އާސްކް ސްޕީކަރގެ 6 ވަނަ ޕްރޮގްރާމް ޑިސެމްބަރ މަހު ބާއްވަން ނިންމައިފި

"އާސްކް ސްޕީކަރ" ގެ 6 ވަނަ ޕްރޮގްރާމް އަންނަ ޑިސެމްބަރ މަހު ބާއްވަން، ރައްޔިތުންގެ މަޖިލީހުން ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ މި ޕްރޮގްރާމަކީ ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަވާ ޕްރޮގްރާމެކެވެ.

މަޖިލީހުގެ އިދާރާ އިން ވިދާޅުވީ "އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީ އަންނަ ޑިސެމްބަރ މަހުގެ 1 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 2:15 ގައި ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ 4 ވަނަ ފަންގިފިލާގައި ކަމަށެވެ.

މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް، މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވަވާއިރު، އެ ސުވާލުތައް ފޮނުވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައްވާފަ އެވެ.

އެގޮތުން ފޯނުން ވީޑިއޯ ކުރުމަށްފަހު ނުވަތަ މެސެޖު މެދުވެރިކޮށް ވެސް ފޮނުވޭނެ ކަމަށް މަޖިލިސް އިދާރާ އިން ވިދާޅުވެ އެވެ. އަދި ޕްރޮގްރާމް ލައިވްކޮށް ސުވާލު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ވެއެވެ. އެފަރާތްތަކަށް ވެސް ނަން ނޯޓު ކުރުމަށް ވަނީ ހުޅުވާލާފަ އެވެ.

އެފަރާތްތަކުން ޑިސެމްބަރ 1 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން ނަން ނޯޓު ކުރެއްވުމަށް އެ އިދާރާ އިން ވަނީ އެދިވަޑައިގެންފަ އެވެ.

މަޖިލީހުގެ އިދާރާ އިން ވިދާޅުވީ އެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން 723 4566 އަށް މެސެޖު ކުރައްވައިގެން ނަން ނޯޓު ކުރެވޭނެ ކަމަށާއި އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ކުރެއްވުމަށް ޕޯސްޓޫ ކުރައްވާއިރު، #AskSpeaker ބޭނުން ކުރެއްވުން އެދޭ ކަމަށެވެ.

"އާސްކް ސްޕީކަރ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.