ކަން ފާހަގަ ކުރެއްވިއެވެ.
"އެންމެ ގޯސްކޮށް މިކަން (ފަތުރުވެރިކަން) ގޮސްފިއްޔާ. އެއް އަހަރު ދުވަސް ވަންދެން މިރިސޯޓްތައް ބާއްވާލުން، މަޖިލީހުގެ މެމްބަރުންގެ ވިސްނުމަކީ. އެ އެސެޓް އެހެން ޕްރޮޑަކްޝަނަކަށް ބޭނުންކުރުން. އެހަރުމުދާ އެހެން އުފެއްދުމަށް ނެރެވެން ޖެހޭނޭ. އެ ދިރާސާ ތައް މަޖިލީހުގެ ކޮމެޓީތަކުން ކުރިއަށް ގެންދާނެ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މެމްބަރުންގެ ވިސްނުންހުރީ ވިޔަފާރިތަކަށް ދެވޭލުޔަކީ އެހެން ކަމެއް ކުރުމަށް ދެވޭ ލުޔަކަށް ހެދުމަށް ކަމަށެވެ. ދެވޭއެހީ އަކީ ރުފިޔާ ލިބުނީ ގޭގައި ހުންނަން ދެވޭ އެއްޗަކަށް ނުހެއްދެވުމަށެވެ.
މާދަމާ ރިސޯރޓްތައް ހުޅުވިގެން ފަތުރުވެރިން އައިސްގެން އާމްދަނީ ހޯދޭނެކަމަށް ވިސްނައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. މިއީ އެހެން ގޮތަކަށް ކަންކަން ބަދަލު ކުރުމަށް ދިވެހިންނަށް ލިބޭ ފުރުޞަތެއް ގޮތުގައި ދެކެން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.