އިސްލާމީ ތާރީޚުގެ ތެރެއިން..... ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުން (1)

މިިއީ ފަލަސްޠީނު ޣައްޒާގައި ހުންނަ އިސްލާމިކް ޔުނިވަސިޓީގެ ޙަދީޘު ޢިލްމާ ބެހޭ ޑިޕާޓްމަންޓްގެ ލެކްޗަރާއެއް ކަމުގައިވާ ބަރާއު ނިޒާރު ރައްޔާން އަލްޖަޒީރާގެ އަރަބި ސައިޓުގައި ލިއުއްވާފައިވާ މަޒުމޫނެއްގެ ތަރުޖަމާއެވެ. އަޅުގަނޑުމެންގެ މެދުގައި މިއަދު މިހިނގާ މިސްކިތްތައް ބަންދުކުރަން ޖެހުން ފަދަ ކަންކަމަށް ތާރީޚީ ގޮތުން އަލިއަޅުވާލާފައިވާ މަޒުމޫނަކަށް ވާތީ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން ބޭނުންވީއެވެ. އުއްމީދަކީ ކިޔުންތެރިންނަށް މި މަޒުމޫނު ކަމުދިއުމެވެ.

"މިރަށުގައި ހައްދުން ނެއްޓިފައިވާ، ވަރަށް އަވަހަށް ފެތުރޭ ބަލިމަޑުކަމެއް ފެތުރުނެވެ. މީސްތަކުން ހިނގާފައި ދާއިރު ފަޅުވެފައިވާ ބާޒާރުތަކާއި، މީހުން ނެތި ހުހަށް އޮތް މަގުތަކާއި، ލައްޕާފައިވާ ދޮރުތައް މެނުވީ ނުފެނެއެވެ. އަދި ގިނަ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެއެވެ." މިއީ ހިޖުރައިން 449 ގައި ފެތުރުނު ބޮޑު ބަލިމަޑުކަމެއް ސިފަކުރައްވަމުން ތާރީޚު އިލްމުވެރިޔާ އިބްނުލް ޖައުޒީ (މ. 597ހ.) ލިއުއްވާވައިފާ ބަސްކޮޅެކެވެ. މިބަލި އޭރު މުޅި ދުނިޔެއަށް ފެތުރުނެވެ. އަދި މިއަދު ކޮވިޑް- 19 ގެ ސަބަބުން މިވާ ފަދައިން، މީސްތަކުންގެ މެދުގައި ބިރުވެރިކަން ފެތުރުނެވެ.

ފަހެ، މިއަދު ފެތުރެމުން މިދާ ބަލިމަޑުކަމުގެ އަސަރު މިވަނީ އިންސާނުންގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ފޯރާފައެވެ. މީސްތަކުން މަސައްކަތަށް ނުކުތުން ހުއްޓިއްޖެއެވެ. މަދަރުސާތައް ބަންދުވެއްޖެއެވެ. ދަތުރުތައް ކެންސަލް ވެއްޖެއެވެ. ރޭވުންތައް އެކޮޅުކޮޅުން ޖެހިއްޖެއެވެ. ގޭގައި އެކަހަރިވެ ތިބެންޖެހުމުން، އެއްބަޔަކު އަނެއް ބަޔަކާ ދުރުވެއްޖެއެވެ.

މުސްލިމުންވެސް މިއިން އެއްވެސް ކަމަކާމެދު ހަދާނެ ގޮތް ނޭނގިފައި ނުވަތަ ދެބަސްވެފައި ނެތެވެ. އެމީހުންނަށް ހަދާނެގޮތަކާ މެދު އެއްބަސްނުވެވުނީ ޖަމާއަތުގެ ނަމާދަށް ދިއުމާއި، ހުކުރު ނަމާދަށް ދިއުމާ މެދުގައެވެ. އަދި ކޮންމެ ދުވަހަކު ފަސް ފަހަރު ނަމާދަށްދާ މިސްކިތްތައް ބަންދުކުރުމާ މެދުގައެވެ.

