(29 މާރިޗު 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހަނގުރާމަވެރިން ރަށްތަކަށް އަރައި ހިންގި އަނިޔާވެރި އަމަލުތައް
މައްކާއާއި މަދީނާ ފިޔަވައި އިސްލާމީ ދުނިޔޭގެ އެހެން ރަށްރަށުގައި ވެސް ހަނގުރަމައިގެ ސަބަބުން ޖަމާއަތުގެ ނަމާދާއި ހުކުރު ނަމާދުކުރުން އެތައް ފަހަރަކު މެދުކެނޑިފައި ވެއެވެ. ޤުދްސުގައި ހުންނަ މަސްޖިދުލް އަޤްޞާއަކީ އެތަނުގެ ހުރުމަތް ކެނޑުމުގެ ސަބަބުން އެންމެ ގިނައިން ބަންދުކުރަން ޖެހުނު އެއް ތަނަށް ވާނެއެވެ. ފަހެ، ހިޖުރައިން 492 ވަނަ އަހަރުން ފެށިގެން ޞަލީބީން ފަލަސްޠީނުގައި ވެރިކަންކުރި 93 އަހަރު އަޤްޞާ މިސްކިތުގައި ނަމާދުކުރުން އޮތީ މެދުކެނޑިފައެވެ. ޞަލީބީން އެމީހުންގެ ވެރިކަން ފެށީވެސް އެ ތަނުގައި ބޮޑު ގަތުލުއާއްމެއް ހިންގުމަށް ފަހުއެވެ. މި ގަތުލުއާއްމު ސިފަކުރައްވަމުން 'އަލްކާމިލު' ގައި އިބްނުލްއަޘީރު ވިދާޅުވެފައި ވެއެވެ. "ފަރަންޖީން މަސްޖިދުލް އަޤްޞާގައި 70 ހާހަށްވުރެ ގިނަ މުސްލިމުން ގަތުލުކުރިއެވެ. އޭގެ ތެރޭގައި މުސްލިމުންގެ އިމާމުންނާއި، ޢިލްމުވެރިންނާއި، އަޅުވެރިންގެ ތެރެއިން އަމިއްލަ ރަށް ދޫކޮށް އެތަނުގައި ދިރިއުޅެމުން ދިޔަ ގިނަ ބަޔަކު ގަތުލުވިއެވެ."
ހަމަ އެފަދައިން، ހިޖުރައިން ހަތްވަނަ ގަރުނުގެ ކުރީކޮޅުއްސުރެ އަންދަލުސްގެ ނަސާރާއިން މުސްލިމުންގެ ރަށްތަކަށް އަރައި މިސްކިތްތަކާ މެދު ކަންތައް ކޮށްފައި ވަނީ ވެސް މި ބީދައިންނެވެ. އަންދަލުސްގެ ތާރީޚު ލިޔުއްވި ޢަބްދުﷲ ޢިނާން (މ. 1986މ.) އޭނާގެ ފޮތް 'ދައުލަތުލް އިސްލާމް ފިލްއަންދަލުސް' ގައި 'އަޚްބާރުލް ޢަޞްރި ފީ އިންޤިޟާއި ދައުލަތި ބަނީނަޞްރް' (ފޮތް ލިޔުނު މީހަކު ނޭނގޭ. އެހެންނަމަވެސް ލިޔެފައި ވަނީ މަންޒަރު ދުށް މީހަކުކަން އެނގޭ) ކިޔާ ފޮތަކުން ނަކަލުކުރައްވާފައި ވެއެވެ. "ޣިރްނާޠާ (ގްރެނާޑާ) ސްޕޭން މީހުންނާ ހަވާލުކުރިއިރު، މުސްލިމުންގެ ދީނީ މިނިވަންކަމަށް އިހްތިރާމުކުރާނެ ކަމަށް ބުނެ އެމީހުން ވީ ވައުދާއި ޚިލާފުވިއެވެ. އަދި މިސްކިތްތައް ބަންދުކޮށް، ދީނީ ޝިއާރު ފާޅުކުރުން މަނާކުރިއެވެ. އަދި އެމީހުންގެ ޢަޤީދާއާއި ޝަރީޢަތުގެ ހުރުމަތް ކަނޑާލިއެވެ."
