ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެދިއްޖެނަމަ ކޮވިޑް-19 އަށް ޓެސްޓްކުރަން ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ. މަޖިލީހުގެ އިދާރާއިން މިކަން ހާމަކޮށްފައިވަނީ ރައީސް ނަޝީދު ދާދިފަހުން އިނގިރޭސި ވިލާތަށް ކުރެއްވި އަމިއްލަފުޅު ދަތުރުފުޅާ ގުޅިގެން މަޖިލީހުން ނެރުނު ނޫސް ބަޔާނެއްގައެވެ.
މާރޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޮވިޑް 19 އަށް ޓެސްޓުކުރަން ސަރުކާރުން މިހާރު ވަނީ ނިންމާފައިވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނޫސްބަޔާނުގައި ވާގޮތުން ރައީސް ނަޝީދު އިނގިރޭސި ވިލާތަށް އަމިއްލަ ދަތުރުފުޅެއް ކުރެއްވީ މާރޗް މަހުގެ 11 އިން 14 އަށެވެ. ނަމަވެސް އޭރު އިނގިރޭސިވިލާތުން ރާއްޖެ އަންނަ ހުރިހާ އެންމެން ކޮވިޑްއަށް ޓެސްޓް ކުރަން ކަމާބެހޭ ފަރާތްތަކުން ނިންމާފައެއް ނުވެއެވެ. އަދި އިނގިރޭސި ވިލާތާ ގުޅޭގޮތުން އެފަދަ ޓްރެވަލް އެޑްވައިޒަރީއެއް ވެސް ނެރުއްވައިފައެއް ނުވެއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އެޗްޕީއޭ އިން އެދިވަޑައިގަންނަވާ ގޮތަކަށް އަމަލުލުރައްވަން ތައްޔާރަށް ކަމަށް މަޖިލިހުގެ އިދާރާގެ ނޫސްބަޔާނުގައިވެއެވެ.
އިނގިރޭސިވިލާތުން ދާދި ފަހުން އައި ތިން ދިވެހިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ފިޔަވައި އެންމެން ކަރަންޓީން ކުރަން ސަރުކާރުން ނިންމެވީ މާރޗް މަހު 20 ވަނަ ދުވަހުން ފެށިގެންނެވެ.