ގިނަ ފިޤުހު އެކެޑަމީތަކާއި، ފަތުވާ ކޮމިޓީތަކުގެ ތާއީދާއެކު، ގިނަ އިސްލާމީ ގައުމުތަކުގެ ސަރުކާރުން، މިސްކިތްތަކާއި، އަޅުކަންކުރާ ތަންތަން ހިމެނޭހެން، މީހުން އެއްވެ އުޅޭ ހުރިހާ ތަނެއް ބަންދުކުރަން ނިންމި އިރު، ބައެއް ފިޤުހު އިލްމުވެރިންނާއި، ދީނީ ދަރުސުދޭ ބައެއް ފަރާތްތަކުން ވަނީ މި ނިންމުންތަކާ ދެކޮޅުހަދާފައެވެ. އެހެނަސް، މިސްކިތްތައް ބަންދުކުރުމަކީ، މުސްލިމުންގެ ހިތްތައް ވަރަށް ބޮޑަށް ނުތަނަވަސްކުރުވި ކަމެއް ކަމަށް އެންމެން ވެސް އެއްބަސް ވެއެވެ. އަދި ވަކިން ޚާއްސަކޮށް ޠަވާފުކުރާ މީހުންނާއި، އަޅުކަން ކުރާ މީހުން ނެތި މާތް ވެގެންވާ ގެފުޅުގެ ވަށައިގެން ފަޅަށް އޮތުމަކީ މުސްލިމުންގެ ހިތްތަކަށް ވަރަށް އުނދަގޫވާ މަންޒަރެކެވެ.

އެހެނަސް، ބޮޑެތި ބަލިމަޑުކަން ފަދަ، ކަންކަމާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި، ހުކުރު ނަމާދުކުރުން ހުއްޓާލާފައި އޮތްކަން ފިޤުހު ފޮތްތަކާއި، އިސްލާމީ ތާރީޚުގެ ފޮތްތަކުން ސާބިތުވެއެވެ. މި ފަދަ އެއް ބަލިމަޑުކަމުން މައްކާގެ ހަރަމްފުޅާއި، މަދީނާގެ މަސްޖިދުއް ނަބަވީއާއި، ޤުދްސުގެ މަސްޖިދުލް އަޤްޞާވެސް ސަލާމަތްވެފައި ނުވެއެވެ. މި މަޒުމޫނުގެ މަގުސަދަކީ މިފަދަ ހާދިސާތައް އޭގެ ސަބަބާއެކު ބަޔާންކުރުމެވެ. ފިޤުހީ ޚިޔާލުތަފާތުވުންތަކާއި ތަފްސީލުތަކަށް ދިއުމަކާ ނުލައެވެ.

ފަނާކުރަނިވި ބަލިމަޑުކަން:

މިފަދަ އެންމެ ބޮޑު އެއް ބަލިމަޑުކަމަކީ ހިޖުރައިން 18 ވަނަ އަހަރު ޝާމްކަރައިގެ ރަށްތަކުގައި ފެތުރުނު 'ޢަމްވާސްގެ ޠާޢޫނު' އެވެ. ޢަމްވާސް އަކީ ފަލަސްޠީނުގައި ޔާފާގެ އިރު ދެކުނުން 28 ކިލޯމީޓަރު ދުރުގައި އޮތް އަވަށެކެވެ. ޔަހޫދީން ވަނީ 1967 ވަނަ އަހަރު މިއަވަށް ބިމާ ހަމަކޮށްފައެވެ. މި ބަލިމަޑުކަމުގެ ތެރޭގައި ގިނަ އަދަދެއްގެ އަޞްޙާބު ބޭކަލުންނާއި، ތާބިޢީ ބޭކަލުން އަވަހާރަވެފައި ވެއެވެ. ތާރީޚު ޢިލްމުވެރިޔާ އިބްނުލް އަޘީރު (މ. 630ހ.) އޭނާގެ ތާރީޚު ފޮތް 'އަލްކާމިލު' ގައި ލިއުއްވާފައިވާ ގޮތުގައި، މީސްތަކުންނަށް ޖެހުނު މުސީބާތް ބޮޑުކަމުން "ބަލިމަޑުކަން ރަނގަޅުވެ މީސްތަކުންގެ ދިރިއުޅުން ހަމައަކަށް އެޅެންދެން ގިތެލާއި، ކިރާއި، މަސް ފަރީއްނުކުޅުއްވަން" އޭރުގެ ޚަލީފާ ޢުމަރު ބިން އަލްޚައްޠާބު رضي الله عنه (މ. 23ހ. ގައި) ހުވައި ކުރައްވާ ހިސާބަށް ކަންތައް ދިޔައެވެ. އެހެންނަމަވެސް، މުސްލިމުންގެ ދިރިއުޅުމުގައި ދުވަހުން ދުވަހަށް އޭރު ހިނގާފައިވާ ކަންތައްތަކުގެ ތަފްސީލު (އޭގެ ތެރޭގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުކުރުން  މެދުކަނޑާލުވެސް ހިމެނޭހެން) އެނގެން ނެތެވެ. އެހެނެއްކަމަކު، މި ޠާޢޫނު ނިމިގެން ދިއުމާ ބެހޭގޮތުން ވަރަށް އެހެންކަލަހަ ވާހަކައެއް ވަނީ ފެނިފައެވެ.