އެންމެ ފާހަގަ ކޮށްލެވޭ މިފަދަ ހާދިސާތަކުގެ ތެރޭގައި ދެ ހާދިސާއެެއް ހިމެނެއެވެ. އެއީ ހިޖުރައިން 656 ވަނަ އަހަރު ހޯލާކޯ (ހުލާގޫ ޚާން) މަޣޫލުންގެ (މޮންގޯލްސް) ލަޝްކަރަކާއިގެން އަރައި ބަޣުދާދު ހިފުމާއި، ހިޖުރައިން 803 ވަނަ އަހަރު އުޒްބެކް ލީޑަރު ތައިމޫރްލިންކް (ޓެމަރްލޭން) (މ. 807ހ.) ތަތާރުންގެ (ޓަޓާރްސް) ލަޝްކަރަކާއިގެން އަރައި ދިމިޝްޤު ހިފުމެވެ.
މަޣޫލުން ބަޣުދާދަށް އަރައި ހިނގި ބިރުވެރި އަމަލުތަކުގެ ވާހައަކީ ލިޔަން ޖެހޭ ވަރަށްވުރެ މަޝްހޫރު ވާހަކައެކެވެ. އެހެންނަމަވެސް މި މަޒުމޫނާ ގުޅުންހުރި ވާހަކައެއް ބަޔާންކޮށްލާނަމެވެ. އިބްނުކަޘީރު 'އަލްބިދާޔާ ވައްނިހާޔާ' ގައި ލިޔުއްވާފައި ވެއެވެ. "އަދި ޚަޠީބުންނާއި، އިމާމުންނާއި، ޤުރްއާން ހިތުދަސް މީހުން ގަތުލުކުރެވުނެވެ. އަދި ބަޣުދާދުގައި އެތައް މަހަކަށް މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދާއި ހުކުރުކުރުން މެދުކެނޑިފައި އޮތެވެ."
އިބްނުކަޘީރާ އެއް ދުވަސްވަރެއްގައި އުޅުއްވި އަލްއިމާމު އައްސުބުކީ (މ. 771ހ.) އޭނާގެ ފޮތް 'ޠަބަޤާތުއް ޝާފިޢިއްޔާ' ގައި މި ހިތާމަވެރި ހާދިސާ ސިފަކުރައްވަމުން ލިޔުއްވާފައި ވެއެވެ. "ހޯލާކޯގެ އަތްދަށަށް ބަޣުދާދު ދިޔައެވެ. އަމީރުލް މުއުމިނީންއާއި ހުރިހާ މުސްލިމުން ގަތުލުކުރެވުނެވެ. ޞަލީބު އުފުލުނެވެ. އަދި މިސްކިތްތަކުން ދުވަސްކޮޅަކަށް ފައްޅީގެ ރަނގަބީލުގެ އަޑު އިވުނެވެ. އެއަށްފަހު، މިސްކިތްތައް ހަލާކޮށް ބޭނުންކުރުން ހުއްޓާލިއެވެ."
އަދި އިބްނުޚަލްދޫން (މ. 808ހ.) އޭނާގެ ތާރީޚުގައި ލިއުއްވާފައި ވެއެވެ. "ތަތާރުންގެ ލީޑަރު މަޙްމޫދު ޤާޒާން (މ. 703ހ.) އޭނާގެ ލަޝްކަރާއެކު ޝާމުކަރައިގެ (މިހާރުގެ ސީރިޔާއާއި ޖޯޑަން) ރަށްތަކަށް އަރައިގަތް އިރު ދިމިޝްޤަށް ވަދެ އެރަށް ލޫޓުވައި، މީސްތަކުންގެ މުދާ ފޭރުނެވެ. އަދި ޖާމިޢު ބަނީ އުމައްޔާ (މި މިސްކިތުގެ ނަމަކަށް އަލްޖާމިޢުލް އުމަވީ ވެސް ކިޔާ) މިސްކިތަށް ވަދެ، އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ހަރާމްކަމެއް އެ މިސްކިތުގައި ކޮށް، އެތަނުގެ ހުރުމަތް ކަނޑާލިއެވެ. އަދި ޤާޟީންނާއި ޚަޠީބުން ނިކަމެތިކޮށް، ޖަމާއަތުގެ ނަމާދާއި، ހުކުރު ނަމާދު ކުރުން މެދުކަނޑާލިއެވެ." މިހުރިހާ ކަމެއް ޤާޒާން ކުރީ އޭނާއަކީ ތަތާރުންގެ ތެރެއިން އިސްލާމްވި ޖީލުގެ މީހަކަށް ވެ ހުރެއެވެ.