އިމާމު އަޙްމަދު (މ. 241ހ.) އެކަލޭގެފާނުގެ މުސްނަދުގައި ޝަހްރު ބިން ޙައުޝަބު (މ. 112ހ.) ގެ އަރިހުން އޭނާގެ މައިކަމަނާގެ ފިރިކަލުންގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އޭނާ ޢަމްވާސްގެ ޠާއޫނު ދެކެވަޑައިގަތެވެ. އޭރު މީސްތަކުންގެ ވެރިއަކަށް ހުންނެވީ އަބޫ ޢުބައިދާ ޢާމިރު ބިން އަލްޖައްރާޙު رضي الله عنه އެވެ. އެކަލޭގެފާނު އެބަލީގައި އަވަހާރަވިއެވެ. ދެން ވެރިކަމާ ޙަވާލުވެވަޑައިގަތީ މުޢާޛު ބިން ޖަބަލް رضي الله عنه އެވެ. އެކަލޭގެފާނުވެސް ޠާޢޫނު ޖެހިވަޑައިގެން އަވަހާރަވިއެވެ. ދެން މީސްތަކުންގެ ވެރިއަކަށް ޢަމްރު ބިން އަލްޢާޞް رضي الله عنه (މ. 43ހ.) އިސްކުރެއްވުމުން އެކަލޭގެފާނު މިންބަރަށް އަރައިވަޑައިގެން މީސްތަކުންނާ މުޚާޠަބުކުރެއްވިއެވެ. "މި ބަލި ޖެހުމުން އަލިފާން ގަނޑެއް އަނދައިގަންނަ ފަދައިން ފެތުރެއެވެ. ފަހެ، އެ ބަލިން ރައްކާތެރި ވުމަށް ތިޔަބައިމީހުން ފަރުބަދަތަކަށް އަރާށެވެ. (ބައެއް ރިވާޔަތަކުގައި އައިސްފައި ވެއެވެ. ތިޔަބައިމީހުން އެބައްޔާ ދުރުވާން ފަރުބަދަތަކަށް އަރައި ބައިބައިވެގަންނާށެވެ. އަދި ވާދީތަކުގެ ތެރެއަށް ބައިބައިވެގަންނާށެވެ.)" އެހިނދު އަބޫވާޘިލާ އަލްހުޛަލީ އެކަލޭގެފާނަށް ދެންނެވިއެވެ. މާތް ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނު އިތުރުފުޅު ހައްދަވަނީއެވެ. އަހަރެން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި އުޅުނީމެވެ. އަހުރެންގެ މި ހިމާރަށްވުރެ ކަލޭގެފާނުގެ ނުބައިކަން ބޮޑެވެ. (އޭނާ އެހެން އެ ބުނީ ޢަމްރު رضي الله عنه ފަހުން އިސްލާމްވެވަޑައިގެންފައި ވާތީ އެކަމަށް އިޝާރާތްކޮށެވެ.) ޢަމްރު رضي الله عنه ވިދާޅުވިއެވެ.: މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިބާ ތިޔަ ބުނާ ވާހަކައަށް ތިބާއަށް ރައްދުދެއްވަން ތިމަންކަލޭގެފާނު ބޭނުންފުޅު ނުވެއެވެ. ދެން އެކަލޭގެފާނު ނިކުމެވަޑައިގަތުމުން، މީސްތަކުންވެސް ނިކުމެ ބައިބަޔަށް އެކި ފަރާތްފަރާތަށް ހިނގައްޖެއެވެ. އަދި މާތް ﷲ އެބައިމީހުންގެ ކިބައިން އެބަލި ފިއްލަވައިފިއެވެ. ރާވީ ވިދާޅުވިއެވެ. ޢަމްރު رضي الله عنه ނިންމެވި ގޮތް ޢުމަރު ބިން އަލްޚައްޠާބު رضي الله عنه އަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު އެކަމާ ދެކޮޅު ނަހައްދަވައެވެ.

ހަގީގަތުގައި، ޢަމްރު رضي الله عنه އިރުޝާދުދެއްވި ގޮތަށް މީސްކަތުން އަމަލުކުރިކަމާ، ނުވަތަ ނުކުރާކަމާ މެދު އައިސްފައިވާ ރިވާޔަތްތަކުގައި ޚިލާފު އެބަހުއްޓެވެ. އެހެންނަމަވެސް، ޠާޢޫނުގެ ބަލިމަޑުކަން ނިމިގެން ދިޔަކަން އެނގެއެވެ. އެހެނަސް،  "ފަރުބަދަތަކުގެ މައްޗަށާއި، ވާދީތަކުގެ  ތެރެއަށް ބައިބަޔަށް ފެތުރިގަންނަން" ޢަމްރު رضي الله عنه ވިދާޅުވި ވާހަކަ ގިނަ ރިވާޔަތްތަކެއްގައި އައިސްފައި ވެއެވެ. އަބޫޖައުފަރު އައްޠަބަރީ (މ. 310) އޭނާގެ ފޮތް 'ތަހްޛީބުލް އާޘާރް' ގައި އަދި އިބްނު ޚުޒައިމާ (މ. 311ހ.) އާއި އިބްނު ޙިއްބާން (މ. 354ހ.) އެ ބޭފުޅުންގެ ޞަޙީޙުގައި މިވާހަކަ ރިވާކުރައްވާފައި ވެއެވެ.

އެހެންކަމުން، –(އަހަރުމެންނަށް އެނގިފައިވާ ގޮތުގައި) –ވަބާތަކުން ދިފާއުވުމަށް މީސްތަކުން އެކަހެރިވުމާއި، އެއް ބަޔަކު އަނެއް ބަޔަކާ ދުރުގައި ތިބުމަށް ގޮވައިލެއްވި ބޭކަލަކީ ޢަމްރު ބިން އަލްޢާޞް رضي الله عنه އެވެެ. ފަރުބަދަތަކުގެ މައްޗަށާއި، ވާދީތަކުގެ ތެރެއަށް މީހުން ބައިބަޔަށް ވަކިވެގަތުމުން ޖަމާއަތުގެ ނަމާދާއި، ހުކުރު ނަމާދު ނުކުރެވޭނެއެވެ. އަދި ރަށުން ބޭރުގައި ތިބުމުން ހުކުރު ނަމާދު ވާޖިބެއް ވެސް ނުވާނެއެވެ.

ޢަމްރު ބިން އަލްޢާޞް رضي الله عنه ގެ އެންގެވުމަށް މީސްތަކުން އަމުލުކުރިކަމާއި، ނުކުރާކަމާ މެދު ރިވާޔަތްތައް ތަފާތުވުމުން، އޭރު ތިއްބެވި އަޞްޙާބުބޭކަލުންނާއި، ތާބިޢީބޭކަލުން ހަގީގަތުގައިވެސް ޖަމާއަތުގެ ނަމާދާއި، ހުކުރު ދޫކޮށްލެއްވިކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް، އެންމެ ކުޑަމިނުން އެ ބޭކަލުންގެ ދުވަސްވަރުގައި އެކަމަށް ގޮވައިލެވުނުކަން އަހަރުމެންނަށް ނުސީދާކޮށް އެނގެން އެބައޮތެވެ.

އަބޫވާޘިލާ އަލްހުޛަލީ ޢަމްރު ބިން އަލްޢާޞު رضي الله عنه ގެ އެންގެވުމާ ދެކޮޅު ހެދީ (އޭނާއަށް ވިސްނިފައި އޮތް ގޮތުން) ޢަމްރު رضي الله عنه ގެ އެންގެވުން، ޠާޢޫނަށް ފިލަން ނުނުކުތުމަށް ރަސޫލުﷲ އަންގަވާފައިވާ އެންގެވުމާ ފުށުއަރާތީއެވެ. އެހެންނަމަވެސް، އެ ޙަދީޘުން ޢަމްރު رضي الله عنه އަށް ވިސްނިވަޑައިގަތް ގޮތުގައި (މޮޅަށް ދެނެވޮޑިގެން ވަނީ މާތް ﷲ) ރަސޫލުﷲ صلى الله عليه وسلم މަނާކުރެއްވީ ޠާޢޫނު ޖެހިފައިވާ ރަށެއް ދޫކޮށް އެހެން ރަށަކަށް ދިއުމެވެ. އެއީ، އެފަދަ މީހުންގެ ފަރާތުން ޠާޢޫނު ފެތުރުނަ ނުދިނުމަށެވެ. އަދި އެއީ އެއަށް ފިލަން ފަރުބަދަތަކުގެ މައްޗާއި، ވާދީތައް ފަދަ މީހުން ދިރިނުއުޅޭ ތަންތަނަށް ދިއުން މަނާކުރެއްވުމެއް ނޫނެވެ. (ނުނިމޭ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.