ތައިމޫރުލިންކް ދިމިޝްޤަށް އަރައި ހިންގި އަމަލުތަކުގެ ވަޙުޝީކަން ވަކި ކުޑައެއް ނޫނެވެ. މިހުރިހާ ކަމެއް އޭނާ ހިންގީ އޭނާއަކީވެސް މުސްލިމެއް ކަމަށް ދައުވާކޮށް، ގަތުލުކުރުމާއި ފޭރުމުން ސަލާމަތްވެ ތިބުމުގެ ބަދަލުގައި އެރަށުގެ މީހުން އަތުން ފިދްޔައެއް ނެގެމަށް ފަހުއެވެ. އޭނާ ވަނީ އެއްބަސްވުން އުވާލައި، އެރަށް ލޫޓުވައި، ތަންތަން ހަލާކުކޮށް، އެންމެ ފަހުން އެރަށުގެ ބައެއްގައި ހުޅުޖަހާފައެވެ. އަލްމިޤްރީޒީ އޭނާގެ ފޮތް 'އައްސުލޫކް ލިމަޢުރިފަތި ދުވަލިލް މުލޫކް' ގައި ލިޔުއްވާފައި ވެއެވެ. "ދެން، މީސްތަކުން ދީނާއި ދުނިޔޭގެ އެހެން ކަމަކަށް ވުރެ އެމީހުން ތިބި ހާލާ މެދު ވިސްނަން ޖެހުނުވަރު ބޮޑުވުމުން، ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުމާއި، ހުކުރު ނަމާދުކުރުމާއި، ބަންގި ގޮވުން ހުއްޓާލިއެވެ."
މިކަން ހިނގާފައި ވަނީ އިބްނު ޚަލްދޫން ދުނިޔޭގައި ހުންނަވަނިކޮށެވެ. އޭނާ ވަނީ އެ ދުވަސްވަރު ދިމިޝްޤަށް ޒިޔާރަތްކުރައްވައި ތައިމޫރުލިންކާ ބައްދަލުކުރައްވާފައެވެ. އަދި އޭނާއާއި އޭނާގެ ލަޝްކަރުން ހިންގި ރަހުމްކުޑަ ގިނަ އަމަލުތަކެއްގެ ވާހަކަ އޭނާގެ ދަތުރުނާމާގައި ބަޔާންކުރައްވާފައެވެ. އެފަދަ އަމަލެއްގެ ސަބަބުން އަލްޖާމިޢު އަލްއުމަވީގެ ބައެއް އަނދައިގެން ގޮސް އެ މިސްކިތުގައި ނަމާދުކުރުން މެދުކެނޑުނެވެ. އޭނާގެ ދަތުރުނާމާގައި، އެބައިމީހުން ތަންތަނުގައި ހުޅުޖެހި ވާހަކަ ބަޔާންކުރައްވަމުން، ލިޔުއްވާފައި ވެއެވެ. "އެރަށް (ދިމިޝްޤު) އަނދަމުން ގޮސް އަލްޖާމިޢުލް އަޢުޡަމް (އަލްޖާމިޢުލް އުމަވީ) އާ ހަމައަށް ދިޔައެވެ. އަދި އަލިފާންގަނޑު މިސްކިތުގެ ފުރާޅާ ހަމައަށް އަރައި ފުރާޅު ވެއްޓި، ފާރުތައް ވެސް ތަޅައިގެން ދިޔައެވެ. އެއީ، ނުބައިކަމާއި، އަނިޔާވެރިކަން ބޮޑު އަމަލެކެވެ."
އަދި މިހާދިސާތައް ސިފަކުރައްވަމުން މުޖީރުއްދީން އަލްޢަލީމީ އަލްމަޤް ދިސީ (މ. 928ހ.) އޭނާގެ ފޮތް 'އައްތާރީޚުލް މުޢުތަބަރު ފީ އަޚްބާރި މަން ޣަބަރަ' ގައި ލިޔުއްވާފައި ވެއެވެ. "ތަތާރުން އެރަށަށް (ދިމިޝްޤަށް) އެރި ފަހުން އަލްޖާމިޢުލް އުމަވީގައި އެންމެ ހުކުރު ނަމާދެއް މެނުވީ ނުކުރެއެވެ. އެއީ ތަތާރުން އެރި ފަހުން ކުރި ފުރަތަމަ ހުކުރު ނަމާދެވެ." (ނުނިމޭ)